ސަރުކާރުން ކުރިއަށް ގެންދާ "5 މިލިއަން ގަސް" ޕްރޮގްރާމްގެ ދަށުން މިއަހަރު 2 މިލިއަން ގަސް އިންދުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، މި ޕްރޮގްރާމަކީ ރާއްޖޭގެ ރަށްތައް ފެހިކޮށް ރައްކާތެރި ވެއްޓެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް ފައްޓަވާފައިވާ މަޝްރޫޢެއްކަމަށެވެ.
މި މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައި 2 މިލިޔަން ގަސް އިންދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި "5 މިލިޔަން ގަސް" ޕްރޮގްރާމަށް ޚާއްސަ އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި އެ އެޕްގެ ފީޗާތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، މި އެޕްލިކޭޝަންގައި، ގަސް އިންދިތަނާއި، ގަސް އިންދި ފަރާތް އެނގޭނެކަމަށެވެ.
5 މިލިއަން ގަސް ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ. ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ނިމުނުއިރު 450,000 ގަސް އިންދާފައިވާއިރު، 4 މިލިއަން ގަސް އިންދުމަށް ވަނީ ޕްލެޖްކޮށްފައެވެ.
ވަޒީރު ޠާރިޤު އިތުރަށް ވިދާޅުވީ، 5 މިލިއަން ގަހުގެ އަމާޒު ފުރިހަމަވާނީ 5 އަހަރުގެ ތެރޭގައި ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން 90 ބާވަތެއްގެ ގަސް އެތެރެކޮށް އިންދުމުގެ ފުރުޞަތު ސަރުކާރުން ވަނީ ހުޅުވާލާފައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ޤުދުރަތީ ރީތިކަން އިތުރުވެ، ތިމާވެށްޓަށް ކުރާ ހެޔޮ އަސަރުތައް ގިނަވެގެންދާނެކަމަށް ބެލެވެއެވެ.
"މިއަހަރުވެސް މިބަލަނީ އެއް މިލިއަނަށްވުރެ ގިނަ ގަސް އިނދުމަށް. ޓާގެޓަކީ 2 މިލިއަން ގަސް އިންދުން މިއަހަރުގެ ތެރޭގައި. 5 އަހަރުވާއިރު 5 މިލިއަން ގަސްއިންދިގެންދާނެ އިރާދަކުރެއްވިއްޔާ." ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު ވިދާޅުވިއެވެ.






