ހެގްސެތު މަގާމުން ވަކިކުރުމުގެ ބިލު ފާސްވާނެ ކަމަށް ރިޕަބްލިކަން މެންބަރުން ބުނެފި

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މަގާމުން ވަކިކުރުމަށް ހުށަހަޅާ ބިލު ކޮންގްރެސްއިން ފާސްވާނެ ކަމަށް ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރިޕަބްލިކަން މެންބަރަކު ވަނީ ހެގްސެތުގެ ސިޔާސީ ޙަޔާތް މުޅިން ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ތޯމަސް މާސީ އިއުލާނު ކުރެއްވި ގޮތުގައި، ހެގްސެތު އަމިއްލައަށް މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ، ކޮންގްރެސްގެ ޖަލްސާތައް އަލުން ފެށުމާއެކު އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު ނެގުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާނެއެވެ. އަދި އަންނަ ހަފުތާގެ ކުރީކޮޅު މިފަދަ ނިންމުމެއް ނިންމުމަކީ ޔަގީން ކަމެއް ކަމަށް ރިޕަބްލިކަން މެންބަރުން ލަފާކުރައްވައެވެ. މަޖިލީހަށް މި ބިލު ހުށަހެޅިއްޖެނަމަ، ފާސްވެގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް މެމްބަރުން ވިދާޅުވެއެވެ.

ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކު ފާހަގަކުރެއްވި ގޮތުގައި، ވޯޓު ނަގާ ދުވަހު މަޖިލީހަށް މެންބަރުން ހާޒިރުވާ މިންވަރަކީ މި ނަތީޖާއަށް ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. މި އިންތިޚާބުގައި ގޮނޑި ގެއްލުނު ރިޕަބްލިކަން ބައެއް މެންބަރުން ދައުރުގެ ފަހު ދެ މަސްދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ވައިޓް ހައުސްގެ ކުރީގެއޮފިޝަލަކު ވަނީ ހެގްސެތުގެ މަގާމުގެ މަސްއޫލިއްޔަތު މިހާރު އޮތީ "ނާޒުކު ފާލަމެއްގެ މަތީގައި" ކަމަށް ސިފަކުރައްވާފައެވެ.

ވައިޓް ހައުސްގެ މިހާރުގެ އޮފިޝަލަކު ފޮކްސް ނިއުސްއަށް މައުލޫމާތު ދެމުން ބުނީ، އީރާނާއެކު ހިނގަމުންދާ ހަނގުރާމަ ނުހިންގިނަމަ، އިންތިޚާބުގެ ނަތީޖާ މުޅިން ތަފާތުވީސް ކަމަށެވެ. އަދި މި މަރުޙަލާގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް، ހެގްސެތު ޖަވާބުދާރީ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

 

ހިއްސާ ކުރައްވާ!