އައްޑޫ ފެނަކައިން 76 މިލިއަން ރުފިޔާގެ ކޮރަޕްޝަން ހިންގައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އައްޑޫ ބްރާންޗުން ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާކަން ހާމަވެއްޖެއެވެ. މިކަމުގެ ސަބަބުން ކުންފުންޏަށް 76 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މި ހަތަރު ޕްރޮޖެކްޓަށް ޖުމްލަ 117،472،485 ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް މި ޕްރޮޖެކްޓުތައް އެއްކޮށް ނިންމުމަށް ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވަނީ 109،063،500 ރުފިޔާއެވެ. އަދި މި ހަތަރު މަޝްރޫއުގެ މަސައްކަތް ގޮސްފައިވާ ހިސާބުން ފެށިގެން އެއްކޮށް ފުރިހަމަކުރުމަށް އިތުރު 68،500،884 ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. މިއީ ކުންފުންޏަށް ވެފައިވާ 76،910،869 ރުފިޔާގެ ބޮޑު ގެއްލުމެކެވެ.

ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ، 2021 އިން 2023 އަށް ޚާއްސަ އޮޑިޓު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި 2021 އިން 2024 ގެ ނިޔަލަށް އައްޑޫ ފެނަކަ ބްރާންޗުން ވަނީ ހަތަރު ޕްރޮޖެކްޓެއް އިންހައުސްކޮށް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮޖެކްޓުތަކަކީ ސެންޓްރަލް ޕަވަހައުސްގެ އައު އިމާރާތް، ހިތަދޫ އޮފީހުގެ އައު އިމާރާތް، މަރަދޫފޭދޫ އައު އިމާރާތް އަދި ހުޅުމީދޫ އޮފީހުގެ އައު އިމާރާތެވެ.

އޮޑިޓު ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވަނީ މި ޕްރޮޖެކްޓުތަކުގެ ޚަރަދުތަކާ ގުޅޭ ލިޔުންތައް ކުންފުނިން ދިން ނަމަވެސް، އެއް ޕްރޮޖެކްޓުން އަނެއް ޕްރޮޖެކްޓަށް ޓްރާންސްފާކޮށްފައިވާ މެޓީރިއަލްތަކާއި މުވައްޒަފުންގެ ޚަރަދުތައް އެނގޭކަށް ނެތްކަމަށެވެ. މިކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓުގައި ފާހަގަކުރެވުނު މައިގަނޑު މައްސަލަތައް:

  1. މާލީ އުސޫލުތަކާ ޚިލާފު ޢަމަލުތައް:
  •    – މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ކުންފުނީގެ ޕެޓީކޭޝް ޖަމާކުރުން
  •    – ޑޮކިއުމަންޓު ފޯޖުކޮށްގެން ޕެޓީކޭޝްއިން ފައިސާ ނެގުން
  •    – އާމްދަނީގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރުން
  •    – ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ޖީ.އެސް.ޓީ ދެއްކުން
  1. ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތައް:
  •    – އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން ތަކެތި ގަތުން
  •    – ރަށުން ބޭރުން ގެންނަ މުވައްޒަފުންގެ ތަފުސީލު ބެލެހެއްޓުމުގައި އިހުމާލުވުން
  •    – މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް މަޤާމުގެ ކުރިއެރުން ދިނުމާއި ދާއިމީކުރުން
  •    – ގެއްލުންވާ ގޮތަށް ތަކެތި ކުއްޔަށް ނެގުން
  1. މުދަލާއި ވަސީލަތްތައް ބެލެހެއްޓުމުގައި ހުރި މައްސަލަތައް:
  •    – ހަލާކުވުމުގެ މުއްދަތު ކައިރިވެފައިވާ ތަކެތި ގަތުމަށްފަހު، ރައްކާތެރިނޫން ތަނެއްގައި ގުދަންކުރުން
  •    – ކޭބަލްތަކެއް ގެއްލުމާ ގުޅޭ މައްސަލަ ފުލުހުންނަށް ހުށަހެޅިކަން ކަށަވަރުކުރެވެން ނެތުން
  •    – 9 މިލިއަން ރުފިޔާގެ ފެން ލީކުވުން
  •    – ފެނުގެ ރައްކާތެްކާތެރިކަން ކަށަވަރު ނުކުރުން
  1. އާމްދަނީ އާއި ޚަރަދާ ގުޅޭ މައްސަލަތައް:
  •    – ކަރަންޓާއި ފެން ބިލުން ލިބެންވާ 77 މިލިއަން ރުފިޔާ ހޯދިފައި ނެތުން

އޮޑިޓު އޮފީހުގެ ލަފާ:

ކުންފުންޏަށް ގެއްލުންވާ ގޮތަށް އަދި ވަކި ފަރާތްތަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް ޢަމަލުކޮށްފައިވާތީ، އަންނަނިވި ފިޔަވަޅުތައް އެޅުމަށް ލަފާދެއްވާފައިވެއެވެ:

  1. ކަމާ ގުޅުންހުރި މުވައްޒަފުންނާމެދު އިދާރީ އަދި ޤާނޫނީ ފިޔަވަޅު އެޅުން
  2. މި މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުން
  3. ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލް ސިސްޓަމް ހަރުދަނާކުރުން
  4. މާލީ މުޢާމަލާތްތަކުގެ ހަރުދަނާ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރުން

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ކުންފުނީގެ މާލީ އަދި އިދާރީ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަނާއި ނާޖާއިޒު މަންފާ ހޯދުމުގެ ޢަމަލުތައް ހުއްޓުވުމެވެ.

ހިއްސާ ކުރައްވާ!