ދަރަނީގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކޮށް، އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ދިވެހި ޤައުމު ހަތިޔާރުގެ އަޅުވެތިކަމުން މިނިވަންކުރި ފަދައިން، މިއަދު ދަރަނީގެ އަޅުވެތިކަމުންވެސް ޤައުމު ސަލާމަތްކޮށް، ފުރިހަމަ އިޤްތިޞާދީ މިނިވަންކަމެއް ޤާއިމުކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެ ފަރާތތކުގެ ޤުރުބާނީގެ އަގުވަޒަންކުރެއްވިއެވެ. އަދި ދިވެހި ތާރީޚުން ފެންނަން ހުރި ޢިބުރަތްތެރި ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ޙަމަލާތަކާއި ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން ފާހަގަކުރެއްވިއެވެ. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ޤައުމަށް ވަފާތެރވުމުގެ ނަތީޖާއަކީ ބާއްޖަވެރިކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޮވެންބަރު 3 ގެ ޙަމަލާއަށްފަހު 38 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އުފެދިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ ކުދިންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާކަން ހަނދާންކޮށްދެއްވަމުން، މިކަންކަމުގެ ބިންގާ ގުޅިފައިވަނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލުގެ ދެމިއޮތުމާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުން ކަމަށާއި، އަމިއްލަ ބަހެއް ބުނެ، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖހޭ ފަދަ ވަރުގަދަ އިޤުތިޞާދަކަށް ފައި ހަމަކުރެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޤައުމެއްގެ ޙަޤީޤީ ސިޔާދަތު ކަށަވަރުކުރެވެނީ ސަލާންޖަހަން ނުޖހޭ ފުދުންތެރި އިޤްތިޞާދެއް ބިނާކުރެވިގެންކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. މއީގެ އިތުރުން، ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާކަމާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާކަމުގެ ޔަޤީންކަން ދެއްވަމުން، ޤައުމީ ދިފާޢީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރެއްވިއެވެ.

ޤައުމިއްޔަތާއި މިނިވަންކަމާ ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރުވާނޭގޮތަށް ޤައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާފަދަ، އިންޤިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ވިސްނުން ހުރި ޒުވާނުންތަކެއް ބިނާކުރުމަށް ފަށާފައިވާ ވަޠަނީ ޚިދުމަތުގެ މަސައްކަތުގެ ދަށުން ހާހަކަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަމާއި ޖަމާޢަތުގެ ބާއްޖަވެރިކަން ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި އުފާވެރި މުސްތަޤުބަލަކަށް އަމާޒު ހިފުމަށް މުޅި ޤައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ހިއްސާ ކުރައްވާ!