އިންޑިއާގެ އަމިއްލަ ސެމީކޮންޑަކްޓާ އިންޑަސްޓްރީއެއް އުފެއްދުމަށް ކޮށްފައިވާ މަސައްކަތުން އިންޑިއާ ވެގެން ދަނީ، ހުރިހާ ބާވަތެއްގެ ޓެކްނޮލޮޖީގެ ލޯންޗިން ޕެޑަކަށެވެ. އެންމެ ފަހުން ލޯންޗުކުރި އައި ފޯނާއެކު ޓެކްނޮލޮޖީގެ ގިނަ ވަސީލަތްތަކުގައި އިންޑިއާގައި އުފައްދާފައިވާ ސެމީކޮންޑަކްޓަރ ޗިޕްތައް ފެނިގެންދާނެއެވެ. ޖޫން 2023ގައި އިންޑިއާގައި ފުރަތަމަ ސެމީކޮންޑަކްޓާ ޔުނިޓު ގާއިމް ކުރުމަށް ހުއްދަ ދިންފަހުން، މިހާތަނަށް 5 ސެމީކޮންޑަކްޓާ ޔުނިޓަށް ހުއްދަ ދީފައި ވެއެވެ.
އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ސެމީކޮންޑަކްޓާ ދާއިރާގެ އުފެއްދުމާ ގުޅިގެން ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވިދާޅުވީ "މާގިނަ ދުވަސްތަކެއް ނުވެ އިންޑިއާއިން އުފައްދާފައިވާ ސެމީކޮންޑަކްޓާތައް އެމެރިކާގައިވެސް ފެނިގެންދާނެ" ކަމަށެވެ.
މޮދީ ވިދާޅުވީ އިންޑިއާއިން ވަނީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ (ޑީޕީއައި) ގެ އާ ކޮންސެޕްޓް ދުނިޔެއަށް ތައާރަފް ކޮށްދީފައެވެ.
މޯދީ ވަނީ އިންޑިއާގެ 5ޖީ މާކެޓް މިހާރު އެމެރިކާގެ މާކެޓަށް ވުރެ ފުޅާވެފައިވާ ކަމަށާއި، މި ތަރައްޤީއަކީ، އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ހޯދާފައިވާ ތަރައްޤީއެއް ކަމަށް ވިދާޅުވެފައެވެ.
"މިހާރު އިންޑިއާ އިން މަސައްކަތް ކުރަނީ 'މޭޑް އިން އިންޑިއާ' 6ޖީ ޓެކްނޮލޮޖި ކުރިއަށް ގެންދިއުމަށް. މިކަން ކުރެވުނީ މި ދާއިރާ ކުރިއެރުވުމަށް ސިޔާސަތުތައް އެކުލަވާލުމުން." އެމެރިކާގައި މީޑިއާއާ ވާހަކަ ދައްކަވަމުން މޮދީ ވިދާޅުވިއެވެ.
އޭގެ އިތުރުން މޮދީ ވަނީ، އިމްޕޯޓަށް ބަރޯސާވާ ޤައުމެއްގެ ބަދަލުގައި އިންޑިއާއިން މޮބައިލް އެކްސްޕޯޓު ކުރާ ޤައުމަކަށް ބަދަލުވިގޮތްވެސް ވިދާޅުވެ ދެއްވާފައެވެ.
އިންޑިއާއަކީ ވިހަ ގޭސް މަދުން ބޭރުކުރާ ޤައުމެއް ކަމުގައިވިއަސް މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް އިންޑިއާއިން ކުރާ މަސައްކަތާ ގޮތާ ބެހޭ ގޮތުން ވެސް މޮދީ ވަނީ ވާހަކަ ދައްކަވާފައެވެ.
"އަޅުގަނޑުމެންގެ ގްރީން އެނާޖީ ޓްރާންސިޝަން ޕްރޮގްރާމަކީ އޭގެ ރަނގަޅު މިސާލެއް. ދުނިޔޭގެ އާބާދީގެ 17 ޕަސެންޓް އޮތް ނަމަވެސް ދުނިޔޭގެ ކާބަން ދޫކުރުމުގައި އިންޑިއާގެ ޙިއްޞާއަކީ އެންމެ 4 ޕަސެންޓް. ދުނިޔެ ފަނާކުރުމުގައި އަޅުގަނޑުމެންގެ އެއްވެސް ދައުރެއް ނެތް." މޮދީ ވިދާޅުވިއެވެ.



