ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވަނީ ރަޝިޔާ އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކީ "ވަރަށް ބޭނުންތެރި މަޝްވަރާތަކެއް" ކަމަށް ސިފަކުރައްވައި، ދެ ފަރާތުން އެއްބަޔަކު އަނެއް ބައެއްގެ ވާހަކަ އަޑުއެހުމަށް ފުރުސަތު ދީ، ކޮންމެ ފަރާތެއްވެސް އަނެއް ފަރާތް ދެނެގަތުމަށް މަސައްކަތް ކުރިކަމަށް ވިދާޅުވެފައެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލަވްރޯވް ވިދާޅުވީ ދެގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ މެދުގައި ހުރި ހުރަސްތައް ނައްތާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. "އަޅުގަނޑުމެން ކަންކަމާމެދު ދެކޭ ގޮތް އެމެރިކާ ފަރާތަށް ވިސްނޭ ކަމަށް ގަބޫލުކުރަން ޖެހޭ ހުރިހާ ސަބަބެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ރަޝިޔާގެ މިނިސްޓަރު އިތުރަށް ވިދާޅުވީ މޮސްކޯ އާއި ވޮޝިންޓަނަށް އާ ސަފީރުން އައްޔަން ކުރުމުގެ މަރުހަލާ އަވަސް ކުރުމުގެ އިތުރުން "ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ބައިޑަންގެ ވެރިކަމުން ގިނަ އަހަރުތަކެއް ވަންދެން އަޅާފައިވާ" ހުރަސްތައް އުވާލުމަށް ވެސް ދެ ފަރާތުން ވައުދުވެފައިވާ ކަމަށެވެ.
ހަމައެއާއެކު، ޔޫކްރޭނާ ގުޅޭ ސުލްހައިގެ މަޝްވަރާތަކުގެ ވާހަކަތައް ދެގައުމުން ވަގުތުން ފަށާނެކަން އިއުލާން ކުރައްވައި، މަޝްވަރާތަކަށް ދެގައުމުން މަންދޫބުން އައްޔަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު އެމެރިކާގެ ރޫބިއޯ އާއެކު ލާވްރޯވް ބައްދަލު ކުރެއްވިއިރު ޒެލެންސްކީ ވަނީ އަންކަރާގައި އެރުދުޣާންއާއެކު މަޝްވަރާތައް ބާއްވަވާފައެވެ. އަދި ޒެލެންސްކީ ހުރުކުރު ދުވަހު ސައޫދީއަށް ކުރއްވުމަށް ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލް ކުރައްވާފައެވެ.
އެމެރިކާއާއި ރަޝިޔާގެ މަޝްވަރާގެ މަގްސަދަކީ ދެފަރާތަށް ވިޔަފާރި ފައިދާ ވާގޮތަށް ގުޅުން ކުރިއަށް ގެންދިއުމެވެ.



