އީރާން ކުޑަކަކޫ ޖައްސުވަން އުޅުނު އެމެރިކާ އަމިއްލައަށް ކުޑަކަކޫ ޖަހަން ފަށައިފި: ޕެޒެޝްކިއަން

އީރާނާއި އެ ޤައުމުގެ ރައްޔިތުން ކުޑަކަކޫ ޖައްސުވަން މަސައްކަތްކުރި އެމެރިކާ، މިހާރު މަޑުމަޑުން އަމިއްލައަށް ކުޑަކަކޫ މައްޗަށް ތިރިވާން ފަށާފައިވާ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގައި ކުރިއަށްދިޔަ އދ ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ސަމިޓް (ކޮޕް 31) ގެ ހަވާސާގައި ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، ހަނގުރާމައާއި ބިރުދެއްކުމުގެ އިތުރުން އީރާން އެކަހެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކުވެސް، އެ ޤައުމުގެ ޑިޕްލޮމެސީ އޮތީ ވަރަށް ހަރަކާތްތެރިކޮށް ކަމަށެވެ. އަދި މި ސަމިޓްގެ ތެރެއިން އެކި ޤައުމުތަކުގެ ވެރިންނާއި ވަޒީރުންގެ އިތުރުން ޑިޕްލޮމެޓުންނާ ބައްދަލުކުރައްވައި، އިސްލާމީ ޖުމްހޫރިއްޔާގެ ސިޔާސަތުތަކާއި ކަންކަމުގައި ދެކޭ ގޮތް ސާފުކޮށްދިނުމަށް ރަނގަޅު ފުރުޞަތެއް ލިބިވަޑައިގެންނެވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ "ތަސްނީމް" ނޫސް އެޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއަން ވަނީ ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ޝިޢާރުތައް އުފުލާ ޤައުމުތަކުން ޤާނޫނީ އަދި އިންސާނީ އުޞޫލުތަކާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ، ހުޅަނގުގެ ބާރުތަކަށް  ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް ޣައްޒާގެ ޙާލަތަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ، ކުޑަކުދިން އެހާ ފަސޭހައިން ޤަތުލުކޮށް، ޣައްޒާ މިއަދު އޮތް ނިކަމެތި ޙާލަތަށް ވެއްޓިގެންދިއުމަކީ ހޭލުންތެރި އެއްވެސް ޟަމީރަކަށް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ މިނިވަން ކޮންމެ އިންސާނެއްގެ ޟަމީރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

ވޮޝިންޓަނުން ތެހެރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ ރައީސް ވިދާޅުވީ، އެމެރިކާގެ މައިގަނޑު އެއް އަމާޒަކީ އީރާން ބައިނަލްއަޤްވާމީ މައިދާނުން އެކަހެރިކުރުން ކަމަށެވެ. ނަމަވެސް، އެމެރިކާގެ އެ ސްޓްރެޓެޖީ ނާކާމިޔާބުވެ، ހަނގުރާމައިގެ ޙާލަތުގައިވެސް އީރާނުގެ ޚާރިޖީ ގުޅުންތައް އިތުރަށް ވަރުގަދަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ކުރަމުންދާ ހަނގުރާމައާއި މަޝްވަރާތަކާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތަށް ބުރާސްފަތި ދުވަހު އަނެއްކާވެސް ބަދަލެއް ގެންނަވާފައެވެ. މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ތެހެރާނާއެކު އެއްވެސް އެއްބަސްވުމަކަށް ދިއުމުގެ ބޭނުމެއް އެމެރިކާއަށް މިހާރު ނެތް ކަމަށެވެ.

މީގެއިތުރުން، އެމެރިކާއާއި އީރާނާ ދެމެދު ކުރާ މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވުމަށް މީގެ ކުރިން ހަވާލުކުރައްވާފައިވާ ނައިބު ރައީސް ޖޭޑީ ވެންސް، އެ މަސައްކަތް ދޫކޮށްލައްވައި އެހެން ދާއިރާތަކަކަށް ސަމާލުކަން ދެއްވުމަށް ޓްރަމްޕް ވަނީ އަންގަވާފައެވެ. އެގޮތުން، ޑިމޮކްރެޓިކް ޕާޓީން ވެރިކަންކުރާ ސްޓޭޓްތަކާއި ސިޓީތަކުގައި ހިންގާ ކޮރަޕްޝަނާއި ކުށްކުރުން ހުއްޓުވުމަށް ވެންސްގެ ފުރިހަމަ ސަމާލުކަން ދެއްވުމަށް ރައީސް ޓްރަމްޕް ވަނީ އިރުޝާދު ދެއްވާފައެވެ.

ރައީސް ޓްރަމްޕް މިފަދައިން ވިދާޅުވެފައިމިވަނީ، ފުރިހަމަ ހަނގުރާމައަކަށް އަލުން ދިއުމުން ސަލާމަތްވުމަށާއި، އިތުރު ފުޅާ މަޝްވަރާތަކަކަށް މަގުފަހިކުރުމުގެ ގޮތުން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ނާޒުކު އެއްބަސްވުމަކާ ގުޅޭގޮތުން ސިއްރު މަޝްވަރާތަކެއް ހަލުވިކަމާއެކު ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!