ފަލަސްތީނުގެ ވާދަވެރި ދެ ޖަމާޢަތުން ސުޅްހައަށް އެއްބަސްވެއްޖެ

ފަލަސްތީނުގެ ވާދަވެރި ދެ ޕާޓީން ޞުލްހަވާން ނިންމައިފިއެވެ. ޗައިނާއިން ބެއިޖިންގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަސައްކަތް ކާމިޔާބުވެފައިޥާ ކަމަށާއި ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާއަތުން ސުލްވާން އެއްބަސްވިކަމަށް ދާދި ދެންމެއަކު ޗައިނާގެ ޜިންހުއާ ނިއުސް އެޖެންސީން ބުނެފިއެވެ. މި ޚަބަރުގެ ތަފްޞީލެއް ޜިންހުއާއިން ގެނަސްދީފައެއް ނުވެއެވެ.

ބެއިޖިންގގައި ބާއްވާފައިވާ މަޝްވަރާތަކުގައި ބައިވެރިވެފައި ވަނީ ޤަތަރުގައި ހުންނަވާ ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާއާއި ފަތަޙަ ޖަމާޢަތުގެ ނާއިބް ލީޑަރު މުޙައްމަދު ޢަލޫލެވެ.

ފަލަސްޠީނުގެ ދެ ބައި ކަމަށްވާ ހުޅަނގުއައްސޭރި ކޮންޓްރޯލު ކުރަނީ ރާމަﷲއިން ފަތަޙަ ޖަމާޢަތުންނެވެ. އަދި ޣައްޒާ ސަރަހައްދު ކޮންޓްރޯލު ކުރަނީ ޣައްޒާ ސިޓީން ޙަމާސް ޖަމާޢަތުންނެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާގެ ދެމެދު ޒަޔަނިސްޓުންގެ ބާރު ހިންގާ ބިމެއް ކަނޑައޅާފައި ވެއެވެ.

ފަލަސްޠީނުގެ ސަރުކާރު ހިންގަވާ ފަތަޙަ ޖަމާއަތުގެ މަޙުމޫދު ޢައްބާސް ހުންނަވަނީ އިންތިޚާބަކާ ނުލައި ޒަޔަނިސްޓުންގެ ވާގިވެރިކަމާއެކު ވެރިކަމުގައި ބަގުޑި ބައްދަވައިގެންނެވެ. ލަފާކުރެވޭ ގޮތުގައި ދެން އިންތިޚާބެއް ބާއްވައިފިނަމަ ޢައްބާހަށްވެސް އަދި ފަތަޙަ ޖަމާއަތަށްވެސް ކާމިޔާބެއް ނުކުރެވޭނެއެވެ.

 

ހިއްސާ ކުރައްވާ!