މައިކްރޮސޮފްޓްގެ ޚިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުކުރުމުގައި ކުރިއެރުންތަކެއް ލިބިއްޖެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ މައިކްރޮސޮފްޓްގެ ޕްލެޓްފޯމްތަކަށް ދެވަނަ ދުވަހަކަށް ދިގުދެމިގެންދިޔަ ޓެކްނިކަލް މައްސަލަ ހައްލުކޮށް، ޚިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތުގައި "އުއްމީދީ ކުރިއެރުންތަކެއް" ހޯދިފައިވާ ކަމަށް އެ ކުންފުނިން ހުކުރު ދުވަހު އިޢުލާންކޮށްފިއެވެ.

މީސް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ "އެކްސް" (ކުރީގެ ޓްވިޓަރ) ގައި މައިކްރޮސޮފްޓުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، މައްސަލަ ދިމާވި އިންފްރާސްޓްރަކްޗަރގެ ބޮޑު ބައެއްގައި "މައިކްރޮސޮފްޓް 365″ ގެ އީމެއިލް ފޮނުވުމާއި ލިބުމުގެ ޚިދުމަތް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި އަދިވެސް މެދުކެނޑުންތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތްކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މައިކްރޮސޮފްޓްގެ މި އިޢުލާނާ ގުޅިގެން، މީސް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ އަދަދެއްގެ ބަޔަކާއި، ސީ.އެން.އެން ނެޓްވޯކްގެ ނޫސްވެރިން ވަނީ އީމެއިލްތައް އަލުން އިންބޮކްސްތަކަށް ލިބެން ފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އީމެއިލްތަކަށް ނުވަދެވޭ ކަމަށާއި ޚިދުމަތް މުޅިން ރަނގަޅު ނުވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަދިވެސް ދަނީ ޝަކުވާ ކުރަމުންނެވެ.

ޚިދުމަތް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް އެފްރިކާއާއި ޔޫކޭގައި އަދިވެސް ބުނަމުން ދެއެވެ.

މީގެ ކުރިން މައިކްރޮސޮފްޓުން ހާމަކޮށްފައިވާ ގޮތުގައި، މައްސަލަ ހައްލުކުރުމަށް އެޅި ފިޔަވަޅުތަކާއެކު ބައެއް ސަރަޙައްދުތަކަށް ލުއިތަކެއް ލިބުނު ނަމަވެސް، މުޅި ނިޒާމު އެއްކޮށް ހަމައަކަށް އެޅުނު ކަމުގެ ޔަޤީންކަމެއް އޭރު ލިބިފައެއް ނުވެއެވެ. މި މައްސަލައިގެ ސަބަބުން ދުނިޔޭގެ މުހިންމު އެތައް ސިނާޢަތަކާއި ވިޔަފާރިތަކެއްގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

"މައިކްރޮސޮފްޓް 365″ ގެ ޚިދުމަތްތަކަށް ދިމާވާ މައްސަލަތައް މޮނިޓަރ ކުރުމަށް ޚާއްސަކޮށްފައިވާ އެކްސް އެކައުންޓުން އާންމުކުރި އިތުރު ތަފްޞީލުތަކުގައިވާ ގޮތުން، ސާވަރތަކުގެ ހަމަޖެހުން ގާއިމުކޮށް ޑޭޓާ ދައުރުވުން ފަސޭހަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން، ޓްރެފިކް ޕްރޮޓޮކޯލްތަކަށް ބަދަލުގެނައުމާއި، ޑޭޓާ ޓްރެފިކް އެހެން ދިމަދިމާލަށް ބަދަލުކުރުމުގެ އިތުރުން، އިންފްރާސްޓްރަކްޗަރގެ ބައެއް ބައިތަކަށް ބާރުބޮޑުވިޔަ ނުދިނުމަށްޓަކައި ސްޓްރެޓެޖީތަކެއް ތަންފީޒުކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގެ ޚިދުމަތްތައް އަލުން ފެށިފައިވީ ނަމަވެސް، މުޅި ނިޒާމު ދާއިމީ ގޮތެއްގައި ހަމައަކަށް އެޅެންދެން ބައެއް ފަރާތްތަކަށް ޚިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް މައިކްރޮސޮފްޓުން ވަނީ ބުނެފައެވެ.

ހިއްސާ ކުރައްވާ!