ޔޫއޭއީގައި އާންމުކުރި ޓްރެފިކް ޤަވާއިދު: ދުވާލަކު އެންމެ ގިނަވެގެން އުޅަނދު ދުއްވޭނީ 9 ގަޑިއިރަށް

ޔޫއޭއީގައި ޢަމަލުކުރަން ފަށާ އާ ޓްރެފިކް ޤަވާއިދުގެ ދަށުން، 24 ގަޑިއިރުގެ ތެރޭގައި އުޅަނދެއް ދުއްވޭނެ އެންމެ ގިނަ ވަގުތަކީ 9 ގަޑިއިރު ކަމަށް ކަނޑައަޅައިފިއެވެ.

އިމާރާތުގެ ފެޑެރަލް ޓްރެފިކް ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ މި އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި އައު ޤަވާއިދުގެ ހަތް ވަނަ ބާބުގެ ދަށުން ހިމަނާފައިވާ ހަތްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އުޅަނދު ދުއްވުމުގައި ޢާންމު ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަކީ ކޮންމެ ޑްރައިވަރެއްގެ މައްޗަށް ލާޒިމު ކަމެކެވެ. މި މާއްދާ ޚާއްސަކޮށްފައިވަނީ މަގުމަތީގައި ދަތުރުކުރާއިރު ޑްރައިވަރުން ވިސްނަންޖެހޭ މައިގަނޑު ކަންކަމާއި، ޢާންމު ޒިންމާތަކުގެ މައްޗަށެވެ.

މި ޤަވާއިދުގައިވާގޮތުން، ޑްރައިވަރުގެ ސިއްޙީ ޙާލަތު ހުރިގޮތުން ނުވަތަ ވަރުބަލިވެފައި ހުރުމުގެ ސަބަބުން ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޑްރައިވް ކުރުން މަނާއެވެ. އަދި 24 ގަޑިއިރުގެ މުއްދަތެއްގެ ތެރޭގައި އެއްވެސް ޑްރައިވަރަކަށް 9 ގަޑިއިރަށްވުރެ އިތުރަށް އުޅަނދު ދުއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށް ވެސް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި އެކި ޙާލަތްތަކަށް ރިޢާޔަތްކޮށް، ފެޑެރަލް ޓްރެފިކް ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި މި މުއްދަތަށް ބަދަލުގެނައުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!