ޗައިނާއިން ލާއޯސްއާއި ކެމްބޯޑިއާގައި އައު އަސްކަރީ މަރުކަޒުތައް ޤާއިމުކުރަނީ

ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގައި ޗައިނާއިން ސިޔާސީ އަދި އިޤްތިޞާދީ ގޮތުން ހޯދަމުންދާ ކުރިއެރުންތަކާއެކު، އެ ޤައުމުގެ އަސްކަރީ ސްޓްރެޓެޖީއާއި ނުފޫޒުވެސް އެ ސަރަޙައްދުގައި ދަނީ ފުޅާވަމުންނެވެ. މެއި މަހު 6 ޤައުމެއްގެ އިސްވެރިން ބެއިޖިންގަށް ގެނެސް، އިޤްތިޞާދީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާތައް ބާއްވާފައިވާއިރު، ލާއޯސްއާއި ކެމބޯޑިއާގައި ޤާއިމުކުރަމުންދާ އައު އަސްކަރީ މަރުކަޒުތަކަކީ މިކަމުގެ އެންމެ ބޮޑު ހެއްކެއް ކަމަށް ބޭރުގެ ޑިޕޮލެމެޓުންނާއި މުހައްލިލުން ފާހަގަކުރެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ޗައިނާގެ ޚާރިޖީ ވަޒީރު ވޭންގް ޔީ ވަނީ ލާއޯސް، ކެމބޯޑިއާ، ވިއެޓްނާމް، ތައިލެންޑް އަދި މިޔަންމާރުގެ ޚާރިޖީ ވަޒީރުން ބެއިޖިންގަށް ގެންނަވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް އެކުލަވާލާފައެވެ. މި ދަތުރުފަތުރުތަކަކީ ހަމައެކަނި ވިޔަފާރިއާއި އުމްރާނީ ތަރައްޤީއަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކެއް ނޫން ކަމަށާއި، މިއީ ސިފައިންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހިންގޭ ސްޓްރެޓެޖީއެއްކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިގޮތުން، ސެޕްޓެމްބަރު މަސް ނިމުނު ހިސާބުގައި ޗައިނާއާއި ލާއޯސް ގުޅިގެން ވަނީ ލާއޯސްގެ ވެރިރަށް ވިއެންޓިއަންގެ އުތުރުގައި ޖޮއިންޓް މިލިޓަރީ ސަޕޯޓް އެންޑް ޓްރެއިނިންގ ސެންޓަރެއް ހުޅުވާފައެވެ. ބަން ކެއުން ވައިގެ ބަނދަރުގައި ޤާއިމުކުރި މި މަރުކަޒުގައި ފުރަތަމަ ސްޓޭޖެއްގެ ގޮތުން ތަމްރީނު ދޭނީ ލާއޯސްގެ އަސްކަރީ ވައިގެ ސިފައިންގެ ޕައިލެޓުންނަށެވެ. މީގެ އިތުރުން، 2025 ވަނަ އަހަރު ކެމބޯޑިއާގެ ރީމް ކަނޑުގެ އަސްކަރީ މަރުކަޒުގައިވެސް ޗައިނާއިން ވަނީ ހަރަކާތްތައް ފުޅާކޮށްފައެވެ. ޗައިނާއިން މި މަރުކަޒު ބޭނުންކުރަމުން ދަނީ ލޮޖިސްޓިކްސްއާއި ތަމްރީނުތަކަށެވެ.

ޖަރުމަނުވިލާތުގެ ނިއުރެމްބަރގް ޔުނިވަރސިޓީގެ އޭޝިއާގެ ސިޔާސީ ކަންކަމުގެ ޕްރޮފެސަރު މާކޯ ބުންޓޭ ވިދާޅުވި ގޮތުގައި، ލާއޯސްގައި ޤާއިމުކުރި މަރުކަޒުގެ ސަބަބުން ސަރަޙައްދުގެ އަސްކަރީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

"މިކަމުގެ ސަބަބުން މެދުތެރޭ އޭޝިއާގެ ސަރަޙައްދުގައި ޗައިނާއަށް ސްޓްރެޓެޖީގެ ބޮޑު ބާރެއް ލިބިގެންދާނެއެވެ. އަދި ދެކުނު ޗައިނާ ކަނޑަށް ސިފައިންނަށް ވަދެއުޅުމުގެ ފުރުޞަތުވެސް އިތުރަށް ފަހިވެގެންދާނެއެވެ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ކޮންރަޑް އަޑެނައުއަރ ފައުންޑޭޝަންގެ ބެއިޖިންގ އޮފީހުގެ ވެރިޔާ ޔޮހާން ފުހަރްމަން ވިދާޅުވަނީ ލާއޯސްގެ ޕައިލެޓުން ތަމްރީނުކުރުމާއި، މުސްތަޤުބަލުގައި ޗައިނާގެ ސިފައިން އެތަން ސީދާ ބޭނުންކުރުމާ ދެމެދު ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އަދި ބަން ކެއުންގެ ރަންވޭގެ ދިގުމިނުގައި ހުންނަނީ އެންމެ 2,000 މީޓަރު ކަމަށްވާތީ، ޗައިނާގެ ބޮޑެތި ބޮން އަޅާ ބޯޓުތަކަށް އެ ތަން ބޭނުންކުރުމަށް ދަތިވާނެ ކަމަށް އޭނާ ފާހަގަކުރެއެވެ.

މިފަދަ ބަދަލުތަކާ ގުޅިގެން ވެޓްނާމާއި ފިލިޕީންސް ފަދަ ކައިރި ޤައުމުތަކުން ދަނީ ކަންބޮޑުވުމާއެކު މިކަންކަން ވަރަށް ގާތުން ބަލަމުންނެވެ. އެ ޤައުމުތަކުން ބުނާގޮތުގައި ކޮންމެ އަސްކަރީ އެއްބަސްވުމަކާއި އެއްބާރުލުމެއްވެސް ބިނާވާންޖެހޭނީ ސަރަޙައްދުގެ ސުލްހައާއި ހަމަޖެހުމަށެވެ.

ޗައިނާއިން ބުނަމުންދަނީ އެ ޤައުމުން ހިންގާ ހަރަކާތްތަކަކީ އެއްވެސް ތިންވަނަ ފަރާތަކާ ދެކޮޅަށް ހިންގާ ކަންކަމެއް ނޫން ކަމަށެވެ. މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ސަރަޙައްދުގެ ސިޔާސީ އަދި އަސްކަރީ ޕްލޭނަށް އިތުރު ބަދަލުތަކެއް އަންނާނެއެވެ.

ހިއްސާ ކުރައްވާ!