ރައީސް މުއިއްޒަށް ޕާކިސްތާނުން ހޫނު މަރުހަބާއެއް

ޕާކިސްތާނަށް ކުރައްވަމުންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒަށް އިސްލާމްއާބާދުގެ ބޮޑުވަޒީރުގެ ގެކޮޅުގައި ބުދަ ދުވަހުގެ ހެނދުނު ޝަރަފުގެ ގާޑެއް އަރުވައި، ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދައުވަތަކަށް ރައީސް މުއިއްޒު އިސްލާމްއާބާދަށް ވަޑައިގެންނެވީ އަންގާރަ ދުވަހުއެވެ. މިއީ 1966 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރެވުނު ފަހުން 60 އަހަރު ފުރުން ފާހަގަކުރަމުންދާ މުނާސަބާއެކެވެ. މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ވަޒީރުންނާ ސަލާމްކުރައްވާފައެވެ. އަދި ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ރާއްޖޭގެ މަތީ ފެންވަރުގެ ވަފުދަށް މަރުހަބާ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބޮޑުވަޒީރު ވަނީ މެހެމާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެއަށްފަހު ޕާކިސްތާނުގެ ސިފައިންގެ ތިން ގޮފި ކަމަށްވާ އެއްގަމު ސިފައިންނާއި، ވައިގެ އަދި ކަނޑުގެ ސިފައިންގެ ޚާއްސަ ކޮންޓިންޖެންޓަކުން ރައީސް މުއިއްޒަށް ޝަރަފުގެ ގާޑެއް އަރުވާފައިވެއެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރުގެ ގެކޮޅުގެ ގޯތިތެރޭގައި ގަހެއް އިންދަވައި ދެއްވާފައެވެ. އަދި ދެ ގައުމުގެ ކުރިއެރުމާއި ފާގަތިކަމަށް އެދި ޚާއްސަ ދުއާއެއްވެސް ވަނީ ކޮށްފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނާއިބް އަދި ޚާރިޖީ ވަޒީރު އިސްހާގް ދާރްއާ ބައްދަލުކުރައްވާފައެވެ. މީސް މީޑިއާ އެކްސްގައި ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، އިސްހާގް ދާރް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް ވިޔަފާރި، އިންވެސްޓްމަންޓް، ތައުލީމު، މޫސުމަށް އަންނަ ބަދަލުތައް އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެވުނެވެ.

އިސްހާގް ދާރްއާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ޕާކިސްތާނާއެކު އޮތް ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ގައުމަށްވެސް ފައިދާހުރި އާ ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ރާއްޖެއިން އެދޭ ކަމަށެވެ. މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ "ޕާކިސްތާން-މޯލްޑިވްސް  ބިޒްނަސް ފޯރަމް" ގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ސީދާ ގުޅުން ގާއިމުވެ، އިންވެސްޓްމަންޓްގެ އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ދާރް ވިދާޅުވިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް މުއިއްޒު ވަނީ އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. އަދި ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ޚާއްސަ ބައްދަލު ވުމަކާއި އަދި ވަފުދުތަކުގެ ފެންވަރުގައި މަޝްވަރާތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމުގައި މުހިންމު ފިޔަވަޅެކެވެ. ވޭތުވެދިޔަ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ރާވަލްޕިންޑީގައި ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ފީލްޑް މާޝަލް އާސިމް މުނީރްއާ ބައްދަލުކުރައްވާފައެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 6 އިން 7 އަށެވެ. އެއީ އޭރުގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް، އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ނަވާޒް ޝަރީފް އާއިލާއަކީ ރާއްޖެއާއެކު ޚާއްސަ ގުޅުމެއް ބާއްވަވާ ބޭފުޅުންކޮޅެކެވެ. ރައްޔިތުންގެ މަޖިލިސް އިމާރާތްވެސް ޕާކިސްތާނުން ބިނާކޮށް ފުރިހަމަ ކޮށްދީފައި ވަނީ ނަވާޒް ޝަރީފްގެ ލީޑަރޝިޕްގައެވެ.

ހިއްސާ ކުރައްވާ!