މަސްތުވެފައި ހުރި އެމެރިކާގެ ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން ޖަޕާނުން ކަންބޮޑުވުން ފާޅުކޮށްފި

ޖަޕާނުގެ އޯކިނާވާ ޕްރޮވިންސްގައި އަސްކަރީ ކާފިއު ގަޑީގައި މަސްތުވެގެން އުޅަނދެއް ދުއްވި އެމެރިކާގެ ސިފައިންގެ މީހަކު ހައްޔަރުކުރުމާ ގުޅިގެން، އެ ޤައުމުގައި ތިބޭ އެމެރިކާ ސިފައިންގެ އުޅުމާއި އަޚުލާޤު ހިފެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ޖަޕާނު ސަރުކާރުން އެމެރިކާއަށް ގޮވާލައިފިއެވެ. މިއީ އެމެރިކާ ސިފައިންގެ ފަރާތުން ހިނގަމުންދާ ނުރައްކާތެރި ހާދިސާތަކާ ގުޅިގެން ޖަޕާނުގެ އާންމުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެކެވެ.

ޖަޕާނުގެ ކެބިނެޓް ސެކްރެޓަރީ މިނޯރޫ ކިހާރާ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހަފުތާބަންދުގައި ހިނގި މި ހާދިސާއާ ގުޅިގެން ޖަޕާނުގައި ތިބޭ އެމެރިކާ ސިފައިންގެ ސުލޫކާއި އަޚުލާޤު ފުރިހަމައަށް ހިފެހެއްޓުމަށް ވޮޝިންގޓަނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. ކިހާރާ ވަނީ މިއީ ހިތާމަހުރި އަދި އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، މި ހާދިސާގެ ސަބަބުން އޯކިނާވާގެ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރަށް ބޮޑުވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޖަޕާނު ސަރުކާރުގެ އެންމެ މަތީ ފަންތިން ވަނީ މިކަމުގެ ހިތްހަމަނުޖެހުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައެވެ.

އޯކިނާވާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ސިފައިންގެ މީހެއް ކަމަށްވާ ކެލްވިން މޮންޓޯޔާ ކާޑޯނާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 12:25 ހާއިރު، މަސްތުވެގެން ހުރެ ކާރު ދުއްވުމާ ގުޅިގެންނެވެ.

މި ހާދިސާ ހިނގާފައިވަނީ އެމެރިކާ ސިފައިންގެ މީހަކު އޯކިނާވާގެ އާންމުންގެ  އަންހެނަކު މަރާލި މައްސަލައަކާ ގުޅިގެން އެމެރިކާ ސިފައިންނަށް ރޭގަނޑު ބޭރަށް ނުކުމެއުޅުން މަނާކޮށް ކާފިއު ހިންގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. މީގެ ކުރިން، އެމެރިކާ ސިފައިންގެ މީހެއް ކަމަށްވާ ޑެވިން ބާލާޑް ވަނީ އޯކިނާވާގެ ނާހާގައި އަންހެނަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީޢަތް ފަށާފައެވެ. އެ ހާދިސާއާ ގުޅިގެން އެމެރިކާ ސިފައިން ވަނީ ދަންވަރު 12:00 އިން ހެނދުނު 5:00 އަށް ބޭރަށް ނުކުރުން މަނާ ކޮށް 30 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ.

ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖީރޯ ކޮއިޒޫމީ ވަނީ އެމެރިކާ ސަރުކާރުން މި މައްސަލައާ މެދު ނުހަނު ސީރިއަސްކޮށް ބެލުމަށް ގޮވާލައްވާފައެވެ. ކޮއިޒޫމީ ވިދާޅުވީ، ކާފިއު އިއުލާންކޮށްފައިވަނިކޮށް މިފަދަ ހާދިސާއެއް ހިނގުމުން، އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެމެރިކާ ސިފައިންގެ ފަރާތުން މިފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށްޓަކައި އަޅާނެ އިތުރު ސްޓްރެޓެޖީ ތަކާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަތީ ފަންތީގެ މަޝްވަރާތައް ހިނގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކެބިނެޓް ސެކްރެޓަރީ ކިހާރާ ހާމަކުރެއްވި ގޮތުގައި، ސަރުކާރާއި އޯކިނާވާގެ ސަރަހައްދީ ސަރުކާރުގެ މަންދޫބުން ހިމެނޭ "އޯކިނާވާ ޕޮލިސީ ކައުންސިލް" ގެ ބައްދަލުވުމެއް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2013 ވަނަ އަހަރަށްފަހު މި ކައުންސިލް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޖަޕާނުގެ ދެކުނުގައިވާ އޯކިނާވާ ޖަޒީރާ އަކީ އެމެރިކާ ސިފައިންގެ ގިނަ އަދަދެއްގެ މަރުކަޒުތައް ޤާއިމުކޮށްފައިވާ ސަރަހައްދެކެވެ. އެމެރިކާ ސިފައިންގެ ހަރަކާތްތަކުގެ ސަބަބުން އިޖުތިމާއީ އަދި ސަލާމަތީ ގޮތުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ހުރެ، އޯކިނާވާގެ އާންމު ރައްޔިތުންނާއި ޖަޕާނު ސަރުކާރާ ދެމެދު އެކި ފަހަރު މަތިން ބޮޑެތި ޚިޔާލު ޚިލާފް ތައް އުފެދިފައިވެއެވެ.

ހިއްސާ ކުރައްވާ!