ޕެސިފިކް ކަނޑުގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މަތިވެ، 2027 ގައި ދުނިޔެ އިތުރަށް ހޫނުވާނެކަމުގެ އިންޒާރުދީފި

ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މަތިވެ، 29.70 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކުރިއަށް އޮތް 2027 ވަނަ އަހަރަކީ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ ހޫނުގަދަ އަހަރަށް ވެގެންދާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދީފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ މޫސުމާ ބެހޭ ޚިދުމަތް ކަމަށްވާ ކޯޕަރނިކަސްއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ޕެސިފިކް ކަނޑުގެ މުހިންމު ސަރަހައްދެއް ކަމަށްވާ "ނިނޯ 3.4″ ގެ ސަރަހައްދީ ފިނިހޫނުމިން ނިމިދިޔަ ސެޕްޓެމްބަރު މަހު ވަނީ މަތިވެފައެވެ. މިއީ 1982-83، 1997-98 އަދި 2015-16 ވަނަ އަހަރުތަކުގައި ކުރިމަތިވި ވަރުގަދަ "އެލް ނީނިއޯ" ގެ ދުވަސްވަރު ރެކޯޑުކުރެވުނު މިންވަރަށްވުރެވެސް ހޫނުމިން މައްޗަށް ދިއުމެކެވެ.

ކޯޕަރނިކަސްގެ ޑިރެކްޓަރު ކާރްލޯ ބުއޮންޓެމްޕޯ ވިދާޅުވީ، މިއަހަރުގެ ޖޫން މަހު ފެށި އެލް ނީނިއޯގެ އަސަރުތައް ވަރަށް އާދައްޔާޚިލާފު ކަމަށެވެ. އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ކަނޑުތަކުގެ ފިނިހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ކުރީގެ ހާދިސާތަކާ މިހާރުގެ ހާދިސާތައް އަޅާކިޔުން އުނދަގޫ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާންމުގޮތެއްގައި އެލް ނީނިއޯގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިނަށް ކުރާ ފުރިހަމަ އަސަރު އެންމެ ބޮޑަށް ފެންނަން ފަށަނީ އެ އަހަރު ނިމި ޖެހިގެން އަންނަ އަހަރުގައެވެ. ޕެސިފިކް ކަނޑުގައި އެއްވާ ހޫނުކަން ޖައްވުގެ ތެރެއަށް ފެތުރިގެންދާތީ، ކުރީގެ ތާރީޚީ އުސޫލުތަކަށް ބަލާއިރު 2026 ވަނަ އަހަރަށްފަހު އަންނަންއޮތް 2027 ވަނަ އަހަރަކީ ދުނިޔޭގެ ހޫނުމިނުގެ އާ ރެކޯޑުތަކެއް ގާއިމުވެގެންދާނެ އަހަރެއް ކަމަށް ބުއޮންޓެމްޕޯ ވިދާޅުވިއެވެ.

ކޯޕަރނިކަސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހު ދުނިޔޭގެ ކަނޑުތަކުގެ މަތީ ފަށަލައިގެ އެވަރެޖް ފިނިހޫނުމިން ވަނީ 21.05 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މިއީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރެކޯޑުކުރެވުނު 20.92 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީ މިންވަރެކެވެ. މީގެ އިތުރުން، ބިމުގެ މަތީ ފަށަލައާ ކައިރީގައިވާ ވައިގެ އެވަރެޖް ފިނިހޫނުމިން 16.27 ޑިގްރީ ސެލްސިއަސްގައި ހުރުމާއެކު، މިދިޔަ ސެޕްޓެމްބަރު މަސް ވެގެންގޮސްފައިވަނީ ދުނިޔޭގެ ތާރީޚުގައިވެސް ދެވަނައަށް އެންމެ ހޫނުގަދަ ސެޕްޓެމްބަރު މަހަށެވެ.

ހިއްސާ ކުރައްވާ!