މަތީ ފެންވަރުގެ އައު ތަރައްޤީއަކަށް ޗައިނާގެ އިޤްތިޞާދު ބައްޓަންކުރުމަށް ބެއިޖިންގއިން މަސައްކަތް ކުރަމުންދާއިރު، އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، ލޯކަލް ސަރުކާރުތަކުގެ މާލީ ދަތިތަކުގެ އިތުރުން ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަ އިޞްލާޙުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދީ އޮނިގަނޑަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެއެވެ. ތަފާސްހިސާބުތައް ޢާންމުކުރުމުގެ ކުރިން އިޤްތިޞާދީ މާހިރުން ލަފާކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޗައިނާގެ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީ.ޑީ.ޕީ ކުރިއަރާފައިވަނީ ގާތްގަނޑަކަށް 4.4 އިންސައްތައިގައެވެ. އަދި މުޅި އަހަރުގެ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ 4.5 އިންސައްތައާ ގާތުގައެވެ. މިއީ 2026 ވަނަ އަހަރަށް ބެއިޖިންގއިން ކަނޑައަޅާފައިވާ 4.5 އާއި 5 އިންސައްތައާ ދެމެދުގެ އަމާޒުގެ އެންމެ ދަށް މިންވަރެވެ.
ޗައިނާ ސަރުކާރަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ސިޔާސީ އަދި މާލީ ގޮންޖެހުމަކީ ޤައުމީ ޕެންޝަން ނިޒާމު ދެމެހެއްޓުމެވެ. މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއުމަން ރިސޯސަސް އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓްރީގެ ނައިބު ވަޒީރަކު ވިދާޅުވި ގޮތުގައި، ޕެންޝަން ސްކީމުގައި ބައިވެރިނުވާ މަސައްކަތްތެރިން ޑޭޓާގެ އެހީގައި ދެނެގަނެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އެ މީހުން ބައިވެރިކުރުމަށް ޚާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޚާއްސަކޮށް، މިނިވަންކަމާއެކު އެކި ވަޒީފާތައް އަދާކުރާ ގާތްގަނޑަކަށް 200 މިލިއަން "ގިގް ވޯކަރުން" މި ނިޒާމުގެ ތެރެއަށް ވެއްދުމަކީ ބޮޑު އިސްކަމެއް ދީގެން ކުރާ ކަމެކެވެ.
ރަސްމީ ދިރާސާތައް ދައްކާގޮތުން، ޗައިނާގެ ވަޒީފާގެ ބާޒާރުގެ 44 އިންސައްތަ ޙިއްޞާކުރާ މި ދާއިރާގެ މަސައްކަތްތެރިންގެ ތެރެއިން ޕެންޝަންގައި ބައިވެރިވަނީ އެންމެ 34.9 އިންސައްތަ މީހުންނެވެ. މިއީ ދިގު މުއްދަތަކަށް ކަނޑައަޅާފައިވާ 95 އިންސައްތައިގެ އަމާޒަށްވުރެ މާ ދަށް ޢަދަދެކެވެ.
ޕީކިންގ ޔުނިވަރސިޓީން 30,000 ޑެލިވަރީ މަސައްކަތްތެރިންގެ މެދުގައި ކުރި ސަރވޭއަކުން ދައްކާގޮތުގައި، މަޖުބޫރުން ޕެންޝަނަށް ފައިސާ ދެއްކުމަށް ތާއީދުކުރަނީ 10 އިންސައްތައަށްވުރެ މަދު ބައެކެވެ. އޭގެ މައިގަނޑު ސަބަބަކީ ޚަރަދު ބޮޑުވުމެވެ. މިސާލަކަށް ޝަންހާއީގައި މަހަކު އެންމެ މަދުވެގެން ޕެންޝަނަށް ދައްކަންޖެހޭ 2,712 ޔުއާން އަކީ އެ ސިޓީގެ އެންމެ ދަށް އުޖޫރަ ކަމަށްވާ 2,740 ޔުއާންއާ ގާތްކުރާ ޢަދަދެކެވެ. މުޅި ޤައުމަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގާތްގަނޑަކަށް 58 މިލިއަން މީހުން ވަނީ ޕެންޝަނަށް ފައިސާ ދެއްކުން ވަގުތީގޮތުން ހުއްޓާލާފައެވެ.
މި މައްސަލަތައް ފެންމަތިވެފައިމިވަނީ ޗައިނާގެ އާބާދީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. 2025 ވަނަ އަހަރު ނިމުނުއިރު ޗައިނާގައި ޢުމުރުން 60 އަހަރުން މަތީގެ މީހުންގެ ޢަދަދު ވަނީ 324 މިލިއަނަށް އަރާފައެވެ. މިއީ މުޅި އާބާދީގެ 23 އިންސައްތައެވެ. ހަމައެއާއެކު، މަސައްކަތްކުރާ ޢުމުރުފުރާގެ އާބާދީ ފާއިތުވި އަހަރުތަކުގައި ދަނީ މަދުވަމުންނެވެ.
