ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ދައުލަތް ދަރަނިވެރިއެއް ނުވާނެ، ރަސްމާލެގައި ޔަހޫދީ ރެޖީމްގެ އެއްވެސް މީހަކަށް ފުރުސަތެއް ނޯންނާނެ: ރައީސް މުއިއްޒު

ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ސަބަބުން ދިވެހި ދައުލަތް ބޭރުގެ ދަރަނިތަކުން ތަކުލީފު އުފުލަން ނުޖެހޭނެ ކަމަށާއި، އެ ސަރަހައްދުން ޔަހޫދީ ރެޖީމްގެ އެއްވެސް ރައްޔިތަކަށް ގޭގެއާއި ގޯތި ގަތުމާއި، ކުއްޔަށް ހިފުން ނުވަތަ އެންމެ ދުވަހަކުވެސް ތިބުމުގެ ފުރުސަތު ނުލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. އަދި ހުޅުމާލޭގައި ތަރައްގީކުރާ 5،000 ހައުސިންގ ޔުނިޓް 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އާންމު ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް ވެސް އިއުލާނުކުރެއްވިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ވިއްކާ ބިންތަކުން ލިބޭ 500 މިލިއަން އެމެރިކާ ޑޮލަރު ދައުލަތުގެ ރިޒާވްގައި ބެހެއްޓުމުގެ ބަދަލުގައި، ސަރުކާރުން ނިންމެވީ ސީދާ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ ފައިސާ ޚަރަދުކުރުމަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތްކުރާ 5،000 ހައުސިންގ ޔުނިޓަކީ ސަރުކާރުން އެއްވެސް ލޯނެއް ނަގައިގެން ނުވަތަ ދައުލަތުން ފައިސާ ދައްކާ ގޮތަށް ހިންގާ މަޝްރޫއެއް ނޫން ކަމަށް ވިދާޅުވިއެވެ.

މި ހައުސިންގ މަޝްރޫއަކީ ދައުލަތުން ލޯނު ނަގައިގެން ނުވަތަ އަނބުރާ ފައިސާ ދައްކަންޖެހޭ ގޮތަށް ހިންގާ މަޝްރޫއެއް ނޫން،ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، 2028 ގެ އޮގަސްޓް މަހުގެ ނިޔަލަށް އިމާރާތްތަކުގެ ކޮންކްރީޓް ނިމި، ބޭރުގެ ފިނިޝިންގ ނިންމައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. މި ފްލެޓްތައް ދިނުމުގައި ޒުވާނުންނަށާއި، ރިސޯޓު މުވައްޒަފުންނަށާއި، މަސްވެރިންނާއި، މީގެ ކުރިން ދައުލަތުގެ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މާލޭގެ ދަފްތަރާއި، ރެސިޑެންޓް ލިސްޓުތަކުގެ އިތުރުން މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ފަރާތްތަކަށް ރަސްމާލެއިން ގޯތި ލިބޭނެ ކަމަށާއި، ކުރިއަށްއޮތް 10 އަހަރުގެ ތެރޭގައި 650 ހެކްޓަރުގެ ރަސްމާލެ ފުރިހަމަ ސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރަސްމާލޭގެ ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭގޮތުން އުފެދިފައިވާ ބަހުސްތަކަށް ރައްދުދެއްވަމުން ރައީސް މުއިއްޒު ވަނީ، އެ މަޝްރޫއު ކުރިއަށްދާނީ އިސްލާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ކަށަވަރުކަން ދެއްވާފައެވެ. މީގެއިތުރުން، ރަމަޟާން މަހު އާންމު މަގުތަކުގައި ކެއިންބުއިން މަނާވާނެ ކަމަށާއި، އެތަނަށް ބޭނުންވާ ކަރަންޓާއި ފެނުގެ ވަސީލަތްތައް ހޯދާނީ ދައުލަތުގެ ކުންފުނިތަކުން ކަމަށް ވިދާޅުވިއެވެ.

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ވިއްކުމުގައި އެއް ގައުމަކަށް އެންމެ ގިނައިންވެސް ވިއްކޭނީ 25 އިންސައްތަ ކަމަށާއި، ދިވެހިންނަށް އެއްވެސް ލިމިޓެއް ނެތި ތަންތަން ގަނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޔަހޫދީ ރެޖީމްގެ އެއްވެސް ރައްޔިތަކަށް އެތަނުން ފުރުސަތު ނުލިބޭނެ ގޮތަށް ވަރުގަދަ ކޭވައިސީ ޗެކްތައް ހިންގޭނެ ކަމަށް ވިދާޅުވިއެވެ.

ޔަހޫދީ ރެޖީމްގެ ނުފޫޒާ ދެކޮޅަށް ކުރެއްވި މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި ތާރީޚުގައިވެސް ޔަހޫދީ ރެޖީމުން ޣައްޒާ ގައި ހިންގަމުންދާ ގާާތުލުއާންމާ ދެކޮޅަށް އެމަނިކުފާނު ފަދައިން ވަކާލާތު ކުރެއްވި އެހެން ރައީސަކު ނުހުންނަވާނެ ކަމަށެވެ. ޔަހޫދީންގެ ޕާސްޕޯޓު މަނާކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުންގެ ފަރާތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް، އެ ނިންމެވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ލިބުނީ އިތުރު ކުރިއެރުމެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި އދ ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ އަމަލުތަކަކީ ގާތުލުއާންމެއްގެ ގޮތުގައި ސީދާ ސިފަކުރެއްވިކަން ހަނދާންކޮށްދެއްވިއެވެ.

ދައުލަތުގެ މާލީ ހާލަތާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތް އޮތީ ދަރަނިތަކުގެ ސަބަބުން މާލީ ގޮތުން އިނދަޖެހުމުގެ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސްޓްރެޓެޖީ ތަކުގެ ސަބަބުން ރިޒާވް މަތިކޮށް، ކްރެޑިޓް ރޭޓިންގ ދެ ފަހަރެއްގެ މަތިން މަތިކުރެވުނު ކަމަށް ވިދާޅުވިއެވެ. ގަލްފް ހަނގުރާމަ ފެށުމުގެ ސަބަބުން އިގްތިސާދަށް އަސަރުތަކެއް ކުރި ނަމަވެސް، ކުރިއަށްއޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ހިނގަމުންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމައި ރައްޔިތުންނާ ހަވާލުކުރުން ކަމަށް ވިދާޅުވިއެވެ.

އަދި މީގެއިތުރުން، ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ދެ ގައުމުގެ މެދުގައި ސީދާ ވައިގެ އަދި ކަނޑުގެ ދަތުރުފަތުރުގެ ގުޅުންތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!