Unsplash by Chris Karidis
Unsplash by Chris Karidis

ހަމަނުޖެހުންތަކުގެ ފަހަތުގައި ބައިނަލްއަޤުވާމީ ސިޔާސީ ނެޓްވޯކެއް އޮތްކަމަށް ތަޙުޤީޤަކުން ހާމަވެއްޖެ

ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ ޤައުމީ ފެންވަރުގެ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ފަހަތުގައި، ސޯޝަލްމީޑިއާއާއި އެކި ޖަމްޢިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް ހަރަކާތްތެރިވަމުންދާ ބައިނަލްއަޤުވާމީ ފާޅުކަންބޮޑު ސިޔާސީ އަދި ފިކުރީ ނެޓްވޯކެއް ވާކަން އައު ތަޙުޤީޤަކުން ހާމަވެއްޖެއެވެ.

އިސްލާމީ އަދި ހުޅަނގުގެ މީޑިއާ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި, ސްކޫލްތަކުގެ ޙާލަތާއި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާ ގުޅިގެން ފެށި މި ޙަރަކާތްތަކުގެ ތެރެއަށް ވާތު ފިޔައިގެ ސިޔާސީ ޖަމްޢިއްޔާތަކާއި, ސޯޝަލްމީޑިއާ ޕްލެޓްފޯމްތައް ވަދެ, މުޒާހަރާތައް ވަނީ ފުޅާދާއިރާއެއްގައި ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުކޮށްލާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ވަނީ 2,300 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

މި ނެޓްވޯކުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ޒުވާނުން ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ އިތުރުން, މަސައްކަތްތެރިންގެ ޔޫނިއަން ތަކާއި, ސިޔާސީ ޕާޓީތަކާއި, އަދި އެކި ޤައުމުތަކުގައި ހަރަކާތްތެރިވަމުންދާ ވަކި ޚާއްޞަ މަޤުޞަދުތައް ޙާޞިލުކުރުމަށް މަސައްކަތްކުރާ ޖަމާޢަތްތައް ހިމެނެއެވެ. އަދި މި ޙަރަކާތްތައް ހަމައެކަނި ފަރަންސޭސިވިލާތަށް ލިމިޓްވެފައެއް ނުވެއެވެ. މީގެ ތެރޭގައި އެމެރިކާއާއި, އިނގިރޭސިވިލާތާއި, ގްރީސްއާއި, ބްރެޒިލްގެ އިތުރުން އިންޑިއާ ފަދަ ޤައުމުތަކާވެސް ގުޅިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި ކަމާ ގުޅިގެން ވާހަކަދައްކަވަމުން ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން ވިދާޅުވީ, މުޒާހަރާތަކުގެ ނަމުގައި ހިންގާ އެއްވެސް އަނިޔާވެރި ޢަމަލެއް ބަލައިނުގަނެވޭނެ ކަމަށާއި, ޤައުމުގެ މަސްލަޙަތާއި އާންމު ސަލާމަތް ޙިމާޔަތްކުރުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!