ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ފަސްވަނަ ޕްލެނަމް ނިމިގެންދިޔައިރު، އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަތީ ފަންތީގެ އޮފިޝަލުން ޕާޓީން ވަކިކޮށްފިއެވެ. މިއީ ތާރީޚުގައި ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދެއްގެ މަސްއޫލުވެރިން އެއްފަހަރ ާވަކި ކުރި ފަހަރެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ ޤައުމީ ކޮންގްރެސްއަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، ސިފައިންގެ 16 އޮފިޝަލުންނާއެކު 33 އިސް އޮފިޝަލުން ވަނީ މަޤާމުތަކުން ދުރުކޮށްފައެވެ.
އޮކްޓޯބަރު 26 އިން 29 އަށް ބޭއްވި މި ބައްދަލުވުމުގައި، ސިވިލް ބިއުރޯކްރަސީއާއި ސިފައިންގެ ތެރޭގައި ޕާޓީގެ ހަރުދަނާ ޑިސިޕްލިނާއި ސިޔާސީ ވަފާތެރިކަން ކަށަވަރުކުރުމަށް ވަނީ ބާރުއަޅާފައެވެ. ނަމަވެސް، މި ޖަލްސާގައި ގިނަ ގޮނޑިތަކެއް ހުސްކޮށް ހުރުމަކީ ވެރިކަން ކުރާ ފަރާތްތަކުން ހިންގަމުންދާ ކޮރަޕްޝަނާ ދެކޮޅު މަސައްކަތްތަކުގެ ސަބަބުން ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ލޮޅުމެއްގެ ހެއްކެއް ކަމަށް ފާހަގަކުރެވެއެވެ.
ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ބަޔާނުގައިވާ ގޮތުން، ސެންޓްރަލް ކޮމިޓީގެ 33 މެންބަރުން ވަކިކޮށްފައިވާއިރު، މިއީ އިސްލާޙީ މަސައްކަތުގެ ޒަމާނަށްފަހު މިފަދަ ބައްދަލުވުމެއްގައި މިހާ ގިނަ އަދަދަކަށް މެންބަރުން ވަކިކުރި ފުރަތަމަ ފަހަރެވެ. މި ފިޔަވަޅާއެކު، ރައީސް ޝީ ޖިންޕިންގްގެ ތިންވަނަ ދައުރުގައި މިހާތަނަށް ސެންޓްރަލް ކޮމިޓީން ވަކިކުރި މެންބަރުންގެ ޖުމްލަ ޢަދަދު ވަނީ 51 އަށް އަރާފައެވެ.
މި ފިޔަވަޅުތަކުގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޗައިނާގެ ސިފައިންގެ އޮނިގަނޑަށެވެ. އެގޮތުން، 2022 ވަނަ އަހަރު އައްޔަންކުރި ސެންޓްރަލް މިލިޓަރީ ކޮމިޝަން (ސީ.އެމް.ސީ) ގެ ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވަނީ ޕާޓީން ވަކިކޮށްފައެވެ.
އޭގެ ތެރޭގައި ސީ.އެމް.ސީގެ ކުރީގެ ނައިބު ރައީސުން ކަމަށްވާ ޒާންގް ޔޯކްޝިއާ، ހެ ވައިޑްގް އަދި ކުރީގެ ދިފާޢީ ވަޒީރު ލީ ޝަންގްފޫ ހިމެނެއެވެ. މިހާރު މި ކޮމިޝަނުގައި ބާކީ ތިއްބެވީ ރައީސް ޝީ ޖިންޕިންގްއާއި ސިފައިންގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ އިސްވެރިޔާ ޖެނެރަލް ޒާންގް ޝެންގްމިން އެކަންޏެވެ.
މި ޖަލްސާގައި ޒާންގް ޝެންގްމިން ވަނީ 24 މެންބަރުންގެ މައްޗަށް އެކުލެވޭ ޕޮލިޓްބިއުރޯއަށް އައްޔަންކޮށްފައެވެ. ނަމަވެސް ބައެއް މެންބަރުން ވަކިކުރުމާ ގުޅިގެން ޕޮލިޓްބިއުރޯގެ މެެމްބަރުންގެ ޢަދަދު ވަނީ 21 އަށް ތިރިވެފައެވެ. މީގެ އިތުރުން، ޒިންޖިއާންގްގެ ކުރީގެ ޕާޓީ ސެކެޓްރީ މާ ޝިންރޫއީއާއި، ކުރީގެ އިސް ޑިޕްލޮމެޓް ލީއު ޖިއަންޗާއޯ ހިމެނޭހެން މަޝްހޫރު ސިވިލް އޮފިޝަލުންތަކެއްވެސް ވަނީ މަޤާމުތަކުން ދުރުކޮށްފައެވެ.
މި ޖަލްސާގައި ބައިވެރިވެފައިވަނީ ކަނޑައެޅިފައިވާ 376 މެންބަރުންގެ ތެރެއިން އެންމެ 279 މެންބަރުންނެވެ.
މިއީ ރައީސް ޝީގެ 14 އަހަރުގެ ވެރިކަމުގައި ޕްލެނަރީއެއްގެ ބައިވެރިވުން 300 މެމްބަރުންނަށް ވުރެ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމަށް ހާޒިރުނުވި ފަރާތްތަކާ ގުޅޭގޮތުން އިތުރު ތަޙުޤީޤުތައް ހިނގަމުންދާ ކަމަށް ވެސް ލަފާކުރެވެއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާފައިވަނީ ޕާޓީގެ ހިންގުން ހަރުދަނާކުރުމާއި، އިދާރީ ޑިސިޕްލީން ވަރުގަދަކުރުމުގެ މައްޗަށެވެ. އަދި 2027 ވަނަ އަހަރުގެ މެދުތެރޭގައި 21 ވަނަ ޤައުމީ ކޮންގްރެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ވެރިކަމުގެ ބާރުތައް އިތުރަށް މަރުކަޒީ ވެގެން ދިޔަ ނަމަވެސް، ސިފައިންގެ އިސް ސަފުގައި ތަޖުރިބާކާރު ވެރިން މަދުވުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދު މުހައްލިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.





