އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހުންނެވި އެންމެ ނުރައްކާތެރި އަދި މަސްއޫލިއްޔަތު އަދާކުރަން ނޭނގޭ އެއް ފަރާތް ކަމަށާއި، ކޮންގްރެސްގެ ހުއްދަ ނެތި އީރާނާއި ޔަމަނާ ދެކޮޅަށް ހަނގުރާމަ ފެށުމާއި، ސަލާމަތީ ޕްރޮޓޯކޯލްތަކާ ޚިލާފުވުމުގެ ސަބަބުން އޭނާ މަޤާމުން ދުރުކުރަންޖެހޭ ކަމަށް 'ވޮޝިންގޓަން ޕޯސްޓް' ގެ ޚާއްސަ ރިޕޯޓެއްގައި ބުނެފިއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޓްރަމްޕްގެ ދެވަނަ ދައުރުގެ ކެބިނެޓްގައި ހިމެނޭ އެންމެ ނުބައި އަދި ހަލާކުކޮށްލަނިވި ފަރާތަކީ ހެގްސެތެވެ. ޕެންޓަގަންގެ ބާރުތައް އެއްކޮށްލައިގެން އަމިއްލަ މަޤާމު ޔަޤީންކުރުމަށް މަސައްކަތްކުރަމުންދާ ހެގްސެތު، އޭނާގެ މަޤާމު ސަލާމަތް ކުރުމުގެ ނިޔަތުގައި އިސް އޮފިސަރުން ދޮގު ބަލާ މެޝިނަށް ލައި ޓެސްޓު ހަދަން އަންގާފައިވާކަން އެ ނޫހުން ހާމަކޮށްފައިވެއެވެ. އިންތިޚާބުތަކަށްފަހު އޭނާ މަޤާމުން ވަކިކޮށްފާނެ ކަމުގެ ވާހަކަތައް ވޮޝިންގޓަންގެ ސިޔާސީ މަސްރަހު ގައި ދެކެވެމުންދާއިރު، ކޮންގްރެސްގެ މެންބަރުން ދަނީ އޭނާއާ ދެކޮޅަށް މަޤާމުން ދުރުކުރުމުގެ މައްސަލަތައް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ހެގްސެތުގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ކޮންގްރެސްގެ ހުއްދައާ ނުލައި އަސްކަރީ ހަމަލާތައް ފެށުމާއި، މަދަނީންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އޮންނަ ޤާނޫނީ އުސޫލުތަކަށް ބޯނުލެނބުން ހިމެނެއެވެ. ޚާއްސަކޮށް، އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އަމާޒުކުރި ހަމަލާއެއްގައި 100 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާއިރު، މިއީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއް ކަމަށް ޑިޕްލޮމެޓުންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، ސިއްރު މައުލޫމާތު ހިއްސާކުރުމަށް ޒާތީ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ސަލާމަތީ ޕްރޮޓޯކޯލްތައް ނަގާލާފައިވާ ކަމަށް ޕެންޓަގަންގެ އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓަކުން ވަނީ ސާބިތުވެފައެވެ.
ސިފައިންގެ އިސް އޮފިސަރުންނާއި ޖެނެރަލުން ވަކިކުރުމުގެ ސަބަބުން ސިފައިންގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، މި ގެއްލުންތައް ރަނގަޅުކުރުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ވޮޝިންގޓަން ޕޯސްޓުން ބުނެފައިވެއެވެ. އިންތިޚާބުގެ ނަތީޖާތަކާއި ޤާނޫނީ ހަމަތަކުގެ ތެރެއިން ހެގްސެތުގެ ޢަމަލުތައް ބަލައި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އޭނާ މަޤާމުން ދުރުކުރުން މުހިންމު ކަމަށް އެ ނޫހުގެ ރިޕޯޓުގައި ބާރުއަޅާފައިވެއެވެ.






