ޗައިނާގެ އުޅަނދުތައް އެމެރިކާއަށް އެތެރެކުރުން މަނާކުރުމަށް ގޮވާލައިފި

ޗައިނާގެ އުޅަނދު އުފައްދާ ކުންފުނިތަކުން ބައިނަލްއަގުވާމީ ބާޒާރުތަކުގައި ނުފޫޒު ގަދަކުރަމުންދާތީ، އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު ޗައިނާގައި އުފައްދާ އުޅަނދުތައް އެމެރިކާއަށް އެތެރެކުރުން މަނާކުރުމުގެ ޤާނޫނެއް ފާސްކުރުމަށް އެމެރިކާގެ ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީސް ކޮންގްރސްގައި އެދިއްޖެއެވެ.

އެމެރިކާގެ އޮޓޯމޮބައިލް ސިނާއަތުގެ މަންދޫބުން ފާހަގަކުރާ ގޮތުގައި، ޗައިނާގެ ކާރު އުފެއްދުމުގެ ދާއިރާގައި އުފެއްދުންތެރިކަން މިންވަރަށްވުރެ އިތުރުވުމުގެ ސަބަބުން ވިލާތުގެ ކާރު ސިނާއަތުގެ ގިނަ ވަޒީފާތަކެއް ގެއްލިގެން ގޮސްފައިވާ ކަމީ އެމެރިކާއިން އިބުރަތް ހާސިލުކުރަންޖެހޭ ކަމެކެވެ. ޗައިނާގެ އެތެރޭގެ ބާޒާރުގައި ވެހިކަލްތަކަށް އޮތް އެދުން ކުޑަވަމުންދިޔަ ނަމަވެސް، އެ ޤައުމުގެ އެންމެ ބޮޑު އުޅަނދު އުފައްދާ ކުންފުނި ކަމަށްވާ ބީ.ވައި.ޑީ އިން ވަނީ ބޭރު ޤައުމުތަކަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށް، ޖެހިޖެހިގެން 6 ވަނަ މަހު ވިޔަފާރީގައި ކުރިއެރުން ހޯދާފައެވެ. އަދި އެ ކުންފުނީގެ ބޭރުގެ ވިއްކުންތައް ދެގުނައަށްވުރެ މައްޗަށް ގޮސްފައިވުމުން، އެތެރޭގެ ބާޒާރުގެ ޑިމާންޑް ދަށްވުމާއެކުވެސް ޖުމްލަ ވިއްކުން ވަނީ 1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

އިގްތިސާދީ އަދި ސިނާއީ މާހިރުން  ދަ ވޯލް ސްޓްރީޓް ޖާނަލްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީގެ ކުރިން ޗައިނާގެ ދަގަނޑާއި އެލްމިނިއަމް ސިނާއަތްތައް އެއްކޮށްލައިގެން ފިޔަވަޅު އެޅުމަށް އިންތިޒާމުކުރި ފަދައިން، އުޅަނދު އުފައްދާ ކާރުޚާނާތަކާމެދު ފިޔަވަޅު އެޅުމުގެ ޝައުގުވެރިކަމެއް ބެއިޖިންގ ސަރުކާރުގައި ނެތް ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ކާރުޚާނާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާ އަދާކުރަމުންދިއުމާއި، އެ ދާއިރާއަކީ ސަރަހައްދީ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއަކަށް ވާތީއެވެ.

އެމެރިކާގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހު ގައި މި މައްސަލަ ބޮޑުވެފައިވާއިރު، އެމެރިކާގެ ކާރު އުފައްދާ ކުންފުނިތަކުން ބުނަނީ ޗައިނާގެ އަގު ހެޔޮ އުޅަނދުތައް އެމެރިކާގެ ބާޒާރަށް ވެއްދުމަށް ފުރުސަތު ދީފިނަމަ، އެމެރިކާގެ އުފެއްދުންތެރިކަމަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެމެރިކާގެ ކާރުޚާނާތަކުގެ ވަޒީފާތަކަށް އަސަރުކޮށް، ސިނާއީ މައިދާން ގައި އެމެރިކާގެ ވާދަވެރިކަން ކުޑަވެގެންދާނެ ކަމަށްވެސް އެ ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!