ފެނަކައިން ހިންގަމުންދިޔަ 14 އައިސްޕްލާންޓް އަލުން މިފްކޯއާ ހަވާލުކޮށްފި

ފެނަކައިން ހިންގަމުންދިޔަ 14 އައިސްޕްލާންޓް މިއަދު ވަނީ އަލުން މިފްކޯއާ ހަވާލުކޮށްފައެވެ. މި އައިސްޕްލާންޓްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ނަޖާހު އަދި މިފްކޯގެ ފަރާތުން ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މިފްކޯއިން މީޑިއާއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާރު ވަނީ ރަސްމީކޮށް އެ 14 އައިސްޕްލާންޓާ ހަވާލުވެފައެވެ. އަދި މިފްކޯގެ ފަންނީ އަދި އިންޖިނިއަރިން ޓީމުތަކުން މިހާރު އަންނަނީ އެ އައިސްޕްލާންޓްތަކުގެ ޚިދުމަތްތައް އަލުން ފެށުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިފްކޯއިން ބުނާ ގޮތުގައި މިއީ އެ ކުންފުނީގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އައިސްޕްލާންޓްތައް ކުރީ ސަރުކާރުގައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު ވަނީ ފެނަކައާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އައިސްޕްލާންޓުތަކުގެ މަސައްކަތްތައް މަޑުޖެހި، 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ފެނަކައިން ވަނީ އައިސްޕްލާންޓުގެ ޚިދުމަތްތައް ހުއްޓާލަން ނިންމާފައިވާކަން އިޢުލާންކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެފައިވަނީ ފެނަކައަކީ އައިސްޕްލާންޓު ހިންގުމަށް ގާއިމުކޮށްފައިވާ ކުންފުންޏެއް ނޫން ކަމަށާއި އެ އައިސްޕްލާންޓްތައް ހިންގުމަށް ބޭނުންވާ ފައިސާއެއް ވެސް އެ ކުންފުނީގައި ނެތް ކަމަށެވެ.

މިއަދު ހަވާލުކުރި އައިސްޕްލާންޓުތައް ހުންނަ ރަށްތަކާއި އެ ޕްލާންޓުތަކުގެ ކެޕޭސިޓީއަކީ:

  • ހއ. އިހަވަންދޫ – 50 ޓަނު

  • ނ. ޅޮހި – 25 ޓަނު

  • ރ. އަލިފުށި – 25 ޓަނު

  • ބ. ތުޅާދޫ – 25 ޓަނު

  • ފ. ފީއަލި – 26 ޓަނު

  • ފ. ނިލަންދޫ – 25 ޓަނު

  • ތ. ހިރިލަންދޫ – 25 ޓަނު

  • ގއ. ދާންދޫ – 25 ޓަނު

  • ގއ. ދެއްވަދޫ – 25 ޓަނު

  • ގއ. ގެމަނަފުށި – 25 ޓަނު

  • ގއ. ކޮލަމާފުށި – 25 ޓަނު

  • ގދ. ފަރެސްމާތޮޑާ – 25 ޓަނު

  • ގދ. ފިޔޯރީ – 25 ޓަނު

  • ސ. ހިތަދޫ – 50 ޓަނު

ހިއްސާ ކުރައްވާ!