ޗައިނީޒް އެކަޑަމީ އޮފް ސޯޝަލް ސައިންސަސްއިން 2019 ވަނަ އަހަރު ލަފާކޮށްފައިވާ ގޮތުގައި، ދައުލަތުގެ މައި ޕެންޝަން ފަންޑުގެ ފައިސާ 2035 ހިސާބުގައި ހުސްވުމުގެ ބިރު އެބައޮތެވެ. މިކަމަށް ހައްލެއް ހޯދުމަށް ރިޓަޔަރކުރާ ޢުމުރު މަޑުމަޑުން މަތިކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަން ފަށާފައިވީ ނަމަވެސް، މާލީ ހަމަޖެހުން ދެމެހެއްޓުމަށް އިތުރު އިޞްލާޙުތައް ބޭނުންވާ ކަމަށް އިޤްތިޞާދީ މާހިރުން ބުނެއެވެ.
ލޯކަލް ސަރުކާރުތަކުގެ ދަރަންޏާއި ގެދޮރުވެރިކަމުގެ ނުވަތަ ރިއަލް އެސްޓޭޓް ދާއިރާގެ ހީނަރުކަމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. ކުރިން ޗައިނާގެ އިޤްތިޞާދީ ހަރަކާތްތަކުގެ 30 އިންސައްތަ ޙިއްޞާކުރި ރިއަލް އެސްޓޭޓް ދާއިރާ އަޑިއަޅާލުމާއެކު، "ވެންކޭ" ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ ދަރަނި އަލުން ތަރުތީބުކުރުމުގެ މަރުޙަލާއަށް ވަދެފައެވެ. ރަސްމީ ހިސާބުތަކުން މަރުކަޒީ އަދި ލޯކަލް ސަރުކާރުގެ ދަރަނި ޖީ.ޑީ.ޕީގެ 68 އިންސައްތައިގައި ހުރި ނަމަވެސް، ލޯކަލް ގަވަރމަންޓް ފައިނޭންސިންގ ވެހިކަލްސް (އެލް.ޖީ.އެފް.ވީ) ގެ ދަރަނި ހިމަނައިގެން މުޅި ދަރަނި ޖީ.ޑީ.ޕީގެ 124 އިންސައްތައާ ގާތްކުރާ ކަމަށް ދިރާސާތަކުން ދައްކައެވެ. މި ނުރައްކާ ކުޑަކުރުމަށްޓަކައި، ލޯކަލް ސަރުކާރުތަކުގެ ފޮރުވިފައިވާ ދަރަނި 14.3 ޓްރިލިއަން ޔުއާން އިން 2028 ވަނަ އަހަރުގެ ނިޔަލަށް 2.3 ޓްރިލިއަން ޔުއާންއަށް ތިރިކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ބެއިޖިންގއިން ވަނީ ފަށާފައެވެ. މީގެއިތުރުން، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިޓީތަކުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 5.3 އިންސައްތައިގައި ހުރިއިރު، ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް 15 އާއި 20 އިންސައްތައާ ދެމެދުގައި ހުރުމުން އާންމުންގެ ޚަރަދުކުރުމުގެ ބާރު ވަނީ ދަށްވެފައެވެ.
އިޤްތިޞާދީ އިޞްލާޙުތަކާއެކު، ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ހަރުކަށި ކެމްޕޭންވެސް ޗައިނާއިން ދަނީ ކުރިއަށް ގެންދަމުންނެވެ. 2025 ވަނަ އަހަރު މަރުކަޒީ ގޮތުން އައްޔަންކޮށްފައިވާ 65 އިސް އޮފިޝަލެއްގެ މައްސަލަ ތަޙުޤީޤުކޮށްފައިވާއިރު، އެ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެކަނިވެސް އަޚްލާޤީ މައްސަލަތައް ބަލާ އިދާރާތަކުން 789,000 މައްސަލަ ބަލާފައިވެއެވެ. 2026 ވަނަ އަހަރު ހަކަތައާއި، މާލީ ދާއިރާއާއި، ދައުލަތުގެ ކުންފުނިތަކުގެ އިތުރުން ބޭސްވެރިކަމުގެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދީފައިވާއިރު، މިއަހަރުގެ ކުރީކޮޅު ކުރީގެ ނައިބު ވަޒީރަކު ހައްޔަރުކޮށް، މިހާރުގެ އިމަޖެންސީ މެނޭޖްމަންޓް ވަޒީރުގެ މައްސަލަވެސް ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ސްޕަވިޝަން ދާއިރާގެ 1,685 އޮފިޝަލެއްގެ މައްސަލަވެސް ވަނީ ބަލާފައެވެ.
އުފެއްދުންތެރިކަމާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ރޮބޮޓިކްސް ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާތަކުން ޗައިނާއިން ދުނިޔޭގެ ކުރީގައި އޮތް ނަމަވެސް، ހަމައެކަނި ސިނާޢީ ބާރުވެރިކަމުން އެ ޤައުމުގެ އެތެރޭގެ މާލީ އަދި އިޖުތިމާޢީ ފިއްތުންތައް ފޫނުބެއްދޭނެ ކަމަށް މާހިރުން ފާހަގަކުރެއެވެ. ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ވަރުގަދަކޮށް، އާންމު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.





