އެމެރިކާގެ ނިއުޔޯކް ސިޓީގެ ބްރޫކްލިންގެ ފްލެޓްބުޝް ސަރަޙައްދުގައި ހުރި މީހުން ދިރިއުޅޭ ތިން ބުރީގެ ޢިމާރާތެއް ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށް އެ ސިޓީގެ ފަޔަރ ޑިޕާޓްމަންޓުން ބުނފިއެވެ.
ބުދަ ދުވަހު ހިނގި މި ހާދިސާއަށްފަހު، ވެއްޓިފައިވާ ޢިމާރާތުގެ ދަށުން އިތުރު މީހުންގެ ހަށިތައް ފެނިފައިވާއިރު، މި ހާދިސާގައި 19 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށާއި، ޙާލު ސީރިއަސް ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފަޔަރ ޑިޕާޓްމަންޓުން މައުލޫމާތު ދެއެވެ.
މި ޢިމާރާތް ވެއްޓުމާއެކު، ގާތްގަނޑަކަށް 250 ފަޔަރ ފައިޓަރުންނާއި މީހުން ސަލާމަތްކުރާ ޓީމުތަކުން ވަނީ ކުއްލި ޙާލަތުގައި އެ ސަރަޙައްދަށް ގޮސް މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. ވެއްޓިފައިވާ ޢިމާރާތުގެ ކައިރީގައި ހުރި މީހުން ދިރިއުޅޭ އެހެން ޢިމާރާތެއްގެ ފާރުތައްވެސް ވެއްޓިފައިވާއިރު، އެ ސަރަޙައްދުގައި ހުރި ގާކުނޑިތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
ނިއުޔޯކް ސިޓީގެ ޑިޕާޓްމަންޓް އޮފް ބިލްޑިންގްސްގެ ކޮމިޝަނަރު އަޙްމަދު އައްތިޖާނީ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި، އެ ޢިމާރާތް ވެއްޓިފައިވަނީ ކައިރީގައި އޮތް ކޮންސްޓްރަކްޝަން ސައިޓެއްގެ މައްޗަށެވެ. ޢިމާރާތް ވެއްޓެން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤުކުރަމުންނެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދުގައި ހުރި މީހެއް ކަމަށްވާ އެންތަނީ، "ޕިކްސް11 ނިއުސް" ޗެނަލަށް މައުލޫމާތު ދެމުން ބުނީ، ޢިމާރާތް ވެއްޓުނު ވަގުތު ބޮމެއް ގޮވާ ފަދަ ބާރު އަޑުފަށްގަނޑަކާއެކު މީހުން ހަޅޭއްލަވާ އަޑު އިވުނު ކަމަށެވެ. އަދި މަންޒަރުދުށް އެހެން މީހެއް ކަމަށްވާ މެލީސާ އޯނާ "ނިއުޔޯކް ޓައިމްސް" ނޫހަށް ބުނި ގޮތުގައި، މުޅި ޢިމާރާތް ވަރަށް ބޮޑަށް ތެޅިގަތުމަށްފަހު ކުއްލިއަކަށް ވެއްޓުނީއެވެ.
ނިއުޔޯކް ސިޓީގެ މޭޔަރު ޒުހްރާން މަމްދާނީ ވަނީ ކުއްލި ޙާލަތުގައި މަސައްކަތްކުރާ ޓީމުތަކުން ކުރަމުންދާ ބުރަ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ.






