ވައި ނުސާފު ސިޓީތަކުގެ ކުރީގައި ލާހޯރު، ގާހިރާ އަދި ދިއްލީ

ފިނި މޫސުން ފެށުމާއެކު ވައިގެ ތެރޭގައި ދުންފިނި ބޯވެ، ޕާކިސްތާނުގެ ސެންޓްރަލް ޕަންޖާބުގެ މައި ސިޓީ، ލާހޯރު އަނެއްކާވެސް ދުނިޔޭގެ އެންމެ ވައި ތަޣައްޔަރުވެފައިވާ ބޮޑު ސިޓީގެ ގޮތުގައި ރެކޯޑުކުރެވިއްޖެއެވެ. ސްވިޒަރލޭންޑްގެ އެއާ ކުއަލިޓީ މޮނިޓަރިންގ ޕްލެޓްފޯމް "އައިކިއުއެއާ" އިން އާންމުކުރި ވަގުތުން ވަގުތަށް ބަލާ މިންގަނޑުތަކަށް ބަލާއިރު، އޮކްޓޯބަރު 28 ގެ ހެނދުނު 10:00 ގައި ލާހޯރުގެ އެއާ ކުއަލިޓީ އިންޑެކްސް (އޭކިއުއައި) އުޅެނީ 296 ގައެވެ.

މި އިންޑެކްސްގެ މިންގަނޑުން ބަލާއިރު ލާހޯރު ހިމެނިފައިވަނީ ސިއްހަތަށް "ވަރަށް ނުރައްކާތެރި" ކެޓަގަރީގައެވެ. މިފަދަ މިންވަރަކަށް ވައި ނުސާފުވުމުން، ޚާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާހިއްލުމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކުގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. މި ލިސްޓުގެ ދެވަނައިގައި 289 ގެ އޭކިއުއައި މިންވަރަކާއެކު މިސްރުގެ ގާހިރާ އުޅޭއިރު، އިންޑިއާގެ ނިއުދިއްލީ އުޅެނީ 3 ވަނާގައި 272 ގެ އޭކިއުއައި މިންވަރެއްގައެވެ.

ޕާކިސްތާނުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނި ގޮތުގައި، ވައިގެ ތަޣައްޔަރުކަން މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސިނާއީ މަސައްކަތްތަކުން ބޭރުވާ ދުމާއި، ދުއްވާ އުޅަނދުފަހަރުގެ ދުމުގެ އިތުރުން، އިންޑިއާގެ ދަނޑުވެރިކަމުގެ ސަރަހައްދުތަކުން ދަނޑު އެންދުމުގެ ސަބަބުން އިރުމަތީ ވައިރޯޅިއާއެކު އަންނަ ނުސާފު ވަޔާ ދުންތައް ހިމެނެއެވެ. މީގެއިތުރުން ސިޓީތަކުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުން އުފެދޭ ދުންތަކަކީވެސް މައްސަލަ އިތުރަށް ގޯސްވާ ކަމެކެވެ.

އީޕީއޭގެ ތަރުޖަމާނު ސާޖިދު ބަޝީރު މައުލޫމާތު ދެއްވި ގޮތުގައި، ސަރުކާރުން ދަނީ ކާރުޚާނާތައް މޮނިޓަރުކޮށް، ދުންފިނި ކުޑަ ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުުެއެޅުންތަކެއް އަޅަމުންނެވެ. އެގޮތުން، ކަރަންޓު ޓްރަކްތަކުގައި ހަރުކޮށްފައިވާ 30 މޮޑަން "ފޮގް ކެނަން" އިތުރަށް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ޕަންޖާބު ކްލައިމެޓް ވޮޗްއިން ތިން ޝިފްޓަށް ބަހާލައިގެން ކާރުޚާނާތައް އިދާރީ ގޮތުން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފްވާ ފަރާތްތަކަށް ޖޫރިމަނާކޮށް މައްސަލަތައް ރަޖިސްޓްރީ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅުުތައް އެޅިނަމަވެސް، މައްސަލައަށް ފުރިހަމަ ހައްލެއް އައުމަށް ވަގުތު ނަގާނެ ކަމަށް އީޕީއޭއިން ބުނެއެވެ.

ހިއްސާ ކުރައްވާ!