ބަންގްލަދޭޝްގެ އަވށްތަކުގައި ރައްކާތެރި އަދި ސާފުތާހިރު ޢާންމު ފާޚާނާ މަދުވުމުގެ ސަބަބުން، އެ ޤައުމުގެ އަންހެނުންނާއި އަންހެން ކުދިންގެ ޞިއްޙީ ދުޅަހެޔޮކަމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
ބަންގްލަދޭޝްގެ ސަރުކާރުތަކުން ވޭތުވެދިޔަ އަހަރުތަކުގައި މަގުތަކާއި، ބްރިޖްތަކާއި، ފްލައިއޯވަރތައް ފަދަ ޢުމްރާނީ ބޮޑެތި މަޝްރޫޢުތަކަށް އެތައް ބިލިއަން ފައިސާއެއް ޚަރަދުކޮށްފައިވީ ނަމަވެސް، ޢާންމު ރައްޔިތުންނަށް ބޭނުންވާ ނަރުދަމާ އަދި ފާޚާނާގެ ޚިދުމަތްތައް ޤާއިމުކުރުމުގައި އެކަށީގެންވާ ސަމާލުކަމެއް ދެވިފައިނުވާކަމަށް އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
އިންސްޓިޓިއުޓް ފޯ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް (އައި.ޕީ.ޑީ) ގެ ތަފާސްހިސާބުތަކާ ޙަވާލާދީ ދުނިޔޭގެ ފާޚާނާ ދުވަހުގެ މުނާސަބާގައި ޝާއިޢުކޮށްފައިވާ ލިޔުންތަކުގައިވާ ގޮތުން، ފާޚާނާއާ ބެހޭ ބައިނަލްއަޤްވާމީ މިންގަނޑަކީ ހިނގާބިނގާވެ އުޅޭ މީހުން ދަތުރުކުރާ ދަތުރުތަކުގައި ކޮންމެ 1,000 މީހަކަށް އެއް ފާޚާނާ ޔުނިޓު ލިބެން ހުރުމެވެ. އެހެންނަމަވެސް، ކޮންމެ ދުވަހަކު 15 މިލިއަން މީހުން ދަތުރުފަތުރުގައި އުޅޭ ވެރިރަށް ޑާކާގައި 1,500 ފާޚާނާ ބޭނުންވާއިރު، އެސިޓީގައި އާންމުންނަށް ހުރީ އެންމެ 131 ދާއިމީ ފާޚާނާއާއި 17 މޮބައިލް ފާޚާނާއެވެ.
މި މައްސަލަ ބަންގްލަދޭޝްގެ އެހެނިހެން މުހިންމު ޝަހަރުތަކުގައިވެސް ވަނީ ބޮޑު މައްސަލައަކަށް ވެފައެވެ. 70 ލައްކަ މީހުންގެ އާބާދީއެއް އޮންނަ ޗަޓޮގްރާމްގައި މަދުވެގެން. އާންމު 380 ފާޚާނާ ބޭނުންވާއިރު، މިހާރު ބޭނުންކުރެވެނީ އެންމެ 28 ތަނެވެ. 700,000 މީހުން ދިރިއުޅޭ ބަރީޝާލްގަ އާންމު 30 ފާޚާނާ ބޭނުންވާއިރު ހުރީ އެންމެ ދެ ތަނެވެ. އަދި ޤައުމުގެ އެންމެ ސާފު ޝަހަރުގެ ގޮތުގައި މަޝްހޫރު ރާޖްޝާހީގައި 550,000 މީހުންނަށް އާންމު 60 ފާޚާނާ ބޭނުންވާއިރު، ހުރީ އެންމެ 14 ފާޚާނާއެވެ.
ޢާންމު ފާޚާނާގެ ދަތިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެނުންނަށެވެ. ފިރިހެނުންނަށް މަގުމަތީގެ ބައެއް ތަންތަނާއި، ބާޒާރުތަކާއި، އޮފީސް ޢިމާރާތްތަކުގެ އިތުރުން ތެޔޮ އަޅާ ސްޓޭޝަންތަކާއި ބަސް ޓާމިނަލްތަކުގެ ފާޚާނާތައް ބޭނުންކުރުމުގެ ފުރުޞަތު ލިބޭއިރު، އަންހެނުންނަށް ލިބެނީ ސިޓީ ކޯޕަރޭޝަންތަކުންނާއި ޖަމުޢިއްޔާތަކުން ހިންގާ ޢާންމު ފާޚާނާތަކެވެ.
އެ ތަންތަނަކީވެސް ގިނަ ފަހަރު ސާފުތާހިރުކަން ކުޑަ، ނުނިމި ހުންނަ އަދި ރައްކާތެރިކަން ކުޑަ ތަންތަން ކަމަށް ފާހަގަކުރެވެއެވެ. ޚާއްސަކޮށް ބަހާއި ރޭލުގައި ދިގު ދަތުރުތައް ކުރާއިރު، ޑާކާއިން ބޭރަށް ދަތުރުކުރާ އަންހެނުންނަށް ޖެހެނީ ދަތުރުގެ ކުރިން ފެނާއި ކާބޯތަކެތި ބޭނުންކުރާ މިންވަރު މަދުކޮށް، ނުވަތަ މުޅިން ހުއްޓާލާށެވެ. މައްސަރު ދުވަސްވަރު ދަތުރުކުރާއިރު މި ގޮންޖެހުންތައް އިތުރަށް ބޮޑުވެ، ފާޚާނާތަކުގެ ތެރޭގައި ސިއްރު ކެމެރާ ފަދަ އެއްޗެހި ހުރެދާނެ ކަމުގެ ބިރުވެސް އަންހެނުންނަށް ކުރިމަތިވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ފާހަގަކޮށްފައިވާ ގޮތުގައި، ހާމައަށް ފާޚާނާކުރުން އާންމު ޤައުމުތަކުގައި އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިން މަރުވާ ނިސްބަތް މަތިވެއެވެ. އަދި ނަރުދަމާ އާއި ފާޚާނާގެ ނިޒާމު ދަށްވުމުގެ ސަބަބުން ކޮލެރާ، ޑިސެންޓްރީ، ޓައިފޮއިޑް، އަދި ޕޯލިއޯ ފަދަ ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެއިތުރުން، ސާފުތާހިރުކަން ކުޑަވުމަކީ ބަންގްލަދޭޝްގައި އިތުރުވަމުންދާ އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ބޭސްތަކަށް ނުގުޑާ ޖަރާސީމު ފެތުރުމަށް މަގުފަހިކުރާ ކަމެކެވެ.
ބަނގްލަދޭޝްގެ މަލްޓިޕަލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭ 2025 ގެ ވަގުތީ ރިޕޯޓުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ސަރވޭ ކުރެވުނު ގޭބީސީތަކުގެ 91.7 އިންސައްތަ މީހުން ރަނގަޅު ފާޚާނާގެ ނިޒާމު ބޭނުންކުރެއެވެ.
މިއީ 2012-13 ގައި 76.9 އިންސައްތަ އަދި 2019 ގައި އޮތް 84.6 އިންސައްތައާ އަޅާބަލާއިރު ކުރިއެރުމެކެވެ.






