ޗައިނާގެ މަތިންދާބޯޓު އުފައްދާ ކުންފުނި، ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ (ކޮމެކް) އިން ތަރައްޤީކޮށްފައިވާ ކަރަންޓުން ދުއްވާ ފުރަތަމަ ވިޔަފާރި މަތިންދާބޯޓު ކަމަށްވާ "ސީއީ-25އޭ"، ޕައިލެޓުންނާއެކު ކުރި ފުރަތަމަ ތަޖުރިބާ އުދުހުން ހޮނިހިރު ދުވަހު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ۔ އިރުމަތީ ޗައިނާގެ ޝަންޑޮންގ ޕްރޮވިންސްގެ ބިންޒޯގައި ކުރިއަށްގެންދިޔަ މި ތަޖުރިބާ ދަތުރުގައި ދެ ޕައިލެޓުންނާއި ފްލައިޓް-ޓެސްޓް އިންޖިނިއަރަކު ބައިވެރިވިއެވެ۔ ޖުމްލަ 57 މިނެޓަށް ދެމިގެންދިޔަ މި ޓެސްޓު މަރުޙަލާގެ ތެރެއިން 16 މިނެޓު ބޯޓު ވައިގެ ތެރޭގައި އުދުހިފައިވާއިރު، ބޯޓުގެ ހުރިހާ ނިޒާމެއް އާންމު ހާލަތުގައި މަސައްކަތްކޮށް، ކަނޑައެޅިފައިވާ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވެފައިވާ ކަމަށް ކޮމެކްއިން ހާމަކުރެއެވެ۔
މިއީ ޗައިނާގައި މަތިންދާ ބޯޓު އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ތަރައްޤީކުރި 10 ޓަނުގެ ބަރުދަން ހުންނަ، މުޅިން ކަރަންޓުން ދުއްވާ މަތިންދާބޯޓެކެވެ۔
ސިޓީތަކުގެ މެދުގައި ކުރާ ކުރު ދަތުރުތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ބޯޓުގައި އެއްފަހަރާ 19 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ۔ ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި، 2،400 މީޓަރުގެ އުހުން ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މި ބޯޓަށް އެއްފަހަރު ޗާޖުކޮށްގެން 400 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެއެވެ۔ އާދައިގެ ސަރަޙައްދީ މަތިންދާބޯޓުތަކުގައި ހުންނަ ފަދަ ދެ އިންޖީނުގެ ބަދަލުގައި، މި ބޯޓުގެ ފިޔަގަނޑުގެ މަތީގައި ހަރުކޮށްފައިވަނީ ކަރަންޓުން ހިންގާ ގިނަ އަދަދެއްގެ ފަންކާތަކެއް ހިމެނޭ ޚާއްސަ ޕްރޮޕަލްޝަން ނިޒާމެކެވެ۔
ޕައިލެޓުންނާއެކު މި ތާރީޚީ އުދުހުން ބޭއްވުމުގެ ކުރިން، ބޯޓުގެ ރައްކާތެރިކަމާއި ފަންނީ ޤާބިލުކަން ކަށަވަރުކުރުމުގެ ގޮތުން ޕައިލެޓުންނާ ނުލައި އަމިއްލައަށް ކޮންޓްރޯލްވާ ނިޒާމުގެ ދަށުން އުދުހުމުގެ 19 ތަޖުރިބާ އުދުހުން ވަނީ ފުރިހަމަކޮށްފައެވެ۔ މި ބޯޓުގެ އެންމެ ފުރަތަމަ ޕައިލެޓަކާ ނުލައި ބޭއްވި ދުހުން ބާއްވާފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ۔
"ސީއީ-25އޭ" ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ކޮމެކްއާއި، ޗައިނާގެ މަޝްހޫރު ބެޓެރީ އުފައްދާ ކުންފުނި ކޮންޓެމްޕަރަރީ އެމްޕެރެކްސް ޓެކްނޮލޮޖީ (ސީއޭޓީއެލް) އަދި ޝަންހާއީ ޖިއާއޯ ޓޮންގ ޔުނިވަރސިޓީގެ އިތުރުން އެ ޤައުމުގެ އެހެނިހެން ފަންނީ ބައިވެރިން ގުޅިގެންނެވެ۔ މި ބޯޓުގެ ނަމުގައިވާ "ސީ" އަދި "އީ" ރަމްޒުކޮށްދެނީ ޗައިނާއާއި ކަރަންޓުގެ ހަކަތައެވެ۔ އަދި "25″ އިން ދައްކުވައިދެނީ ބޮޑެތި ވިޔަފާރި މަތިންދާބޯޓުތަކަށް ކަނޑައަޅާފައިވާ ޗައިނާގެ ސިވިލް އޭވިއޭޝަން ގަވާއިދު "ސީސީއޭއާރު-25″ ގެ ސަލާމަތީ މިންގަނޑުތަކަށް މި ބޯޓު ފެތޭކަމެވެ۔
ވިޔަފާރި އުސޫލުން ފަސިންޖަރުން އުފުލުމުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ރަސްމީ ހުއްދަތައް ހޯދުމުގެ މަރުޙަލާވެސް މިހާރު ވަނީ ކުރިއަށް ޖެހިފައެވެ۔ އެގޮތުން، ސީއީ-25އޭ އަށް ޓައިޕް ސެޓްފިކެޓް ދޫކުރުމަށް އެދި ކޮމެކްއިން ހުށަހެޅި ހުށަހެޅުން ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ (ސީއޭއޭސީ) އިން މިހާރު ވަނީ ބަލައިގަނެ، އެކަމާ ގުޅޭ ރަސްމީ މުރާޖަޢާތައް ފަށާފައެވެ۔





