އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނާ ދެކޮޅަށް، އދގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެންބަރު ގައުމަކުން ވީޓޯ ބޭނުންކޮށްފައިވާ ކަމަށް ޑިޕްލޮމެޓުން ހާމަކުރައްވައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމްއިއްޔާގެ އެންމެ މަތީ މަގާމަށް އާ ކެންޑިޑޭޓުން ނުކުތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިގެންގޮސްފައެވެ.
ސެކިއުރިޓީ ކައުންސިލްގައި ސިއްރުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާގޮތުން، މި މަގާމަށް ކުރިމަތިލައްވާފައިވާ ހަތް ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ދާއިމީ ފަސް ގައުމުގެ ފުރިހަމަ ތާއީދެއް ލިބިވަޑައެއްނުގަނެއެވެ.
މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝްގެ ދެވަނަ ދައުރު 2026 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ހަމަވާއިރު، އޭނާއަށް ފަހު އެމަގާމަށް މިހާތަނަށް ހަތަރު އަންހެނުންނާއި ތިން ފިރިހެނުން ވަނީ ނަން ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ޗިލީގެ ކުރީގެ ރައީސް މިޝެލް ބަޝެލޭ، އެކުއާޑޯގެ މާރިއާ ފެރްނާންޑާ އެސްޕިނޯސާ، ކޮސްޓަރީކާގެ ރެބެކާ ގްރީންސްޕަން، ގުޔާނާގެ ކެރޯލައިން ރޮޑްރިގޭޒް-ޕާކެޓް، އާޖެންޓީނާގެ ރަފައެލް ގްރޮސީ، އުގެންޑާގެ އޮލާރާ އޮޓުނޫ އަދި ސެނެގާލްގެ ކުރީގެ ރައީސް މަކީ ސާލް ހިމެނިވަޑައިގަންނަވައެވެ.
އދގެ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އިންތިޚާބުވުމަށްޓަކައި، ސެކިއުރިޓީ ކައުންސިލްގެ 15 މެންބަރު ގައުމުގެ ތެރެއިން މަދުވެގެން ނުވަ ގައުމުގެ ތާއީދު ލިބެންޖެހެއެވެ. މީގެއިތުރުން، ދާއިމީ ފަސް ގައުމު ކަމަށްވާ އެމެރިކާ، ރަޝިޔާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތެރެއިން އެއްވެސް ގައުމަކުން ވީޓޯ ގެ ބާރު ބޭނުންކޮށްގެން ނުވާނެއެވެ.






