ލާއޯސްއާ ޗައިނާގެ ރޭލްވޭ ދެގައުމުގެ ސިފައިން ގުޅުވައިދީފި

ލާއޯސްއަކީ އެޤައުމުގެ ތަރައްޤީއަށް ޗައިނާއަށް ބަރޯސާވާ ޗައިނާގެ ގާތް އަވަށްޓެރިއެކެވެ. އެމެރިކާއާ މެދު ހަތުރުވެރިކަމުގެ ނަޒަރަކުން ދެކޭ ލާއޯސްގައި ޗައިނާގެ ނުފޫޒު ގަދަވެފައި އިޤްތިޞާދީ ޙަރާތްތައް އިތުރު ވެފައި ވެއެވެ.

ޗައިނާއާއި ލާއޯސްއާ ދެމެދު ބިނާކޮށްފައިވާ ހައި އިސްޕީޑް ރޭލަކީ، ރައީސް ޝީ ޖިންޕިންގ ވިދާޅުވާ ގޮތުން، ޗައިނާއިން ހިންގާ ބެލްޓް އެންޑް ރޯޑް މަޝްރޫޢުތަކުގެ ކާމިޔާބީ ދައްކައިދޭ ރަމްޒެކެވެ.

ޗައިނާއިން ވަނީ މި ރޭލްވޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފާފައެވެ. ދަ ޑިޕްލޮމެޓްގައި ގެނަސްދީފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ޖުލައި 5ން 18އަށް ބާއްވާފައިޥާ އަސްކަރީ ތަމްރީންތަކުގައި ޗައިނާގެ ސިފައިންނާއި އަސްކަރީ އާލާތްތައް އުފުލުމަށް އެރޭލްވޭގެ ބޭނުން އެންމެ ފުރިހަމައަށް ހިފާފައިވާ ކަމަށެވެ. ލާއޮސްގެ 900 ސިފައިންނާއި ޗައިނާގެ 300 ސިފައިން ބައިވެރިގެން ބާއްވާފައިވާ ތަމްރީނުގައި ދިރޭ ވަޒަނާއި ޑްރޯނާއި ޒަމާނީ އާލަތްތައް ބޭނުންކޮށްފައި ވެއެވެ.

ލާއޯސްއަކީ ވިއެޓްނާމާއި ކެމްބޯޑިއާއެކު ގާތް ގުޅުމެއް ބާއްވާ އުތުރު ކޮރެއާއަށް ހެޔޮ އެދޭ ޤައުމެކެވެ.

މިފަހަކާ ޖެހެންދެން ސަރަހައްދީ ބާރުވެރިކަމާއި އެމެރިކާގެ އުދުވާނުގެ ޝިކާރައަކަށް ވެފައި އޮތް ލާއޯސްއަކީ ދުނިޔޭގެ ތާރީޚުގައި އެންމެ ގިނައިން އެގައުމަކަށް ބޮން އަޅައި ނަސްލާއި ގަސްހަގާގެހި ނައްތާލުމުގެ ޝިކާރައަކަށް ވެފައިވާ ޤައުމެކެވެ. އެއީ އެމެރިކާއިން ހިންގި އުދުވާނީ ޢަމަލުތަކެކެވެ.

ލާއޯސްއާ ޗައިނާގެ އިޤްތިޞާދީ ގާތް ގުޅުމާއެކުވެސް ލާއޯސް ހިމެނެނީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރޭގައެވެ. ޗައިނާއިން ބޮޑެތި އަދަދުން ލޯން ނަގާފައި ވުމުން މިއަހަރަކީ، ލާއޯސް ޑިފޯލްޓް ވާނެ އަހަރެއް ކަމަށް ލަފާކޮށްފައި ވެއެވެ.

ޗައިނާއިން ވަނީ ލާއޯސްގެ ކަރަންޓު ވިއުގ ބިނާކޮށްދީފައެވެ. މި ވިއުގައަށް ފައިސާ ދެއްކުމުގެ ޤާބިލުކަން ނެތުމުން މިހާރު ޗައިނާ ކުންފުނިތަކުން ދަނީ ކަރަންޓު ވިއުގައިގެ ކޮންޓްރޯލު ކޮށް މެނޭޖުކޮށްދެމުންނެވެ. އެކަމާ ގުޅިގެން ޑިޕްލޮމެޓުން ސިފަކޮށްފައި ވަނީ، އެއީ ދަރަނީގެ ދަންތުރައެއް ކަމަށެވެ. ނަމަވެސް އެ ނޫހުގައި އެހެން މުހައްލިލަކު ބުނެފައި ވަނީ މައްސަލައަކީ ޗައިނާއެއް ނޫން ކަމަށެވެ. މައްސަލައަކީ ލާއޯސްއަށް އަމިއްލަ އިޤްތިޞާދު މެނޭޖުކުރަން ނޭނގުނުކަމެވެ.

ހިއްސާ ކުރައްވާ!