އދ. ގެ ސަލާމަތީ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ ނިޒާމު އިޞްލާޙުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވި ގޮވާލެއްވުން ތަކުރާރުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕަރމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށްވެސް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކަށް އިސްކަންދިނުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ޚަލީލް މިފަދައިން ވާހަކަފުޅު ދެއްކެވީ އޮމާންގެ ވެރިރަށް މަސްޤަޠުގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ "އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތު" ގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަހަރު ބާއްވާފައިވާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ޝިއާރަކީ "ވޮޔޭޖް ޓު ނިއު ހޮރައިޒަންސް އޮފް މެރިޓައިމް ޕާޓްނަރޝިޕް" އެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ އައޯރާ ކޮންފަރެންސްއަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
އިންޑިއާ ކަނޑުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުޞަތުތަކާ ގުޅޭގޮތުންވެސް މިނިސްޓަރު ޚަލީލް ވަނީ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވާފައެވެ.




