އިނގިރޭސިވިލާތުގައި ހުންނަ އެމެރިކާގެ ވައިގެ ސިފައިންގެ މައި މަރުކަޒުގެ ކައިރި ސަރަޙައްދުތަކުގައި ޚުއްދަނެތި އުދުހުނު ކަމަށް ތުހުމަތުކުރެވޭ ޑްރޯންތަކެއް ފެނުމާ ގުޅިގެން، އެމެރިކާ ސިފައިންނާއި އިނގިރޭސި ވިލާތުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ސައިރަންއާ އިންޒާރުގެ ރަނގަބީލު ޖަހާފައިވެއެވެ.
ސަފޯކް ސަރަޙައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މި ޑްރޯންތައް ފެނިފައިވަނީ، އީރާނާ ގުޅުންހުރި ކަމަށް ބެލެވޭ ޖާސޫސީ މަޢުލޫމާތުތަކަކާ ގުޅިގެން އެ މަރުކަޒުތަކުގައި "ފޯސް ޕްރޮޓެކްޝަން ކޮންޑިޝަން ޗާލީ" ގެ ނަމުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް މައްޗަށް ޖައްސާފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާ ސިފައިންގެ ފަރާތުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މުވައްޒަފަކަށް، މަނަވަރަކަށް، މަތިންދާބޯޓަކަށް ނުވަތަ އިންފްރާސްޓްރަކްޗަރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ވައިގެ ސަރަޙައްދުގެ ސަލާމަތް ކަށަވަރުކުރުމަށްފަހު މި މައްސަލަ މިހާރު ވަނީ ޙައްލުކުރެވިފެވެ.
މި ސަރަޙައްދުގެ އެމްޕީ ނިކް ތިމޮތީ ވިދާޅުވީ، މަރުކަޒުގެ އިސްވެރިންނާ މަޝްވަރާކުރައްވާފައިވާ ކަމަށާއި، ޢާންމު ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށެވެ. މީގެ ކުރިންވެސް މިލްޑެންހޯލް މަރުކަޒުން މަތިންދާބޯޓުތައް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރެވެއެވެ.





