ޕާކިސްތާނުގެ ސިންދު އެސެމްބްލީގެ ޕަބްލިކް އެކައުންޓްސް ކޮމިޓީ (ޕީއޭސީ) އަށް އަންގާރަ ދުވަހު ދިން މައުލޫމާތުގައި، ޑޯ ޔުނިވަރސިޓީ އޮފް ހެލްތު ސައިންސަސް (ޑީޔޫއެޗްއެސް) ގެ 27 މުވައްޒަފެއްގެ ތައުލީމީ ސަނަދުތަކަކީ ސައްހަ ނޫން ފޭކު ސަނަދުތަކެއްކަން ސާބިތުވުމާ ގުޅިގެން އެ މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ހާމަކޮށްފިއެވެ. އަދި އެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދީފައިވާ އެންމެހައި ފައިސާއެއް އަނބުރާ ހޯދުމަށް ކޮމިޓީއިން ވަނީ އެ ޔުނިވަރސިޓީގެ އެޑްމިނިސްޓްރޭޝަނަށް އަންގާފައެވެ.
ނިސާރު އަޙްމަދު ކުހްރޯ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ހާމަވި ގޮތުގައި، އެ ޔުނިވަރސިޓީގެ ޖުމްލަ 5,350 މުވައްޒަފުންގެ ތެރެއިން 3,400 މުވައްޒަފެއްގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ހަޔަރ އެޑިއުކޭޝަން ކޮމިޝަން (އެޗްއީސީ) އިން އަދިވެސް ދަނީ ކުރަމުންނެވެ. ކޮމިޓީގެ މެންބަރުން ކަމަށްވާ ގާސިމް ސިރާޖް ސޫމްރޯ އާއި މަކްދޫމް ފަޚަރުއްޒަމާންގެ އިތުރުން ޑޯ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ނާޒްލީ ހުސައިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވަނީ 2024 އަދި 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކާ މެދު މަޝްވަރާކުރައްވާފައެވެ.
އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔުނިވަރސިޓީގެ އެޑްމިނިސްޓްރޭޝަނުން ވަނީ ވަޒީފާއަށް ނެގި މުވައްޒަފުންގެ ސަނަދުތައް އޮޑިޓް މަރުހަލާގައި ސައްހަކޮށްދިނުމަށް ނުކުޅެދިފައެވެ. އަދި، އެކަމާ ގުޅޭ ސުވާލުތަކަށް ޖަވާބުނުދީފައެވެ. ޔުނިވަރސިޓީގެ ފައިނޭންސް ޑައިރެކްޓަރު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެޗްއީސީ މެދުވެރިކޮށް ސަނަދުތައް ކަށަވަރުކުރުމުގެ މަސައްކަތް 7.36 މިލިއަން ރުޕީސްއަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށެވެ.
މިހާތަނަށް ޗެކްކުރެވުނު 1,945 މުވައްޒަފުންގެ ސަނަދުތަކުގެ ތެރެއިން 27 މުވައްޒަފެއްގެ ސަނަދު ފޭކުކަން އެނގިފައިވާއިރު، އެކަޑެމިކް ޑޮކްޓަރުންގެ 70 އިންސައްތައަށްވުރެ ގިނަ މީޙުންގެ ސަނަދުތައް ވަނީ ކަށަވަރުކުރެވިފައެވެ. ބާކީ 25 އިންސައްތަ ސަނަދުތަކުގެ މަސައްކަތް އަދިވެސް ދަނީ ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށެވެ. ޕީއޭސީގެ ޗެއަރމަން ވަނީ ސަރުކާރުގެ އެހެން ޔުނިވަރސިޓީތަކުންވެސް މުވައްޒަފުންގެ ސަނަދުތައް ކަށަވަރުކުރުމުގެ ރިޕޯޓެއް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ޔުނިވަރސިޓީގެ އަހަރީ ބަޖެޓާއި އާމްދަނީއާ ގުޅޭގޮތުންވެސް ސުވާލުކުރެވުނެވެ. އެގޮތުން ޔުނިވަރސިޓީގެ އަހަރީ ބަޖެޓަކީ 26 ބިލިއަން ރުޕީސް ކަމަށާއި، ތައުލީމީ ޚިދުމަތްތަކާއި، ރޭޑިއޮލޮޖީ، ލެބޯޓްރީ އަދި ކުދިންގެ ފީގެ ގޮތުގައި ލިބޭ 4.5 ބިލިއަން ރުޕީސް އާއެކު އަހަރަކު 25 ބިލިއަން ރުޕީސްގެ އާމްދަނީއެއް ލިބޭކަން ހާމަކުރިއެވެ.



