އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށްޓަކައި، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ސިފައިންނާއި އާންމު މުއައްޒަފުން ގުޅިގެން ސިއްރުން މައުލޫމާތާއި ހެކި އެއްކުރަމުންދާ ކަން ހާމަވެއްޖެއެވެ.
އިނގިރޭސިވިލާތުގެ "ދި ޑެއިލީ މެއިލް" ނޫހުން އާންމުކުރި ޚާއްސަ ރިޕޯޓެއްގައިވާ ގޮތުން، ޕެންޓަގަންގެ އެކި ފަންތީގެ އޮފިޝަލުން ދަނީ ޕީޓް ހެގްސެތުގެ ނުފޫޒާއި ނާކާމިޔާބު ނިންމުންތަކާ ގުޅޭ ތަފްސީލީ ލިޔެކިޔުންތައް ސިއްރު ފޮށިތަކުގައި ރައްކާކުރަމުންނެވެ. އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު ޑިމޮކްރެޓިކް ޕާޓީއަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ހެގްސެތު އިމްޕީޗްކޮށް މަގާމުން ދުރުކުރުމުގެ ތަހުގީގުތަކަށް އެހީތެރިވުމުގެ ގޮތުން މިއީ ސިއްރުން ރޭވިގެން ހިންގާ މަސައްކަތެކެވެ.
މިހާތަނަށް އެއްކޮށްފައިވާ ލިޔެކިޔުންތަކާއި އީމެއިލްތަކުން އެނގޭ ގޮތުގައި، ޕީޓް ހެގްސެތު ވަނީ އަސްކަރީ، ސްޓްރެޓެޖީ އަދި ގާނޫނީ މާހިރުންގެ ލަފާތަކަށް ނުބަލައި ގިނަ ނިންމުންތަކެއް ނިންމަވާ ފައެވެ. އަދި އީރާނާއި ޔުކްރޭން ހަނގުރާމައާ ގުޅޭ ސިއްރު މައުލޫމާތުތައް ކޮންގްރެސްއާއި އާންމުންނަށް ވަންހަނާކުރުމާއި، އޭނާގެ ނިންމުންތަކާ ޚިލާފްވި އިސް އޮފިސަރުންނަށް ބިރުދައްކައި މަގާމުން ވަކިކުރުން ފަދަ ޖަރީމާތައް ވަނީ ހިންގާފައެވެ. މިގޮތުން، ޕެންޓަގަންގެ އެންމެ އިސް އަސްކަރީ ޕްލޭނަރު ބްރިގޭޑިއާ ޖެނެރަލް ބްރެޓް ސިލްވިއާ ވެސް ވަނީ ދާދިފަހުން މަގާމުން ވަކިކޮށްފައެވެ.
މި މައްސަލައިގައި ހެކިދިނުމަށް ތައްޔާރަށް ތިބި އޮފިޝަލުން ހާމަކުރި ގޮތުގައި، ޕެންޓަގަންގެ އެތެރޭގައި އުފެދިފައިވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ މާހައުލެކެވެ. އިދިކޮޅު ޚިޔާލުތައް ނައްތާލުމަށް ހެގްސެތު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން ސިފައިންގެ ރޫހަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން އޮފިޝަލުން ވަނީ އޭނާގެ ގާބިލުކަމާމެދު ސުވާލުއުފައްދައި، އާންމުންނަށް ޙަޤީޤަތް ތިލަކޮށްދިނުމަށް ގޮވާލާފައެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝެނެލް ޕާނެލް ވަނީ މި ރިޕޯޓުތަކަކީ މީޑިއާއިން ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ. ނަމަވެސް، ކޮންގްރެސްގެ މެންބަރުންނާއި ޑިޕްލޮމެޓުން ގަބޫލުކުރާ ގޮތުގައި، އިންތިޚާބުގެ ނަތީޖާއަށްފަހު ޑިމޮކްރެޓުން ހައުސްގެ ކޮންޓްރޯލް ހޯދައިފިނަމަ، 2027 ވަނަ އަހަރުގެ ކުރީކޮޅު ހެގްސެތު އިމްޕީޗްކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށޭނެއެވެ.
އެމެރިކާގެ ސިޔާސީ މައިދާން ގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސިޔާސީ ފިއްތުންތަކުގެ ތެރެއިން ހެގްސެތު މަގާމުން ވަކިކުރުން ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވުން ފަދަ ހާލަތެއް މެދުވެރިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ.






