ބަންގްލަދޭޝްގެ ނަރައިލްގައި ބީ.އެން.ޕީ ގެ ދެ ލީޑަރަކު މަރާލުމާ ގުޅިގެން ގެތަކާއި ފިހާރަތަކުގައި ރޯކޮށްލައިފި

ބަންގްލަދޭޝްގެ ނަރައިލް ޑިސްޓްރިކްޓްގެ ކާލިއާ އުޕަޒިލާގައި ހިނގި ހަމަނުޖެހުންތަކެއްގައި، މަނާކޮށްފައިވާ އަވާމީ ލީގުގެ ލީޑަރުންނާއި އެ ޕާޓީގެ މެންބަރުންގެ އެތައް ގެއަކާއި ފިހާރައަކަށް ގެއްލުންދީ އަލިފާން ރޯކޮށްލައިފިއެވެ. މި ހަމަނުޖެހުންތައް ހިންގާފައިވަނީ ހަފްތާގެ ކުރީކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އާ ގުޅުންހުރި ދެ ލީޑަރަކު މަރާލުމުގެ ބަދަލު ހިފުމުގެ ޢަމަލެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން ރޭގަނޑާ ހަމައަށް ބެންދަރް ޗަރް އަވަށުގައި ފެތުރިގެންދިޔަ މި ހަމަނުޖެހުންތަކުގައި، ނަރައިލް-1 ދާއިރާގެ ކުރީގެ އެމްޕީއެއްގެ ގެއަކާއި މުސިޕަލްޓީގެ ކުރީގެ މޭޔަރު ގެ ގެއަށް ވަނީ ގެއްލުންދީފައެވެ. އަލިފާން ނިއްވާ ޚިދުމަތުން ބުނާ ގޮތުގައި ގާތްގަނޑަކަށް 20 އާއި 30 ގެތަކުގައި އަލިފާން ރޯވެފައިވާއިރު، ކޮންމެ ގޯއްޗެއްގައިވެސް އެތައް ޢިމާރާތެއް ހުރުމާއެކު، ގެއްލުން ލިބުނު ޢިމާރާތްތަކުގެ ޢަދަދު ގިނަ ވުމުގެ ފުރުޞަތު އެބައޮތެވެ. ނަމަވެސް ފުލުހުންނާއި ލޯކަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ގެއްލުން ލިބުނީ 15 އާއި 20 ގެއާ ދެމެދުގެ ޢަދަދަކަށެވެ.

މި ހަމަލާތައް ދިނީ ބީ.އެން.ޕީ އާ ގުޅުންހުރި ބައެއް ކަމަށް ރަށުގެ ބައެއް މީހުން ތުހުމަތު ކުރި ނަމަވެސް، އެ ޕާޓީގެ ލޯކަލް ލީޑަރުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. މި ހަމަނުޖެހުންތައް ހިނގާފައިވަނީ ބުދަ ދުވަހު ސައިކަލު ބުރެއްގައި ދިޔަ ބަޔަކަށް ދިން ހަމަލާއެއްގައި ބީ.އެން.ޕީ އާ ގުޅުންހުރި ދެ ލީޑަރަކު މަރުވުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!