ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު އެލެކްސީ އޮވެރްޗުކް އިސްކޮށް ހުންނަވައިގެން ރަޝިޔާގެ އިސް ވަފުދެއް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ޒިޔާރަތްކުރައްވައި، ތާލިބާނުންގެ ސަރުކާރާއެކު 103 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައިފިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި އެކަހެރިވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ އަފްޣާނިސްތާނުން ދަނީ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އައު ވިޔަފާރީގެ މަގުތައް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ ގުޅިގެން ތާލިބާނުން އެ ޤައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު، ރަޝިޔާއިން ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު ތާލިބާނުންގެ ސަރުކާރު ރަސްމީކޮށް ބަލައިގަންނަ ފުރަތަމަ ޤައުމަށް ވެފައެވެ.
ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަފްޣާނިސްތާނާއި ރަޝިޔާގެ އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ މެދުގައި އިޤްތިޞާދީ އެއްބާރުލުން ދިނުމާ ގުޅޭ 15 ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
އަފްޣާން ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، 103 މިލިއަން ޑޮލަރުގެ އަގުހުރި މި އެއްބަސްވުންތަކުގެ ދަށުން އަފްޣާނިސްތާނަށް ބޭހާއި، ގޮދަނާއި، ފުށުގެ އިތުރުން ކައްކާ ތެޔޮ އެތެރެކުރުމާއި، އަފްޣާނިސްތާނުން ރަޝިޔާއަށް ތާޒާ މޭވާ ބޭރުކުރުމުގެ އިތުރުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާކުރުން ހިމެނެއެވެ.
ކާބުލްއަށް ވަޑައިގަތުމުން ރަސްމީ އިއްޒަތުގައި މަރުޙަބާ ދެންނެވުމަށްފަހު، އޮވެރްޗުކް ވަނީ އަފްޣާނިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޙަސަން އާޚުންދާއި، އިޤްތިޞާދީ ކަންކަމާބެހޭ ބޮޑުވަޒީރުގެ ނައިބު ޢަބްދުލްޣަނީ ބިރާދަރާ ބައްދަލުކުރައްވާފައެވެ. ބޮޑުވަޒީރު އާޚުންދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަޤީވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބިރާދަރު ވަނީ އަފްޣާނިސްތާނުގައި އޮތް އިޤްތިޞާދީ އަދި އިންވެސްޓްމަންޓްގެ ފުރުޞަތުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އަފްޣާނިސްތާނަކީ ސްޓްރެޓެޖީގެ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮތް، ޤުދުރަތީ ވަސީލަތްތަކުން މުއްސަނދި ޤައުމެއްކަން ފާހަގަކުރައްވައި، އެ ޤައުމުގައި މަސައްކަތްކުރެވޭ އުމުރުފުރައިގެ 24 މިލިއަން މީހުންގެ ބޮޑު ލޭބަރ ފޯސްއެއް އޮތްކަން އޭނާ ވިދާޅުވިއެވެ. އަދި މަޢުދަން ނެގުމާއި، ކާރުޚާނާތައް ބިނާކުރުމާއި، އުމްރާނީ ތަރައްޤީގެ އިތުރުން ޚާއްސަ އިޤްތިޞާދީ ސަރަޙައްދުތައް ތަރައްޤީކުރުމާއި، ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުމުގެ ދާއިރާގައި އިންވެސްޓްކުރުމަށް ރަޝިޔާގެ ކުންފުނިތަކަށް އޭނާ ދަޢުވަތު ދެއްވިއެވެ.
ރަޝިޔާގެ އިންޓަރފެކްސް ނޫސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮވެރްޗުކް ވިދާޅުވީ އަފްޣާނިސްތާނާއެކު އޮތް ވިޔަފާރީގެ ގުޅުންތައް ކުރިއެރުވުމަށް މޮސްކޯއިން ޚާއްސަ އިސްކަމެއް ދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަފުދުގައި ރަޝިޔާގެ އެތައް ކުންފުންޏެއް ތަމްސީލުކުރާ 70 އަށްވުރެ ގިނަ ވިޔަފާރިވެރިން ހިމެނޭ. އޭގެ ތެރެއިން ގިނަ ކުންފުނިތަކުން މިހާރުވެސް އަފްޣާނިސްތާނުގައި މަސައްކަތްކުރަމުންދާއިރު، އިތުރު ގިނަ ކުންފުނިތަކަކުން އެ ޤައުމުގައި ވިޔަފާރި ފެށުމަށް ޝައުޤުވެރިވޭ،" އޮވެރްޗުކް ވިދާޅުވިއެވެ.
މި ވަފުދުގައި ހިމެނޭ ކުންފުނިތަކަކީ ދަތުރުފަތުރާއި، ލޮޖިސްޓިކްސްއާއި، ދަނޑުވެރިކަމުގެ އިތުރުން ބޭސް އުފެއްދުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކެކެވެ. މީގެއިތުރުން، އަފްޣާނިސްތާނުގެ އެތެރޭގައި ގަސްކާނާ އުފައްދާ ކާރުޚާނާތައް ޤާއިމުކުރުމަށް ރަޝިޔާގެ ގަސްކާނާއަށް އަފްޣާން ސަރުކާރުން ބޮޑު ޝައުޤުވެރިކަމެއް ދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮވެރްޗުކް އިތުރަށް ވިދާޅުވީ، ރަޝިޔާގެ މައިގަނޑު އަމާޒަކީ އަފްޣާނިސްތާނުގެ އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިވެ، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ރައްޔިތުންނަށް ސުލްޙަވެރިކަމާއެކު ދިރިއުޅެވޭނެ ފަދަ އެކަށީގެންވާ އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަފްޣާން ސަރުކާރުގެ ބަޔާނުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ރަޝިޔާއާއި އަފްޣާނިސްތާނާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތްތައް ވަނީ ދެގުނައަށްވުރެ އިތުރުވެ، 349 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.




