ބަންގްލަދޭޝްގެ ބައިމަދު މީހުންގެ މަރާ މެދު ޚާއްސަ ރިޕޯޓެއް ނެރެފި

ބަގްލަދޭޝްގެ ދީނީ އަދި ނަސްލީ ބައިމަދު ޖަމާޢަތްތަކަށް ނިސްބަތްވާ 146 މީހަކު ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވެފައިވާކަން ހާމަކޮށް، އޮސްޓްރޭލިއާގައި ޤާއިމުވެފައިވާ "ޑިމޮކްރަސީ، ރައިޓްސް އެންޑް ޕަރސެކިއުޝަން ވޮޗް" (ޑީ.އާރް.ޕީ.ޑަބްލިއު) އިން ޚާއްސަ ރިޕޯޓެއް ޝާއިޢުކޮށްފިއެވެ. 2024 ވަނަ އަހަރުގެ އޯގަސްޓް 4 އިން 2026 ވަނަ އަހަރުގެ އޮކްޓޫބަރު 27 އާ ދެމެދު ހިނގާފައިވާ ހާދިސާތައް އެކުލެވޭ މި ރިޕޯޓުގައި، އެ ޤައުމުގެ ބައިމަދު ޖަމާޢަތްތަކުގެ ރައްކާތެރިކަމާއި ޢަދުލުއިންޞާފު ލިބުމުގެ ޙައްޤާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފައްދާފައެވެ.

"ބަންގްލަދޭޝް އިން ކްރައިސިސް: މައިނޯރިޓީ ލައިވްސް ލޮސްޓް" ގެ ނަމުގައި ޑރ. މުއްލާ ޙައްޤާއި އަދިތުޔާ ޕްރޮޓާޕް ގޯޝް ތައްޔާރުކުރެއްވި މި ރިޕޯޓުގެ 1.3 ވަނަ އިސްދާރު ނެރެފައިވަނީ މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެކި ނޫސްތަކާއި ޖަމްޢިއްޔާތަކުން ރިޕޯޓުކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ލިސްޓުގައި 119 ހިންދޫންނާއި، ބުދުދީނުގެ މީހުންގެ އިތުރުން، ޗަކްމާ، މަރްމާ، ތުރިޕޫރާ، ބައުމް، ސަންތާލް އަދި މުންޑާ ފަދަ އަސްލު ވަޒަންވެރިންގެ 22 މީހެއްގެ ވާހަކަ ހިމަނާފައި ވެއެވެ. ނަމަވެސް، މި ލިސްޓުގައި ނަން ހިމެނިފައިވުމަކީ އެ އެންމެންގެ މަރުގެ ފަހަތުގައި ވަނީ ދީނީ ނުވަތަ ނަސްލީ ނަފްރަތުކަން ކަށަވަރުވާ ކަމެއް ނޫން ކަމަށާއި، ބައެއް ހާދިސާތަކުގެ ސަބަބުތަކާ މެދު ޚިޔާލު ތަފާތުވުން ހުރިއިރު އަނެއްބައި މައްސަލަތައް އަދިވެސް ދަނީ ތަޙުޤީޤު ކުރެވެމުން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާއަކީ ރަންގްޕޫރުގެ މަޗުއާޕާރާގައި ރިޓަޔާޑް މުދައްރިސެއް ކަމަށްވާ ގަނަޕަތީ ޗަކްރަބޯޓީގެ އާއިލާގެ ހަތަރު މެންބަރަކު މަރާލާފައިވާ ހާދިސާއެވެ. އެ މީހުން ދިރިއުޅޭ ގޭގެ ތެރޭގައި ޗަކްރަބޯޓީއާއި، އޭނާގެ އަނބިމީހާ ޕްރީތިލަތާއާއި، އަންހެން ދަރިފުޅު އަގާމީގެ އިތުރުން ޢުމުރުން 13 އަހަރުގެ ފިރިހެން ދަރިފުޅު އާޔުޝް މަރާލާފައި އޮއްވައި ފެނިފައިވަނީ އޯގަސްޓް 22 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ވައްކަމުގެ ތުހުމަތުތަކާ ގުޅިގެން ޤާނޫނީ އިމުގެ ބޭރުން އާންމުން ނުކުމެ ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގައި މަރުވި މީހުންގެ މަޢުލޫމާތު ވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދިނާޖްޕޫރުގެ ސަންތާލް މަސައްކަތްތެރިއެއް ކަމަށްވާ ރިޕޮން މުރްމޫއާއި، ސަތުޚީރާގެ މަސްވެރިއެއް ކަމަށްވާ ކްޝިތީޝް މޮންޑަލް ހިމެނެއެވެ.

ވެލްޑިންގ މެޝިނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބޮގޫރާގައި ބޭއްވި އާންމު ޞުލްޙަ މަޖިލީހެއްގައި ރިޕޮން ކިޔާ މީހަކަށް އަނިޔާކޮށް 20,000 ޓާކާއިން ޖޫރިމަނާކުރި ރޭ އޭނާ މަރުވެފައި އޮއްވައި ފެނުނެވެ. އަދި، މަސް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ގަހެއްގައި ބަނދެ، ތޫނު ހަތިޔާރުން ހަމަލާދީ ޒަޚަމްކޮށްލުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ މީހަކަުވެސް މަގުމަތީގައި ވަނީ މަރުވެފައެވެ.

ޖަލުތަކާއި ބަންދުގައި ތިބި މީހުންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބި މަރުވެފައިވާ މައްސަލަތައް ވެސް ޑީ.އާރް.ޕީ.ޑަބްލިއުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޖަލު ބަންދުގައި ހުއްޓައި ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މަރުވި މިއުޒީޝަން ޕްރޮލޯއީ ޗާކީގެ އާއިލާއިން ވަނީ ޞިއްޙީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ހަމައެއާއެކު، ޖަލުގައި ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވި ކުރީގެ ވަޒީރު ރަމޭޝް ޗަންދުރަ ސެންއާއި، ބައުމް ދަރިކޮޅުގެ މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ.

މި ރިޕޯޓުގައި ހިމެނޭ ކޮންމެ މީހެއްގެ ނަމާއި، ވަނަވަރާއި، އެޑްރެހުގެ އިތުރުން ހާދިސާ ހިނގި ގޮތުގެ ޚުލާޞާއަކާއި، ޚަބަރު ޝާއިޢުކޮށްފައިވާ މަސްދަރަށް ދެވޭނެ ލިންކާއި ކިއުއާރު ކޯޑު ހިމަނާފައިވެއެވެ.

ކޮންމެ ހާދިސާއެއް ވަކިން މިނިވަންކަމާއެކު ތަޙުޤީޤުކޮށްފައި ނުވާކަމަށް އެ ޖަމްޢިއްޔާއިން އެއްބަސްވާއިރު، މި ރިޕޯޓުގެ މައިގަނޑު މަޤްޞަދަކީ ޚިޔާލީ ވާހަކަތަކުގެ ބަދަލުގައި މަސްދަރުތަކުން ކަށަވަރުކުރެވޭ މަޢުލޫމާތު އާންމު ބަހުސަށް ގެނައުމެވެ. އަދި ކޮންމެ މަރެއްގެ ފަހަތުގައިވާ ޙަޤީޤަތް ހޯދުމަށް އިންސާފުވެރި ތަޙުޤީޤެއް ހިންގައި، ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، ބައިމަދު ޖަމާޢަތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

ހިއްސާ ކުރައްވާ!