އެމެރިކާގެ ކުލީ ސިފައިން ކޮންގޯގައި މަސައްކަތް ފަށައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) ގެ އިރުމަތީގެ މައުދަންތަކުން މުއްސަނދިވެފައިވާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ސަރުކާރަށް އާމްދަނީ ހޯދައިދިނުމުގެ މަސައްކަތަށް އެމެރިކާގެ މަޝްހޫރު ކުލީ ސިފައިންގެ ކުންފުންޏެއް ކަމަށްވާ "ވެކްޓަސް ގްލޯބަލް" އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ކުންފުންޏަކީ އިރާޤު ހަނގުރާމައިގެ ދުވަސްވަރު އާންމުންގެ ގިނަ ބަޔަކު މެރުމުގެ ޖަރީމާތައް ހިންގި ކުލީ ސިފައިންގެ ގްރޫޕެކެވެ. މިމީހުން އޮޕަރޭޓް ކުރާނީ އެެމެރިކާ ސަރުކާރުން މިމީހުންނަށް ފައިސާ އާއި ކޮންޓްރެކްޓް ދިނުމުންނެވެ.

ކުލީ ސިފައިންގެ މި ކުންފުންޏަކީ "ބްލެކްވޯޓާ" ކުންފުނީގެ ބާނީ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ އެރިކް ޕްރިންސް އުފައްދާފައިވާ ކުންފުންޏެކެވެ.

ވެކްޓަސް ގްލޯބަލްއިން ކޮންގޯގައި ހަރަކާތްތެރިވަނީ އެ ޤައުމުގެ ސިފައިންނާ ގުޅިގެން، ރޫވާންޑާއިން ތާއީދުކުރާ އެމް23 ހަނގުރާމަވެރި ޖަމާޢަތާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް އެހީތެރިވުމަށާއި އެމެރިކާގެ މައުދަންގެ ސަޕްލައި ހިމާޔަތް ކޮށްދޭށެވެ.

ދާދިފަހުން ސައުތު ކިވޫ ސަރަހައްދުގައި ދިން ކުއްލި ހަމަލާއެއްގައި ވެކްޓަސް ގްލޯބަލްގެ ކުލީ ސިފައިންނާިއ ކޮންގޯ ސިފައިން ގެ 20 އަށްވުރެ ގިނަ މީހުން ވަނީ މަރުވެ ނުވަތަ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި ނިއުޒީލެންޑުގެ ސްޕެޝަލް ފޯސަސްގެ ކުރީގެ މެންބަރަކު ހިމެނެއެވެ. އަދި ޒަޚަމްވި މީހުންގެ ތެރޭގައި އެމެރިކާގެ ކުރީގެ ސިފައިންގެ މެންބަރެއް ވެސް ހިމެނެއެވެ.

އެމެރިކާ ކުލީ ސިފައިން ކޮންގ ގަައި ހަރަކާތްތެރިވާކަން އެނގުމުން ކޮންގޯ ސަރުކާރާއި ބޭރުގެ ސައިބަރ އަދި ސެކިއުރިޓީ ކުންފުނިތަކުގެ މެދުގައި އޮތް ގުޅުމާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

އެމެރިކާއިން ކޮންގޯގެ މައުދަންތަކަށް ޝައުޤުވެރިވަނީ، އިލެކްޓްރިކް ވެހިކަލްތަކާއި ބެޓެރި އުފެއްދުމަށް ބޭނުންވާ ކޯބާލްޓް އަދި ކޮޕަރ ފަދަ މުހިންމު މައުދަންތަކުގެ ބާޒާރުގައި ޗައިނާއިން ހިފަހައްޓާފައިވާ ބާރު ކުޑަކުރުމުގެ ސްޓްރެޓެޖީގެ ދަށުންނެވެ.

2024 ގެ ފަހުކޮޅު ކޮންގޯގެ ރައީސް ފެލިކްސް ތިސެކެޑީގެ ސަރުކާރާއެކު ޓްރަމްޕްގެ ރަހުމަތްތެރިޔާ އެރިކް ޕްރިންސް ސޮއި ކުރި އެއްބަސްވުމުގެ ދަށުން، ސެކިއުރިޓީ ފޯރުކޮށްދިނުމާއި، ޑްރޯން ފޯރުކޮށްދިނުމުގެ އިތުރުން ޓެކްސް ފައިސާ އެއްކުރުމުގެ ބާރުވެސް އެ ކުންފުންޏަށް ވަނީ ދީފައެވެ.

ހިއްސާ ކުރައްވާ!