އިސްރާއީލުގެ ކުރީގެ ޝިންބެތު ވެރިޔާ ނަތަންޔާހޫ އާ ދެކޮޅަށް އަބުރުގެ ދަޢުވާއެއް ކޮށްފި

އިސްރާއީލުގެ ޝިންބެތު ގެ ކުރީގެ ވެރިޔާ ރޮނިން ބާ، ބޮޑުވަޒީރު ނަތަންޔާހޫ ގެ މައްޗަށް ޝަރުޢީ ދަޢުވާއެއް އުފުއްލައިފިއެވެ. ނަތަންޔާހޫ ދާދި ފަހުން އާންމުކުރި މައުލޫމާތުތަކަކާއި ގުޅިގެން، ހަގީގަތް ހާމަކުރުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރޮނިން ބާ ބުނެއެވެ.

ނަތަންޔާހޫ ކުރިން އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަމަލާގެ ކުރިން ރޮނިން ބާއަށް ނުރައްކަލުގެ ކުލަވަރުތައް އެނގި ހުރެ އެކަން ބޮޑުވަޒީރަށާއި ސިފައިންނަށް އަދި ސަރަޙައްދުގެ ޑިފެންސް ޓީމުތަކަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެ ދުވަހުގެ ހާދިސާތަކާއި ގުޅިގެން ރޮނިން ބާގެ އިހމާލުތަކެއްވާ ކަމަށް ނަތަންޔާހޫ ތުހުމަތު ކޮށްފައިވެއެވެ.

މި ތުހުމަތުތަކަށް ރައްދުދެމުން ރޮނިން ބާ ބުނީ، ރަސްމީ ތަޙުޤީޤު ކޮމިޓީއެއް ނެތް މިފަދަ ދަނޑިވަޅެއްގައި، ހަގީގަތް ހާމަވާނީ ކޯޓުގެ މެދުވެރިކޮށް ކަމަށެވެ. އަދި ބޮޑުވަޒީރު، ލިބިފައިވާ އިމްތިޔާޒުތަކާއި ހިމާޔަތުގެ ފަހަތުގައި ފިލައިގެން ނުހުރުމަށް އޭނާ ގޮވާލިއެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރުމަތިން ނަތަންޔާހޫއަށް ސާފުކޮށް އިންޒާރުތައް ދީފައިވާނެ ކަމަށް ބާ ބުންޏެވެ.

ކޯޓަށް ހުށަހަލާފައިވާ ލިޔުންތަކުގައި ބާ ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ މާޗު މަހާއި އެޕްރީލް މަހުގެ ތރގައި އަދި އެއަށްފަހު ޖުލައި މަހުން ފެށިގެން ހަލުވިކަމާއެކު ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި ހަނގުރާމައިގެ އިންޒާރުތައް ބޮޑުވަޒީރަށް ރަސްމީކޮށް ފޯރުކޮށްދީފައިވާނެއެވެ. ޚާއްސަކޮށް، ޣައްޒާ ސަރަޙައްދާއި ޔަޙްޔާ ސިންވާރުގެ ފަރާތުން އަތުވެދާނެ ނުރައްކާތަކާ ގުޅޭގޮތުން އެތައް ފަހަރަކު މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރޭ 3:03 ގައި ވެސް ޝިންބެތުން ވާނީ ކަމާބެހޭ ސަލާމަތީ އިދާރާތަކަށް ކުއްލި އިންޒާރެއް ފޮނުވާފައި ކަމަށް ބާ ބުންޏެވެ. ޝިންބެތުގެ އިސްވެރިޔާގެ ހައިސިއްޔަތުން ލިބެންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވި ބައެއް ކަންކަމުގެ ޒިންމާ ނަގައި، އޭރު އަމިއްލައަށް މަގާމުން އިސްތިއުފާ ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ.

ވޭތިވެދިޔަ ތިން އަހަރު ދުވަހު ހަނުހުރީ ތަޙުޤީޤަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި، ނަމަވެސް ބޮޑުވަޒީރުގެ ފަރާތުން  އޮޅުވާލަމުންދާ ވާހަކަތަކަށް ރައްދުދީ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށް ބާ ބުންޏެވެ. މި މައްސަލައާ ގުޅުންހުރި އަސްލު ލިޔުންތައް އާންމުކުރުމުގެ ހުއްދައަށް އެދި ކޯޓަށާއި ސިފައިންގެ ސެންސަރު އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް ރޮނިން ބާ ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!