ފިންލޭންޑުގެ ކުތުބުޚާނާތަކުގައި އިޖުތިމާއީ އާ އިންގިލާބެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ކުތުބުޚާނާތައް އުވި، ޚިދުމަތްތައް ހުއްޓެމުންދާ ދަނޑިވަޅެއްގައި، ފިންލޭންޑުން ވަނީ ކުތުބުޚާނާތަކުގެ މާނަ މުޅިން ބަދަލުކޮށް، އެތަންތަނަކީ ހަމައެކަނި ފޮތް ދޫކުރާ މަރުކަޒުތަކެއްގެ ބަދަލުގައި މުޖުތަމައު ގުޅުވައިދޭ އިޖުތިމާއީ އަދި ޑިމޮކްރެޓިކް މައިދާން ތަކަކަށް ހަދާފައެވެ.

ބީބީސީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 5.6 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފިންލޭންޑުގައި 700 އަށްވުރެ ގިނަ އާންމު ކުތުބުޚާނާ ހުންނައިރު، އެތަންތަނުން ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ޕޮޑްކާސްޓް ސްޓޫޑިއޯތަކާއި، 3ޑީ ޕްރިންޓިންގއާއި، ކުޅިވަރު ސާމާނުގެ އިތުރުން ސުއިމިންގ ޕޫލަށް ވަދެވޭނެ ފާސްތައް ދޫކުރުން ހިމެނެއެވެ. ފިންލޭންޑުގެ ތައުލީމާއި ސަގާފަތާ ބެހޭ ވުޒާރާގެ މަޢުލޫމާތުތައް ދައްކާގޮތުން، އެ ގައުމުގެ އާބާދީގެ 55 އިންސައްތަ މީހުން މަހަކު އެއްފަހަރު ކުތުބުޚާނާތަކަށް ޒިޔާރަތްކުރާއިރު، އަހަރަކު އެކަކު އެވަރެޖްކޮށް 9.1 ފަހަރު ކުތުބުޚާނާގެ ޚިދުމަތް ހޯދައެވެ.

ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގެ ކުތުބުޚާނާތަކުގެ ޑިރެކްޓަރު ކަޓްރީ ވަންޓިނެން ފާހަގަކުރެއްވި ގޮތުގައި، ފޮތްތަކަށްފަހު އެންމެ ގިނައިން އާންމުން ހޯދާ ޚިދުމަތަކީ ކިޔެވުމަށާއި، ބައްދަލުވުންތަކަށާއި، މިޔުޒިކް ފްރެކްޓިސްކުރުމަށާއި، ސިޔާސީ ބަހުސްތަކަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިތަކެވެ. މީގެ އިތުރުން، ކުޅިވަރު ސާމާނާއި، މިޔުޒިކީ އާލާތްތަކާއި، އަދި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމަށް ބޭނުންކުރާ ވަސީލަތްތައްވެސް ހިލޭ ދޫކުރެވެއެވެ.

އޯލޫ ޔުނިވަރސިޓީގެ އިންފޮމޭޝަން ސްޓަޑީޒްގެ ޕްރޮފެސަރު ނޫރާ ހިރްވޯނެން ވިދާޅުވި ގޮތުގައި، ކުތުބުޚާނާތަކަކީ މާހައުލު ތަނަވަސް އަދި ނަސްލަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް މައުލޫމާތު ހޯދައި، އިޖުތިމާއީ ބަހުސްތަކުގައި ބައިވެރިވެވޭނެ އާންމު މައިދާން ތަކެކެވެ. ޕްރޮފެސަރުންނާއި، ވަޒީފާއެއް ނެތް މީހުންނާއި، ގޭދޮރުނެތް މީހުންވެސް ބޭނުންކުރަނީ އެއް މާހައުލެއް ކަމަށްވުމުން، މިއީ ފިންލޭންޑުގެ ޑިމޮކްރެޓިކް އޮނިގަނޑުގެ ވަރަށް މުހިންމު ބައެކެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަތޭކައިން ގުނާލެވޭ ކުތުބުޚާނާތައް ބަންދުކުރަމުން ދާއިރު، ފިންލޭންޑުން ދަނީ ކުތުބުޚާނާތަކަށް ކުރާ ހޭދަ އިތުރުކޮށް، އެތަންތަނުގެ އާކިޓެކްޗަރަލް ފަރުމާތަކުން ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ.

އެގޮތުން 2019 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު އާ ކުތުބުޚާނާގެ މަގާމު ހޯދި ހެލްސިންކީގެ "އޯޑީ" ކުތުބުޚާނާއަކީ އޭގެ އާދައްޔާޚިލާފު ފަރުމާއާއި ދެވޭ ޚިދުމަތްތަކުގެ މުއްސަނދިކަމުން ދުނިޔޭގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހުގައި ފާހަގަކޮށްލެވޭ ތަނެކެވެ.

މިފަދަ ޚާއްސަ ސްޓްރެޓެޖީ ތަކުގެ ސަބަބުން، ފިންލޭންޑުގެ ކުތުބުޚާނާތައް ވެގެންގޮސްފައިވަނީ ގައުމީ ތަރައްގީއާއި، އިލްމީ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ހިންގާ އެންމެ ކާމިޔާބު އެއް މަޝްރޫއަށެވެ.

ހިއްސާ ކުރައްވާ!