ނަތަންޔާހޫ އަބަދު ފާޚާނާގައި: އަރަބި ޕާޓީތަކުގެ ކާމިޔާބީ ހަޖަމެއް ނުވި

އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް ކްނެސެޓްގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން އަރަބި ޕާޓީތަކުން ތާރީޚީ ބޮޑު ކާމިޔާބީއެއް ހޯދައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ އިއްތިހާދަށް އަޣުލަބިއްޔަތު ހޯދުމަށް އޮތް މަގު ބަންދުކުރުމާއެކު، އިސްރާއީލުގެ ސިޔާސީ މަސްރަހު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ވޯޓުގެ ގާތްގަނޑަކަށް 94 އިންސައްތަ ގުނައި ނިމުނުއިރު، މަޖިލިސްގެ އަރަބި މެންބަރުންގެ ބޮޑު ތާއީދާއެކު އަރަބި ޕާޓީތަކުން ވަނީ ޖުމްލަ 19 ގޮނޑި ކަށަވަރުކޮށްފައެވެ. މިއާއެކު، ނަތަންޔާހޫގެ ލިކުޑް ޕާޓީ އިސްވެއޮންނަ އިއްތިހާދަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތާ ހަމައަށް ނުދެވި، ލިބިފައިވަނީ އެކުއެކީ 53 ގޮނޑިއެވެ.

މި ނަތީޖާއާއެކު އިސްރާއީލުގެ ކަނާތުފިޔައިގެ ސިޔާސީ ލީޑަރުން ވަނީ މިއީ "ސިޔާސީ ބުމަރެއް" ކަމަށް ސިފަކޮށް، އިންތިޚާބުގެ ނަތީޖާ "ނުއަތަށް ފުރޮޅާލާފައިވާ" ކަމަށް ތުހުމަތުކުރަން ފަށާފައެވެ. ސަލާމަތީ އަދި ސިޔާސީ އިދާރާތަކުން މިހާރު ވަނީ އަރަބި އާންމުންގެ ވޯޓު ގަނެ، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ގަތަރާއި ތުރުކީއިން ފައިސާ ފޮނުވި ކަމަށް ބުނާ ތުހުމަތުތަކެއްގެ ތަހުގީގު އަވަސް މުއްދަތެއްގެ ތެރޭގައި ފަށާފައެވެ.

އިސްރާއީލުގެ ފުލުހުންނާއި ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓް އަދި ޝާބާކްއިން ވަނީ "ރާޢަމް" ގެ ޔުނައިޓެޑް އަރަބް ލިސްޓަށް ވޯޓު ހޯދުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، ސުވާލުކުރަން ފަށާފައެވެ.

އިލެކްޝަންސް ކޮމިޓީގެ ރައީސް ޖަސްޓިސް ނޯއަމް ސޯލްބާގް ވަނީ ޝާބާކްގެ ވެރިޔާއަށް ސިޓީއެއް ފޮނުއްވައި، ބޭރުގެ މާލީ އެހީތެރިކަމާއެކު އަރަބި އާންމުންގެ ވޯޓަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައުލޫމާތު ތަހުގީގުކުރުމަށް އަންގަވާފައެވެ. ނަމަވެސް، އިސްރާއީލުގެ މީޑިއާ ފާހަގަކުރާ ގޮތުގައި، އަރަބި ވޯޓުލީ މީހުންނަށް ސީދާ ފައިސާ ދިން ކަމުގެ އެއްވެސް މާއްދީ ހެއްކެއް އަދި ހޯދިފައެއް ނުވެއެވެ.

  • ނަތަންޔާހޫގެ ލިކުޑް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ "އިންތިޚާބު ފޭރުމެއް" ކަމަށާއި، ބޭރުގެ ނުފޫޒުތަކުން ކްނެސެޓްގެ ކޮންޓްރޯލް ހޯދައި، އިސްރާއީލުގެ ސިފައިންގެ އަސްކަރީ ހަރަކާތްތަކަށް ހުރަސްއެޅުމަށް ރޭވިގެން ހިންގި އަމަލެއް ކަމަށެވެ.
  • މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗާއި ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރު ވަނީ އަރަބި ޕާޓީތަކުގެ ލީޑަރުން ހައްޔަރުކޮށް، އެ ޕާޓީތަކުގެ ގޮނޑިތައް ބާތިލުކުރުމަށް ގޮވާލައްވާފައެވެ.
  • އަނެއްކޮޅުން، އިދިކޮޅު އިއްތިހާދުގެ މައި ލީޑަރު ގާޑީ އެއިސެންކޯޓުގެ އޮފީހުން ބުނެފައިވަނީ، ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި އިންތިޚާބީ ނަތީޖާއަށް ނުފޫޒު ފޯރުވުމަށާއި، ކްނެސެޓްގެ މަސައްކަތްތައް ލަސްކުރުމަށް ސަރުކާރުން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.
  • އަރަބި އާންމުންގެ ލީޑަރުން ފާހަގަކުރި ގޮތުގައި، އަރަބި އާންމުންގެ ވޯޓުލީ ނިސްބަތް އިންތިހާއަށް މަތިވެގެންދިޔައީ ކަނާތުފިޔައިގެ ހަރުކަށި ސިޔާސަތުތަކާ މެދު އާންމުންގެ ތެރޭގައި އޮތް ނުރުހުން ބޮޑުވުމުގެ ސަބަބުންނެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން، ގާޑީ އެއިސެންކޯޓުގެ "ޔާޝާރު" ޕާޓީއަށް 21 ގޮނޑި، ނަފްތާލީ ބެނެޓްގެ "ޔާހަދް" އަށް 12 ގޮނޑި، އަދި އަރަބި އިއްތިހާދު "ޖޮއިންޓް ލިސްޓު" އަށް 11 ގޮނޑި ލިބިފައިވެއެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ ސާފުވާނީ ސިފައިންނާއި، ސަލާމަތީ ޚިދުމަތްތަކުގެ މުވައްޒަފުންނާއި، ހޮސްޕިޓަލްތަކުގައި ތިބި މީހުންގެ 450,000 އަށްވުރެ ގިނަ ވޯޓު ގުނައި ނިމުމުންނެވެ. މި ވޯޓުތަކަކީ ގާނޫނު ހަދާ މަޖިލީހުގެ 8 ން 9 ގޮނޑީގެ ނަތީޖާ ބަދަލުކުރުމުގެ ގާބިލުކަން އޮތް ވޯޓުތަކެކެވެ.

ހިއްސާ ކުރައްވާ!