އަބްދުއްރަޙްމާން އައްސައްޔިދު ޤުރްއާން ކިޔަވައިވިދާޅުވާ ވީޑިއޯތަކެއް އާންމުވެއްޖެ

އެމެރިކާގެ އިންތިޚާބުގައި މިޝިގަން ސްޓޭޓުން ސެނެޓުގެ ގޮނޑި ކާމިޔާބުކުރައްވައި، އެ ޤައުމުގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރު ޑޮކްޓަރ އަބްދުއްރަޙްމާން އައްސައްޔިދު (އަބްދޫލް) ޑެޓްރޮއިޓްގެ މިސްކިތެއްގައި އިމާމުވެވަޑައިގެން ޤުރްއާން ކިޔަވައިވިދާޅުވާ އަދި ޚުޠުބާ ދެއްވައި ޖަމާޢަތުގައި އިމާމުވެ ނަމާދު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސް މީޑިއާ ގައި އަލުން ދައުރުވާން ފަށައިފައެވެ.

މީގެ ފަސް އަހަރު ކުރީގެ މި ވީޑިއޯތަކަށް މީސް މީޑިއާ ގައި މިހާރުވެސް ގިނަ ތަރުޙީބުތަކެއް ލިބެމުންދާއިރު، އެމެރިކާގެ މަޝްހޫރު ޔޫޓިއުބަރު "ސްނިކޯ" ވެސް ވަނީ އަބްދުއްސައްޔިދު ހުކުރު ޚުޠުބާއަށްފަހު އިމާމުވެ ނަމާދު ކުރައްވާ މަންޒަރު ހިއްސާކޮށްފައެވެ. ގިނަ ފަރާތްތަކުން ވަނީ މިޞްރުގެ ނަސްލަށް ނިސްބަތްވާ މި ސެނެޓަރު އޭނާގެ އިސްލާމީ ދީނީ އައިޑެންޓިޓީގައި ސާބިތުވެ ހުންނެވި ކަމަށްޓަކައި ތައުރީފުކޮށްފައެވެ.

މި ވީޑިއޯތަކާއެކު އިދިކޮޅު ފަރާތްތަކުން ވަނީ އަބްދޫއްސައްޔިދަށް އަމާޒުކޮށް ނަސްލީ އަދި ދީނީ ތަފާތުކުރުމުގެ ހަރުކަށި ހަމަލާތަކެއް ދޭން ފަށާފައެވެ. ބައެއް އާންމު ޕޯސްޓްތަކުގައި އޭނާއަކީ "ހަރުކަށި އިސްލާމީ ފިކުރުގެ" ބޭފުޅެއް ކަމަށާއި އިޚްވާނުލް މުސްލިމީން ޖަމާޢަތާ ގުޅުންހުރި ބޭފުޅެއް ކަމަށް ބުނެ ތުހުމަތުކޮށްފައިވެއެވެ.

ކެމްޕޭނުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަބްދުއްސައްޔިދަކީ "ޖިހާދީއެއް" ކަމަށާއި "ޓެރަރިސްޓުންނަށް ތާއީދުކުރާ މީހެއް" ކަމަށް ސިފަކުރައްވައި އިސްލާމޯފޯބިއާގެ ހަމަލަތަކެއް ދެއްވާފައެވެ. ޓްރަމްޕް ވަނީ އޭނާގެ ބޯހަމަ ނުޖެހޭ ވާހަކަތައް އިލްހާން އުމަރަށާއި ރަޝީދާ ޠުލައިބަށްވެސް އަމާޒު ކޮށްފައެވެ. މި ދެ ބޭފުޅުންވެސް ވަނީ އެބޭފުޅުންގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މީގެ އިތުރުން ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުން ވަނީ "އެމެރިކާ ފްރީ އޮފް ޝަރިއާ ކޮކަސް" ގެ ނަމުގައި ގުރޫޕެއް ހަދައި، އިސްލާމީ ޝަރީޢަތަކީ އެމެރިކާގެ ޤާނޫނުއަސާސީއަށް އޮތް ނުރައްކަލެއް ކަމަށް ދެއްކުމަށް މަސައްކަތްކޮށް މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފައްދަން މަސައްްކަތް ކޮށްފައެވެ.

ކެމްޕޭންގެ ތެރޭގައި ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމް މެންބަރަށް ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދީނީ ކާޑު ބޭނުން ނުކުރެއްވި ނަމަވެސް، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އަބްދުއްސައްޔިދު ވަނީ އިސްލާމޯފޯބިއާއާއި ނަފްރަތުގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ދިން ވަރުގަދަ ރައްދަށް ސާބިތުކަމާއެކު އުފާފާޅުކުރައްވާފައެވެ.

އޭނާ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނަމާދުކުރާތީ މީހުންގެ އަބުރު ކަތިލުމަށް މަސައްކަތްކުރި ނަމަވެސް، މިޝިގަންގެ ރައްޔިތުން އެކަން ބަލައިނުގަނެ ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އޭނާގެ ކާމިޔާބުގެ ޚިތާބުގައި "މަގޭ ނަމަކީ އަބްދުއްރަޙްމާން އައްސައްޔިދު" ކަމަށް ވިދާޅުވެ ފަޚުރުވެރިކަމާއެކު އިއުލާނުކުރެއްވިއެވެ.

ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ކެއަރގެ ނޭޝަނަލް އެގްޒެކެޓިވް ޑިރެކްޓަރު ނިހާދު އަވަޟް ވިދާޅުވީ، މި އިންތިޚާބީ ނަތީޖާއަކީ އެމެރިކާގެ މުސްލިމުންގެ ސިޔާސީ ބައިވެރިވުމުގައި އައިސްފައިވާ ތާރީޚީ ބަދަލެއް ކަމަށާއި، ޓްރަމްޕާއި އައުވާނުންގެ ނަފްރަތުގެ ސިޔާސަތަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.

އިސްލާމޯފޯބިކް ފިކުރުުގެ ހުރު ނަސްލުގެ ހަރުކަށި ފަރާތްތަކާއި، އިސްރާއީލަށް ތާއީދުކުރާ ލޮބީ ގުރޫޕްތަކާއި، އަދި އެމެރިކާގެ ރައީސްވެސް އަ\ބްބްދުސައްޔިދު ގެ އަބުރު ކަތިލައި އެނާ އިންތިޚާބުން ބާކީ ކުރެވޭތޯ ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފައެވެ.

ހިއްސާ ކުރައްވާ!