ހަލުވިކަމާއެކު މުޖުތަމަޢަށް އަންނަމުންދާ އިޖުތިމާޢީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ޒަމާންވީ ރިވެތި އާދަކާދަތަކާއި އެކުވެރިކަން ދޭސީވަމުންދާ ކަމުގެ ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައި، އާންމު މުޖުތަމަޢުގައި އިޙްތިރާމާއި އަޚްލާޤީ މިންގަނޑުތައް އަލުން އާލާކުރުމަށްޓަކައި ފަސް އަހަރުގެ ޚާއްސަ ޤައުމީ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.
ވެރިރަށް މާލޭގެ މާފަންނު ޓާފް ދަނޑު ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޢިއްޒު މި މަޝްރޫޢު ފަށްޓަވައިދެއްވީ، އެކަމަށްޓަކައި ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މޮނިއުމަންޓެއްގެ މަތީގައި ދިއްލާފައިވާ ބޯޅައެއް ބަހައްޓަވައިގެންނެވެ.
"އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ ނަމުގައި ފެށި މި ޕްރޮގްރާމްގެ ރަސްމީ ނިޝާނާއި ތީމް ލަވަވެސް އިފްތިތާޙުކުރި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ނައިބު ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިންނާއި މަދަނީ ޖަމްޢިއްޔާތަކުގެ މަންދޫބުންނާއި ގިނަ އަދަދެއްގެ ދަރިވަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި މަޝްރޫޢަކީ ޢުމްރާނީ ތަރައްޤީއާ އެއްވަރަށް ދިވެހިންގެ މާނަވީ ތަރިކައާއި ސަގާފީ އަގުތައް ޙިމާޔަތްކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ މައިގަނޑު ސިޔާސަތުގެ ދަށުން ފެށި މަސައްކަތެކެވެ. މި މަޝްރޫއަކީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިއުލާނުކުރެއްްވި މަޝްރޫއެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވީއްސުރެ އެމަނިކުފާނު ގެންދަވަނީ ދިވެހިންގެ ރިވެތި ސުލޫކާއި، އިޖުތިމާޢީ ބަދަހިކަމުގެ އިތުރުން ދިވެހި ބަސް މަޑުމަޑުން ނެތެމުންދާ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވަމުންނެވެ. އެހެންކަމުން، ތާރީޚީ ދިރާސާތަކާއި ސަގާފަތް ރައްކާތެރިކުރުމުގެ މަސައްކަތްތަކާއެކު އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.
"މި ސިފަތައް ގެއްލިދިޔަ ނުދިނުމަށްޓަކައި، ދިވެހީންގެ ރީތި އުޅުމާއި ގުޅުން އިޢާދަކޮށް ތަރައްޤީކުރުމުގެ ޤައުމީ ތަސައްވުރެއް އެކުލަވައިލައި، އިޙްތިރާމު ކުރުމުގެ ޤައުމީ މަޝްރޫޢެއް، މި އަހަރު ފަށައި، އިޙްތިރާމު ކުރުމުގެ ސިފަ އަށަގެންނެވުމުގެ ޤައުމީ ކެމްޕެއިނެއް، މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން،" ރައީސް
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ފުރަތަމަ ފަހަރަށް މި މަޝްރޫޢުގެ ތަޞައްވުރު ހާމަކުރައްވައި ވިދާޅުވެފައިވަނީ، ދިވެހިންގެ ރިވެތި އަޚްލާޤާއި އިޖުތިމާޢީ އެއްބައިވަންތަކަން ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމަށްޓަކައި، އެ ސިފަތައް އަލުން އާލާކޮށް ތަރައްޤީކުރާނެ ޤައުމީ ތަޞައްވުރެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދުތައް އާންމު ދިރިއުޅުމުގެ ތެރޭގައި ހަރުލެއްވުމަށްޓަކައި، އެކަމަށް ބާރުދޭ ޤާނޫނީ އޮނިގަނޑުތައް ތަޢާރަފުކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށްވެސް ރައިސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސްކޫލް ދަރިވަރުންނާއި ޒުވާނުންނަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މަޝްރޫޢު ވިލަރެސްކޮށް ހިންގުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތައް ހިމެނޭ ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.






