ސުޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އިއާދަކުރަނިވި ހަކަތައިގެ ކުންފުނި ކަމަށްވާ އޭ.ސީ.ޑަބްލިއު.އޭ (އެކުވާ) ޕަވަރއިން އެމެރިކާގެ ވޮޝިންގޓަންއަށް ނިސްބަތްވާ އިންވެސްޓްމަންޓް ފާމް އީ.އައި.ޖީއާ ގުޅިގެން 4 ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ފެށުމަށް ނިންމައި، އެމެރިކާގެ ހަކަތައިގެ ބާޒާރަށް ފުރަތަމަ ފަހަރަށް ވަދެެއްޖެއެވެ.
މި ދެ ކުންފުނި ގުޅިގެން "ޕްލެނަމް ޕަވަރ" ގެ ނަމުގައި އުފެއްދި އައު ކުންފުނީގެ މައިގަނޑު މަޤުޞަދަކީ އެމެރިކާގައި ހަކަތަ އުފައްދާ މަރުކަޒުތައް ޤާއިމުކުރުމާއި، މިހާރު ހުރި އިންޖީނުގެތައް ގަނެގެން ވިޔަފާރި ފުޅާކުރުމެވެ. މި އިންވެސްޓްމަންޓް ޚާއްސަ ކުރެވިފައިވަނީ އެމެރިކާގައި ހުރި ޑޭޓާ ސެންޓަރުތަކާއި އިލެކްޓްރިފިކޭޝަން މަޝްރޫޢުތަކަށް ބޭނުންވާ ކަރަންޓުގެ އެދުން ބޮޑުވަމުންދާ ދަނޑިވަޅެއްގައި، އެ ފުރުސަތުގެ ބޭނުން ހިފުމަށެވެ.
އައު އެއްބަސްވުމުގެ ދަށުން، ޕްލެނަމް ޕަވަރގެ 51 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރާނީ އެމެރިކާގެ އީ.އައި.ޖީ އިންނެވެ. އަދި ބާކީ 49 އިންސައްތަ ހިއްސާ ކުރާނީ ސުޢޫދީގެ އެކުވާ ޕަވަރއިންނެވެ. މިއީ މެދުއިރުމައްޗާއި، އެފްރިކާ އަދި އޭޝިއާގެ 16 ޤައުމެއްގައި ހަކަތައިގެ ބޮޑެތި މަޝްރޫޢުތައް ހިންގާފައިވާ އެކުވާ ޕަވަރއިން އެމެރިކާގެ ބާޒާރަށް ވަދެގަތް ފުރަތަމަ ފަހަރެވެ.
އެކުވާ ޕަވަރއަކީ 2002 ވަނަ އަހަރު ސުޢޫދީގެ މަޝްހޫރު އާއިލާތަކަކުން އެ ޤައުމުގެ އެތެރޭގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒުތައް ބިނާކުރުމަށް އުފެއްދި ކުންފުންޏެކެވެ. ނަމަވެސް، މިހާރު އެ ކުންފުނީގެ ބޮޑު ހިއްސާއެއް މިލްކުކުރަނީ ސުޢޫދީ އަރަބިއްޔާގެ ސޮވްރިން ވެލްތު ފަންޑުންނެވެ. ސުޢޫދީގެ ކުންފުންޏަކުން ބައިނަލްއަޤުވާމީ މައިދާން ގައި، ޚާއްސަކޮށް އެމެރިކާ ފަދަ ބޮޑު ބާރެއްގެ އިގްތިސާދުގެ ތެރެއަށް މިފަދަ ބޮޑު އިންވެސްޓްމަންޓަކާއެކު ފުޅާވުމަކީ ނިސްބަތުން މަދުން ނޫނީ ނުފެންނަ ކަމެކެވެ.
އީ.އައި.ޖީގެ އިންވެސްޓްމަންޓް ތަޖުރިބާއާއި، އެކުވާ ޕަވަރގެ ތަރައްޤީގެ ހުނަރުވެރިކަން އެއްކޮށްލައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިވަމުންދާ ކަމުގެ ހެއްކެކެވެ. ޚާއްސަކޮށް، ޓެކްނޮލޮޖީގެ ދާއިރާ ކުރިއަރައި، ޑޭޓާ ސެންޓަރުތަކަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވަމުންދާ އިރު، މި އިންވެސްޓްމަންޓުގެ ސަބަބުން އެމެރިކާގެ ސިނާއީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މުހައްލިލުން ދެކެއެވެ.
މި އައު އިންވެސްޓްމަންޓާއެކު، ކުރިއަށް އޮތް ތަނުގައި އެމެރިކާގެ އެކި ސްޓޭޓްތަކުގައި ހަކަތަ އުފައްދާ އައު ކާރުޚާނާތައް ޤާއިމުކުރެވި، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ މައިދާން ގައި ސުޢޫދީ ކުންފުނިތަކުގެ ނުފޫޒު އިތުރަށް ގަދަވެގެންދާނެއެވެ.







