އިސްރާއީލަކީ ދުނިޔޭގެ ޞުލްޙައަށް އޮތް ނުރައްކާތެރި ބިރެއް ކަމަށް އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންގެ 78 އިންސައްތަ މީހުން ދެކޭކަން، އެ ގައުމުގެ ނޭޝަނަލް ސެންޓަރ ފޯ ސޯޝަލް ރިސާޗް އިން ކުރިއަށްގެންދިޔަ އައު ޚިޔާލު ހޯދުމުގެ ސަވޭއަކުން ހާމަވެއްޖެއެވެ. މިއީ މީގެ 20 އަހަރު ކުރިއާ އަޅާބަލާއިރު އިސްރާއީލާ މެދު އިނގިރޭސި އާންމު ރައްޔިތުންގެ ވިސްނުމަށް އައިސްފައިވާ ވަރަށް ބޮޑު ބަދަލެކެވެ. 20 އަހަރު ކުރިން އިސްރާއީލަކީ ނުރައްކަލެއް ކަމަށް ބެލީ އިނގިރޭސިވިލާތުގެ 48 އިންސައްތަ މީހުންނެވެ.
މިދިޔަ ހަފުތާގައި އާންމުކުރި މި ސަވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި، އިސްރާއީލަކީ ދުނިޔޭގެ ޞުލްޙައަށް އޮތް ބޮޑު ނުރައްކާ ކަމަށް ދެކޭ މީހުންގެ ނިސްބަތް ފާއިތުވި އަހަރުގެ ތެރޭގައި އެކަނިވެސް ވަނީ 10 އިންސައްތައިން މައްޗަށް ގޮސްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ ޞުލްޙައަށް އޮތްނުރައްކާގެ ލިސްޓުގައި އިސްރާއީލުން ވަނީ އުތުރު ކޮރިއާވެސް ފަހަތަށް ޖައްސާލާފައެވެ.
އިނގިރޭސިވިލާތުގެ ރިސާޗް ސެންޓަރުން ބުނެފައިވަނީ، އިސްރާއީލުގެ ސޫރަ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހަލާކުވެގެންގޮސްފައިވަނީ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް އެ ގައުމު ވަދެފައިވާތީއެވެ.
ޣައްޒާ ގައި ހިންގަމުންދާ ޖެނޮސައިޑް ހަނގުރާމައަށްފަހު، 2024 ވަނަ އަހަރުގެ ފަހުކޮޅު އިސްރާއީލަކީ ނުރައްކަލެއް ކަމަށް ދެކޭ މީހުންގެ ނިސްބަތް ވަނީ ތިންބައިކުޅަދެބަޔަށް މައްޗަށް ގޮސްފައެވެ. އޭގެފަހުން އެ އަދަދު ކުޑަކޮށް ދަށްވި ނަމަވެސް، އީރާނަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާ ތަކާ ގުޅިގެން މި ނިސްބަތް އަލުން ވަނީ 78 އިންސައްތައަށް އުފުލިފައެވެ.
މި ނަތީޖާއަކީ ހަމައެކަނި އިސްރާއީލުން ހިންގާ އަސްކަރީ އަމަލުތަކަށް އިނގިރޭސި އާންމުން ބަލާ ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިކަމުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެ، ޖިއޯޕޮލިޓިކަލް މަސްރަހު ގައި ބޮޑު ނުވަތަ ފުޅާ ހަމަނުޖެހުމެއް އުފެދިދާނެކަމުގެ ބިރު އިނގިރޭސިވިލާތުގެ އާންމުންގެ މެދުގައި އޮތްކަން މިއިން ރަމްޒުކޮށްދެއެވެ.
މީގެ އިތުރުން، މި ސަވޭއިން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ 74 އިންސައްތަ މީހުން ދެކޭ ގޮތުގައި އެމެރިކާއަކީވެސް ދުނިޔޭގެ ޞުލްޙައަށް އޮތް ނުރައްކާތެރި ތަހުދީދެކެވެ.
މިއީ 2024 ވަނަ އަހަރު އެމެރިކާއާ މެދު އެގޮތަށް ދެކުނު 35 އިންސައްތައާ އަޅާބަލާއިރު، ދެ އަހަރު ދުވަހުގެ ތެރޭގައި ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.
އެމެރިކާއާއި އިސްރާއީލަކީ ތާރީޚީ ގޮތުން އެ ގައުމުގެ މުހިންމު ބައިވެރިން ކަމަށްވީ ނަމަވެސް، އެ ގައުމުތަކުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކަކީ ނުރައްކާތެރި ސިޔާސަތުތަކެއްގެ ގޮތުގައި އިނގިރޭސި އާންމުންގެ ބޮޑު ބަޔަކު ދަނީ ސިފަކުރަމުންނެވެ.





