ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި

ރާއްޖެއާ ޕާކސިްތާނާ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އަންގާރަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސް މުއިއްޒު ޕާކިސްތާންގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސް ޒަރުދާރީގެ ފަރާތްޕުޅުން ރައީސް މުއިއްޒުގެ ޝަރަފުގައި ޚާއްސަ ރަސްމީ ޖާފަތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް މުއިއްޒު އާއި ބޮޑުވަޒީރު ޝެހެބާޒް ޝަރީފާ ދެމެދު މަޝްވަރާތަކާއި ދެ ގައުމުގެ އިސް އޮފިޝަލުންގެ ފެންވަރުގައި ވަފުދުތަކުގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ވިޔަފާރި، އިންވެސްޓްމަންޓް، ސިއްހަތު، ތައުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަން، ދިފާއީ ދާއިރާ، ކަނޑުގެ ސަލާމަތްތެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާ މެދު މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކާ މެދު ދެ ލީޑަރުން ޚިޔާލު ބަދަލުކުރައްވާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމަށް "ޕާކިސްތާން- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ ނަމުގައި ޚާއްސަ ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަތުމުގެ ކުރިން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިސްކޮށް ހުންނެވި ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދެއް ވަނީ އަންގާރަ ދުވަހު ހެނދުނު އިސްލާމްއާބާދަށް ވަޑައިގެންފައެވެ. މި ވަފުދުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވައެވެ. ވައިގެ ބަނދަރުން މި ވަފުދަށް މަރުހަބާ ދެންނެވީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނާއި، ދެކުނު އޭޝިއާ އަދި ސާކް ދާއިރާގެ ޑައިރެކްޓަރ ޖެނެރަލްގެ އިތުރުން ދެ ގައުމުގެ ހައިކޮމިޝަނަރުންނެވެ.

ރާއްޖޭގެ ރައީސަކު އެންމެ ފަހުން ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 6 އިން 7 އަށެވެ. އެއީ އޭރުގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް، ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ހިއްސާ ކުރައްވާ!