އެކުވެރި ދައުލަތްތައް (އދ.) ގުޅިގެން ބާއްވާ މޫސުމީ ބައްދަލުވުން، ކޮޕް31 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ډޮކްޓަރ މުހައްމަދު މުއިއްޒު އަންގާރަ ދުވަހު ތުރުކީގެ އަންތާލިޔާއަށް ފުރާވަޑައިގެންފިއެވެ. މިއީ ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ތުރުކީއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
މި ސަމިޓް ކުރިއަށްދާނީ ނޮވެމްބަރު 10 އިން 14 އަށެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި، ކޮޕް31 ސަމިޓުގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވެވުމުގެ އިތުރުން، މަތީ ފެންވަރުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، އެހެން ގައުމުތަކުގެ އިސްވެރިންނާ އެކު ރައީސުލްޖުމްހޫރިއްޔާ ބައްދަލުވުންތައް ބާއްވަވާނެއެވެ.
ރައީސް ތުރުކީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ހުވާކުރެއްވި ތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރެއްވި ދަތުރުފުޅެކެވެ. ތުރުކީ ރައީސް އުރުދުޣާންގެ ދައުވަތަކަށް 26 ނޮވެމްބަރު 2023 ގައި އަންކާރާއަށް ކުރެއްވި އެ ދަތުރުފުޅަކީ ރައީސްކަމުގައި ޑރ. މުޢިއްޒު ކުރެއްވި ފުރަތަމަ ރަސްމީ ޚާރިޖީ ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސާދީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އަދި އޭގެ ފަހުން ރާއްޖެއިން ވަނީ ތުރުކީއަށް ކަނޑައަޅާ ފުރަތަމަ ސަފީރު އައްޔަންކޮށްފައެވެ.
ކޮޕް31 އަކީ 1992 ގެ މޫސުމީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ބައްދަލުވުމެވެ. މި މުއާހަދާއަކީ 2015 ގެ ޕެރިސް އެގްރީމެންޓުގެ އަސާސެވެ. މި ބައްދަލުވުމުގައި ސަރުކާރުތަކާއި، ވިޔަފާރިތަކާއި، ޒުވާނުންނާއި، ސައިންސްވެރިން އަދި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެ، ތަޖުރިބާ ހިއްސާކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އަވަސްކުރުމަށް ބާރުއަޅައެވެ.





