އިސްރާއީލުގެ ތެލް އަވީވާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ "ފްލައި ދުބާއީ" އެއާލައިނާ ދެމެދު އުފެދިފައިވާ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަ، ދެ ޤައުމުގެ ދެމެދުގައި އުފެދޭ ސިޔާސީ ޚިޔާލު ތަފާތުވުމަކަށް ބަދަލުވެދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓުކޮށްފިއެވެ.
އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އިސްރާއީލުން ދަނީ އެދެމުންނެވެ. މީގެ ތެރޭގައި ދުބާއީ އެއާޕޯޓުގައި ދަތުރުވެރިންގެ ފޮށިތައް ބަލައި ފާސްކުރުމަށް އިސްރާއީލުގެ ޚާއްސަ އާލާތްތައް ބެހެއްޓުމަށާއި، އިސްރާއީލުގެ އެތެރޭގެ ސަލާމަތީ ޚިދުމަތް، "ޝިންބެތު" ގެ އޮފިސަރުން ޔޫއޭއީ އެއާޕޯޓުގައި ހަރަކާތްތެރިވުމުގެ ހުއްދައަށް އިސްރާއީލުން ވަނީ އެދިފައެވެ.
ނަމަވެސް، ޔޫއޭއީން ވަނީ އިސްރާއީލުގެ މި އެދުމަށް އިންކާރުކޮށްފައެވެ. އެ ޤައުމުން ދެކޭގޮތުގައި އިސްރާއީލުގެ ސިފައިންނާއި ސަލާމަތީ ފަރާތްތަކުން ދުބާއީ އެއާޕޯޓުގައި އެފަދަ ބާރުތަކެއް ބޭނުންކުރުމަށް ފުރުސަތު ދިނުމަކީ ޤައުމީ އަބުރަށާއި ސިޔާދަތަށް އުނިކަން ލިބޭނެ ކަމެކެވެ.
މި ނުތަނަވަސްކަން އުފެދިފައިވަނީ ފްލައި ދުބާއީން ދުބާއީއާއި ތެލް އަވީވްއާ ދެމެދު ކުރާ ދަތުރުތައް މި އޮކްޓޫބަރު މަހުގެ ނިޔަލަށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އޮކްޓޫބަރު 16 އިން 31 އަށް ތާވަލުކޮށްފައިވާ އެންމެހައި ދަތުރުތައް ކެންސަލްކޮށްފައިވާކަން އެއާލައިނުން ވަނީ ޓްރެވަލް އެޖެންޓުންނަށް އަންގާފައެވެ.
މި މައްސަލައިގެ ފެށުމަކީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ދުބާއީން ތެލް އަވީވަށް ދަތުރުކުރި ފްލައި ދުބާއީގެ ބޯޓެއްގައި ހިންގި ނުރައްކާތެރި ހާދިސާއެކެވެ.
މީގެ އިތުރުން، ތެލް އަވީވްގެ ބެން ގުރިއަން އެއާޕޯޓަށް ޖެއްސި ބޯޓެއްގައި ބޮމެއް ބައްޓާފައިވާ ކަމަށް ބުނެ ދޮގު އިންޒާރެއް ދިން މައްސަލައެއްވެސް ދާދިފަހުން ވަނީ ސަލާމަތީ ފަރާތްތަކުން ބަލަން ފަށާފައެވެ.
އިސްރާއީލާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން ދެ ޤައުމުގެ ދެމެދުގައި މިފަދަ ބޮޑު ސަލާމަތީ އަދި ޑިޕްލޮމެޓިކް މައްސަލައެއް އަދި ތިލަވެފައެއް ނުވެއެވެ. ނަމަވެސް ދެފަރާތުގެ ޚިޔާލު ޚިލާފުވުންތައް ބޮޑުވެ، މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ ދެ ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ގުޅުމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބުނެއެވެ.





