އިޓަލީގެ މުދައްރިސުން މަދުވުމާއި، ސްކޫލްތަކުގެ ހާލަތު ދަށަށް ދިއުމުގެ އިތުރުން ސަރުކާރުން އަލަށް ހުށަހެޅި ތައުލީމީ ގާނޫނާ ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކުރުމުގެ ގޮތުން އެ ގައުމުގެ ތަފާތު ސިޓީތަކުގައި އެތައް ހާސް ދަރިވަރުންނެއް މަގުމައްޗަށް ނުކުމެ ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ. ފްރާންސްގެ ދަރިވަރުން ކުރިއަށްގެންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެ މީހުންގެ ގޮވާލުންތަކާ އެއްގޮތަށް އިޓަލީގައި ކުރިއަށްގެންދިޔަ މި މުޒާހަރާތަކުގައި ދިހަހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޓަލީގެ އުތުރުން އޮންނަ ޓުރިން ސިޓީގައި ބޭއްވި މުޒާހަރާގެ ތެރެއިން ބައެއް ހަމަނުޖެހުންތައް ހިންގާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާ ދިމާލަށް ގަލާއި ފުޅި އުކާފައެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް ފެންބަޑިއާއި ކަރުނަގޭސް ބޭނުންކޮށްފައެވެ. ނަމަވެސް، ވެރިރަށް ރޯމާއި މާލީ މަރުކަޒު މިލާން ހިމެނޭ ގޮތަށް އެހެން ސިޓީތަކުގައި ބޭއްވި މުޒާހަރާތައް އާންމުގޮތެއްގައި ކުރިއަށްގޮސްފައިވަނީ އަމާންކަމާއެކުގައެވެ.
މި މުޒާހަރާތަކުގައި ބައިވެރިވި ދަރިވަރުން ވަނީ ފްރާންސްގެ ދަރިވަރުންނަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން ފްރާންސް ބަހުން ޝިއާރުތައް އުފުލައި، ލިޔުންތައް ބޭނުންކޮށްފައެވެ. އިޓަލީގެ ދަރިވަރުންގެ މައިގަނޑު އެދުންތަކުގެ ތެރޭގައި ސްކޫލްތަކަށް އިތުރު މުދައްރިސުން އައްޔަންކުރުމާއި، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުމުގެ އިތުރުން ސްކޫލްތަކުގެ ތައުލީމީ ފެންވަރު މަތިކުރުން ހިމެނެއެވެ.
މީގެއިތުރުން، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ ކޯލިޝަން ސަރުކާރުން ތައާރަފުކުރުމަށް މަސައްކަތްކުރާ ނިއު އެޑިއުކޭޝަން ލޯ އަށްވެސް ދަރިވަރުން ވަނީ ވަރަށް ބޮޑަށް ދެކޮޅުހަދާފައެވެ. އަންނަ ތައުލީމީ އަހަރުންެ ފެށިގެން އަމަލުކުރަން ގަސްދުކުރާ މި ގާނޫނުގެ ދަށުން، އިޓަލީ ބަސް ނޭނގޭ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ނިސްބަތް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ފްރާންސްގެ ސެޕްޓެމްބަރު 21 އިން ފެށިގެން ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުން ގެންދަނީ މުދައްރިސުން ދަތިވުމާއި، ކްލާސްރޫމްތައް ތޮއްޖެހުމާއި، އަދި އިމާރާތްތައް ވީރާނާވަމުންދާތީ ސަރުކާރުން ތައުލީމީ ދާއިރާއަށް ކުރާ ހޭދަ ކުޑަކުރުމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އިޓަލީގެ ދަރިވަރުންގެ މުޒާހަރާތަކަކީ ފްރާންސްގެ ދަރިވަރުންގެ ހަރަކާތްތަކަށް ހިތްވަރުލިބިގެން ފެށިގެންދިޔަ ހަރަކާތްތަކެކެވެ.






