ޑެންގޫ ހުން ޖެހިގެން މަރުވި މީހުންގެ ޖުމްލަ ޢަދަދު 500 އަށްވުރެ މައްޗަށް އަރައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަންގްކަދޭޝްގައި ޑެންގޫ ހުން ޖެހިގެން އިތުރު ތިން މީހުން މަރުވެ، މި އަހަރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު 502 އަށް އަރާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ. މިއާއެކު، މުޅި ޤައުމުގައި ޞިއްޙީ އިދާރާތަކުން ވަނީ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ބަނގްލަދޭޝްގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް (ޑީޖޭއެޗްއެސް) އިން ހާމަކޮށްފައިވާގޮތުން، ހޯމަ ދުވަހުގެ ހެނދުނު 8:00 އާ ހަމައަށް ލިބުނު ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު 1,598 މީހުން ވަނީ ޑެންގޫ ހުން ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. މިދިޔަ އަހަރު މުޅި ޤައުމުގައި ޑެންގޫ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 102,861 މީހުންނެވެ. އަދި އެ އަހަރު މި ބަލީގައި 413 މީހުން މަރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް އައިއިރު މަރުވި މީހުންގެ ޢަދަދު ވަނީ މައްޗަށް ގޮސްފައެވެ.

މި އަހަރު ފެށުނީއްސުރެ ބަނގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި މިހާތަނަށް ޑެންގޫ ހުން ޖެހިގެން ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދި މީހުންގެ ޖުމްލަ ޢަދަދު 164,107 އަށް އަރާފައިވާކަމަށް ޑީޖޭއެޗްއެސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުންނަށް ފަރުވާދީފައިވަނީ ޑާކާގެ ހޮސްޕިޓަލްތަކުގައެވެ. އެގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެޑްމިޓްކުރި މީހުންގެ ތެރެއިން 673 މީހުން ނިސްބަތްވަނީ އެ ސަރަޙައްދަށެވެ.

މި ބަލީގެ ނުރައްކާ ބޮޑުވެފައިވީ ނަމަވެސް، ޞިއްޙީ ފަރުވާއަށްފަހު ބަލިން ރަނގަޅުވެގެން ގެއަށް ދިޔަ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، މިހާތަނަށް ޖުމްލަ 157,988 ބަލިމީހުން ފަރުވާއަށްފަހު ވަނީ މުޅިން ރަނގަޅުވެފައެވެ.

ޑޮކްރުންނާއި ޞިއްޙީ މާހިރުން ވިދާޅުވާގޮތުގައި، ވިއްސާރަ މޫސުމުގައި މަދިރި އާލާވާ މިންވަރު އިތުރުވުމަކީ މިފަދަ ބަލިތައް ފެތުރުމުގެ އެންމެ ބޮޑު ސަބަބެވެ.

ހިއްސާ ކުރައްވާ!