އިންޑޮނޭޝިޔާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި ވަލުޖަންގަލިތަކުގައި ރޯވާ މައްސަލައިގައި ދަރިވަރުންގެ މުޒާހަރާތަކެއް ފަށައިފި

އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯގެ ވެރިކަމަށް ދެ އަހަރު ފުރުނު ތާރީޚާ ދިމާކޮށް، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، އިގްތިސާދީ ކަންބޮޑުވުންތަކުގެ އިތުރުން ވަލުޖަންގަލިތަކުގައި ރޯވަމުންދާ މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި އެ ގައުމުގެ ގިނަ ސިޓީތަކެއްގައި ދަރިވަރުން މުޒާހަރާތަކެއް އަންގާރަ ދުވަހު ފަށައިފިއެވެ.
ޖަކާޓާ ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މުޒާހަރާތައް ކުރިއަށްގޮސްފައިވަނީ ވެރިރަށް ޖަކާޓާގެ އިތުރުން ޔޮގްޔަކާޓާ އަދި ވެސްޓް ޖާވާގެ ބަންޑުންގައެވެ. ދަރިވަރުންނާއި މަދަނނީ ޖަމްއިއްޔާތަކުން ވަނީ އިގްތިސާދީ ފިއްތުންތަކާއި، ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން އާންމުންގެ މިނިވަންކަމަށް ހުރަސްއެޅޭތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖަކާޓާގެ ތުގޫ ތާނީ މޮނިއުމަންޓް ސަރަހައްދަށް އެއްވި ސަތޭކައަށްވުރެ ގިނަ ޔުނިވަރސިޓީ ދަރިވަރުން ވަނީ ދިރިއުޅުމުގެ ޚަރަދުތައް ދަށްކުރުމަށާއި، ޖަންގަލިތަކާއި ފީޓްލޭންޑްތަކުގައި ރޯވަމުންދާ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއްެ އެޅުމަށް ގޮވާލާފައެވެ. މި އަލިފާންގަނޑުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ދުމުގެ އަސަރުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، ސްކޫލްތައް ބަންދުކުރަންޖެހި، އާންމު ސިއްހަތަށް ވަނީ ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ޖަންގަލިތަކުގައި ރޯވާ މައްސަލައަކީ ގައުމީ ކާރިސާއެއްގެ ގޮތުގައި ކަނޑައެޅުމަށާއި، ތިމާވެއްޓަށް ގެއްލުންދޭ ކުންފުނިތަކަށް ގާނޫނީ ފިޔަވަޅު ބެލުމަށް އެދިފައެވެ. އަދި ކޮރަޕްޝަން ހުއްޓުވައި، ތައުލީމާއި ސިއްހީ ޚިދުމަތްތަކުގެ އަގުު ލުއިކޮށްދިނުމުގެ އިތުރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށްވެސް ވަނީ ގޮވާލާފައެވެ. އާރްޓީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަލަބޮލިވި މި މުޒާހަރާތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ޓްރަކެއްގައި ރޯކޮށްލާފައެވެ.
މި މުޒާހަރާތައް ކުރިއަށްދަނިކޮށް، ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ޖަންގަލިތަކުގައި ރޯވާ އަލިފާން ނިއްވުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ޖަކާޓާގެ މަރްޑެކާ ގަނޑުވަރުގައި ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ބާއްވަވާފައެވެ.
މީގެ އިތުރުން ޖަންގަލިތަކުގައި ރޯވުމާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 98 ކުންފުންޏެއްގެ މައްސަލަ ތަހުގީގުކުރުން އަވަސްކުރުމަށް ރައީސް އަންގަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިއްސާ ކުރައްވާ!