ރަޝިޔާގެ ސިފައިންގެ ޚާއްސަ މަތިންދާބޯޓެއް އިސްރާއީލަށް ޖައްސައިފި

ރަޝިޔާގެ ސިފައިންގެ އިސް އޮފިޝަލުންނާއި ދައުލަތުގެ ވެރިން އުފުލުމަށް ބޭނުންކުރާ ޚާއްސަ އަސްކަރީ މަތިންދާބޯޓެއް އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓަށް "އާދާޔާ ޚިލާފު" ގޮތަކަށް ބަނދަރުކުރުމާ ގުޅިގެން، ބޮޑު ސުވާލުތަކެއް އުފެދިއްޖެއެވެ.

އިސްރާއީލުގެ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނުން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، ރަޝިޔާގެ ސިފައިންގެ 223 ވަނަ ފްލައިޓް ޔުނިޓަށް ނިސްބަތްވާ "ޓުޕޮލޭވް ޓީޔޫ-154އެމް" މަތިންދާބޯޓު، މޮސްކޯ ކައިރީގައި އޮންނަ ޗްކަލޯވްސްކީ އަސްކަރީ އެއާބޭސްއިން ފުރއިގެން އިސްރާއީލަށް ބަނދަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މޮސްކޯއިން ތެލް އަވީވަށް ސިފައިންގެ މިފަދަ ބޯޓެއް ފޮނުވާފައި ނުވާއިރު، މި ދަތުރާ ގުޅޭގޮތުން އިސްރާއީލުގެ ސިފައިންނާއި، ބޮޑުވަޒީރުގެ އޮފީހުގެ އިތުރުން އިސްރާއީލުގައި ހުންނަ ރަޝިޔާގެ އެމްބަސީންވެސް ވަކި އެއްޗެއް ބުނުމަށް ވަނީ އިންކާރުކޮށްފައެވެ.

ފްލައިޓް ޓްރެކިންގ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާގެ އުސޫލުތަކުގެ ދަށުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ މި މަތިންދާބޯޓު، އިސްރާއީލުން ފުރައިގެން ދިއުމަށް ހަމަޖެހިފައިވަނީ އަބޫދާބީގެ އަލް ބަޓީން އެގްޒެކެޓިވް އެއާޕޯޓަށެވެ.

މިއީ ނޮވެމްބަރު 10 އިން 11 އަށް އަބޫދާބީގައި ރަޝިޔާއާއި އެމެރިކާ އަދި ޔުކްރޭންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިންފަރާތުގެ ސިއްރު މަޝްވަރާތަކާ ދިމާކޮށް ހިންގާފައިވާ ދަތުރެކެވެ.

ރަޝިޔާގެ ރައީސް ޕޫޓިން ގެ އެޑްވައިޒަރު ވުލާޑިމީރު މެޑިންސްކީއާއި، ޚާރިޖީ ވަޒީރުގެ ނައިބުންގެ އިތުރުން ސިފައިންގެ އިންޓެލިޖެންސްގެ ވެރިޔާ އިގޯ ކޮސްޓިއުކޯވް ހިމެނޭ ވަފުދެއް އަބޫދާބީގެ ސަމިޓް ގައި ބައިވެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، އިސްރާއީލަށް ދިޔަ ބޯޓުގައި ތިބީ ކޮން ބައެއްކަން ސަރުކާރުތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކުރީގެ ތާރީޚަށް ބަލާއިރު، އިސްރާއީލާއި ރަޝިޔާގެ ސިފައިންގެ މެދުގައި އޮތް ގުޅުން ބޮޑަށް އަމާޒުވެފައިވަނީ ސޫރިޔާގެ ބޯޑަރު ސަރަހައްދުތަކުގައި ހިނގައިދާނެ ނުތަނަވަސް ކަންކަން ހުއްޓުވުމަށެވެ. ނަމަވެސް، ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ސޫރިޔާގައި ތިބި ރަޝިޔާގެ ސިފައިން ވަނީ ވަރަށް ބޮޑަށް ކުޑަކޮށް، ހްމެއިމިމް އަސްކަރީ ބޭސްއިން ވަސީލަތްތައް އަނބުރާ ގެންގޮސްފައެވެ.

ހިއްސާ ކުރައްވާ!