ބަންގްލަދޭޝްގެ ކުރީގެ ވަގުތީ ވެރިޔާ އަދި ސުލްޙައިގެ ނޮބެލް އިނާމު ޙާޞިލުކުރައްވާފައިވާ މުޙައްމަދު ޔޫނުސްގެ ކާބަފައިންގެ ގެކޮޅުގައި އަލިފާން ރޯކޮށްލައިފިއެވެ. އަދި، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ސަޕޯޓަރުން ޤައުމީ ލޮކްޑައުނަކަށް ގޮވާލައި ހިންގާ މުޒާހަރާތަކުގައި ޤައުމުގެ އެކި ހިސާބުތަކުގައި ހަމަނުޖެހުންތައް އާންމު ވެފައި ވެއެވެ.
ވެރިރަށް ޑާކާއާ ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ ބަނދަރު ރަށް ޗަޓޮގްރާމްގައި ހުންނަ ޔޫނުސްގެ ގެކޮޅުގައި އަލިފާން ރޯކޮށްލާފައިވަނީ ބުދަ ދުވަހުގެ މެންދަމުގެ ކުރިން ކަމަށް އޮފިޝަލުން ބުނެއެވެ. ފުލުހުންގެ އޮފިސަރަކު ވިދާޅުވީ، ބޭނުންނުކޮށް ހުރި ގްރައުންޑް ފްލޯރގެ ކޮޓަރިއެއްގައި އަލިފާން ރޯވިތާ މާގިނައިރުތަކެއް ނުވަނީސް ފުލުހުންގެ ޕެޓްރޯލް ޓީމަކުން އެތަން ފެންޖހައި، އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ޗަޓޮގްރާމް މެޓްރޮޕޮލިޓަން ފުލުހުންގެ ތަރުޖަމާނު އަމީނޫރު ރަޝީދު ވިދާޅުވީ، ގޭގެ އިރުމަތީ ފަރާތުގައި ހުރި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއްގައި އަލިފާން ރޯކޮށްލީ އިދިކޮޅު މީހުން ކަމަށާއި، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. މަތީ ފަންގިފިލާގައި ދިރިއުޅޭ ޔޫނުސްގެ ބައްޕަ ފަރާތުގެ ޢާއިލާގެ މެންބަރުންނަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޙަސީނާ އަވާމީ ލީގުން ޤައުމީ ލޮކްޑައުނަކަށް ގޮވާލީ ޙަސީނާގެ މައްޗަށް މިދިޔަ އަހަރު އިއްވި ޙުކުމުގެ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ދަރިވަރުންގެ މުޒާހަރާތަކަކަށްފަހު ޙަސީނާ ވެރިކަމުން ވަކިވެވަޑައިގެން، އިންޑިއާއަށް ވަޑައިގެން އަރުވާލެވިގެން ހުންނެވުމާއެކު ޔޫނުސް ވަނީ 18 މަސްދުވަސް ވަންދެން ވަގުތީ ވެރިކަމެއް ހިންގަވާފައެވެ.
2024 ވަނަ އަހަރު މުޒާހަރާކުރި ފަރާތްތަކާ ދެކޮޅަށް ހިންގި ލޭ އޮހޮރުވުންތަކާ ގުޅިގެން އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށް ސާބިތުވެ، ޙަސީނާގެ މައްޗަށް މިދިޔަ އަހަރު ވަނީ ޣައިރު ޙާޟިރުގައި މަރުގެ ޙުކުމް އިއްވާފައެވެ.
އުމުރުން 79 އަހަރުގެ ޙަސީނާ ވިދާޅުވެފައިވަނީ މަރުގެ ޙުކުމް އޮތް ނަމަވެސް، ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް، ޙަސީނާ އެނބުރި ވަޑައިގަތުމަށް ބޭނުންވާ އައު ޕާސްޕޯޓާއި އައިޑެންޓިޓީ ކާޑު ދޫކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. މިކަމާ ދެކޮޅަށް ހިންގި މުޒާހަރާތަކުގެ ތެރޭގައި، ޙަސީނާގެ އުފަން ޑިސްޓްރިކްޓް ކަމަށްވާ ގޯޕާލްގަންޖްގައި ފުލުހުންގެ މަރުކަޒަކާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޭގައި ރޯކޮށްލާފައިވާއިރު، ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ދެ މެންބަރަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެއިތުރުން، ޔޫނުސް އުފެއްދެވި ގްރާމީން ބޭންކުގެ 22 ގޮތްޕެއްގައި ވެސް ފާއިތުވި ދުވަސްތަކުގައި އަލިފާން ރޯކޮށްލާފައިވެއެވެ.
ބުދަ ދުވަހުން ފެށިގެން ހަމަނުޖެހުންތަކާ ގުޅިގެން 107 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޕެރަމިލިޓަރީ ބޯޑަރ ގާޑް ބަންގްލަދޭޝްގެ 97 ޕްލަޓޫން ހަތް ޑިސްޓްރިކްޓެއްގައި ވަނީ ނެރެފައެވެ.





